Advertisement
ކ. މާލެ
|
11 ޑިސެންބަރ 2018 | އަންގާރަ 13:22
އެޓާނީ ޖެނެރަލްގެ އޮފީސް
އެޓާނީ ޖެނެރަލްގެ އޮފީސް
މުހައްމަދު ޝަރުހާން
އޭޖީއޮފީސް
ލޯނުތަކާއި ކޮންޓްރެކްޓްތައް މުރާޖާ ކުރުމުގެ މަސައްކަތް އޭޖީ ފަށައިފި
ރީ-ނެގޯޝިއޭޓްކުރުމުގެ ފުރުޞަތު އޮތް މިންވަރެއް ދަނީ ދެނެގަންނަމުން
އިޞްލާޙު ގެންނަންޖެހޭ ޤާނޫނުތައް ދަނީ ބަދަލުން

ދައުލަތް ދަރަނި ވެރިވާ ގޮތަށް ނަގާފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް މުރާޖަޢާކޮށް، އަލުން ރީނެގޯޝިއޭޓްކުރެވޭނެ ތަނެއް އޮތްތޯ ބެލުމަށް ބަންޑާރަ ނައިބްގެ އޮފީހުގައި ކޮމިޓީއެއް އެކުލަވާލައި، އެ މަސައްކަތް އެ ކޮމިޓީއާ ޙަވާލުކޮށްފައިވާ ކަމަށް އެ އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފިއެވެ.

އޭޖީ އޮފީހުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ އެކަމާގުޅޭ އެއްބަސްވުންތައް މުރާޖަޢާ ކުރުމަށްފަހު، އެ އެއްބަސްވުންތަކަށް ވާޞިލުވުމުގައި ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަށް ނިންމާފައިވާ ކަމަށައި އޭގެ ތެރެއިން ޤައުމުގެ ސިޔާދަތަށް ގެއްލުންވާ ގޮތަށް އެކުލަވާލައި ސޮއިކޮށްފައިވާ އެއްބަސްވުންތަކެއްވާނަމަ އަލުން އެ އެއްބަސްވުންތައް ރީ-ނެގޯޝިއޭޓްކުރުމުގެ ފުރުޞަތު އޮތް މިންވަރެއް ދެނެގަނެ، އެ ފުރުޞަތު އޮތް އެއްބަސްވުންތައް އިޞްލާޙުކުރެވޭނެ ކަމަށެވެ.

އެގޮތުން އެއްބަސްވުންތަކާއި، ސޮވްރިން ގެރެންޓީގެ އެއްބަސްވުންތަކާއި، ހައުސިންގ އަދި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކާގުޅޭ އެއްބަސްވުންތަކާއި، ޢާންމު ޚިދުމަތްތަކާއި ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ އެއްބަސްވުންތަކާއި، ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓްތަކާގުޅޭ އެގްރީމަންޓުތައް ހިމެނޭކަމަށް އެއޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދައި ދިނުމަށް، ފާސްކޮށްފައިވާ ޤާނޫނުތައް ބަލައި މުރާޖަޢާކުރުމަކީވެސް، ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައިވާ ކަމަކަށްވާތީ، އެ މަސައްކަތް ކުރުމަށްޓަކައި އެ އޮފީހުގައި ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ މަސައްކަތް ފަށާފައި ވާކަމަށް އޭޖީ އޮފީހުގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

އަލަށް އެކުލަވާލަންޖެހޭ ޤާނޫނުތަކާއި، ޢަމަލުކުރެވެމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭ ޤާނޫނުތައް ފާހަގަކޮށް، އެ ވަޢުދުތައް ކަނޑައަޅުއްވާފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ކުރެއްވުމަށް މަގު ފަހިކޮށްދިނުމަށް ޓަކައި ކަމާގުޅޭ ބިލުތައް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ މަޝްވަރާއާއެކު ކުރަމުން ދާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެކަމަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތައް ފަށައި، އޭގެ ތެރެއިން ބައެއް މަސައްކަތްތައް ނިމިފައިވާކަން އެއޮފީހުގެ ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް