Advertisement
ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 19:15
ހައްޖުވެރިންތަކެއް އެއާޕޯޓުގައި
ހައްޖުވެރިންތަކެއް އެއާޕޯޓުގައި
ހައްޖު ކޯޕަރޭޝަން
ޕެންޝަން ފަންޑު
ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ އިސްލާހު މަޖިލީހަށް ބަލައިގެންފި
50 ޕަސެންޓް ދައްކާނީ ޕެންޝަން ފަންޑުން

ޕެންޝަން ފަންޑުގެ ފައިސާ އިން ހައްޖުގެ އަޅުކަން އަދާކުރެވޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕޫގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އެ އިސްލާހު ބަލައިގަތީ 56 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ބަލައިގަތުމަށް ސަރުކާރުގެ ކޯލިޝަންގެ މެމްބަރުންގެ އިތުރުން އިދިކޮޅު ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުން ވެސް ވޯޓު ދެއްވިއެވެ. އެ ބިލު ދިރާސާ ކުރަން ފޮނުވާފައި ވަނީ އިޖުތިމާއީ ކޮމެޓީއަށެވެ.

ޕެންޝަން ފަންޑުގެ ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ހައްޖަށް ދިއުމަށް ދައްކާ ފައިސާގެ 50 ޕަސެންޓް ދައްކާނީ ޕެންޝަން ފަންޑުން ކަމަށެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާއި ބެހޭ ގާނޫނު ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެއެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި އިސް ރަށްވެހިންނަށް ދޭ އިނާޔަތަކީ 5000 ރުފިޔާ ކަމުގައި ގާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާފައިވެއެވެ. ގާނޫނުގައި މިހާރު ބުނެފައި ވަނީ އިސް ރަށްވެހިންނަށް ދެވޭނީ 2000 ރުފިޔާ ކަމަށެވެ. ނަމަވެސް ގާނޫނަށް ބަދަލު ނު ގެނެސް، 5000 ރުފިޔާގެ އިނާޔަތް ދައުލަތުން ދަނީ އިސް ރަށްވެހިންނަށް ދެމުންނެވެ.

ބިލު ހުށަހަޅުއްވަމުން މެމްބަރު އަސްލަމް ވިދާޅުވީ ޕެންޝަންގެ ފާއިސާ އިން އެކި ކަންކަން ކުރަން ޕެންޝަން ސްކީމްގައި ބައިވެރިވެފައިވާ މީހުން އަބަދު ވެސް ބޭނުންވެފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަސްލަމް ވިދާޅުވީ ޕެންޝަން ސްކީމްގެ ބައިވެރިންނަށް ހަމަޖެހިގެން ދިޔަ އެންމެ މުހިންމު އެއް ކަމަކީ ސްކީމްގެ ބައިވެރިންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފާއިސާ ދެއްކުމުގެ ފުރުސަތު ހަމަޖެހިގެން ދިއުން ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

"ހައްޖުގެ އަޅުކަން އަދާކުރަން ކޮންމެ މީހަކު ބޭނުންވޭ. އެ މީހަކު ކުރާ ބުރަ މަސައްކަތުން އާމްދަނީ އެއްކޮށްގެން ސޭވްކޮށްގެން ދާން ބޭނުންވަނީ. މި ފަދަ ސްކީމެއްގެ ދަށުން މިކަން ކޮއްދޭކަމުގައި ވަނީ ނަމަ ހަގީގަތަކީ ކޮންމެ މީހަކަށްމެ މި ފުރުސަތު ހުޅުވާލެވިގެން މި ދަނީ،" އަސްލަމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް