Advertisement
ކ. މާލެ
|
11 ޑިސެންބަރ 2018 | އަންގާރަ 12:05
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް 2018
ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ގޮތަށް އިސްލާހު ހުށަހަޅައިފި
ޕެޝަންފަންޑުން ދައްކާނީ 50 ޕަސެންޓް ފައިސާ

ޕެންޝަން ފަންޑުގެ ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕޫގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ހައްޖަށް ދިއުމަށް ދައްކާ ފައިސާގެ 50 ޕަސެންޓް ދައްކާނީ ޕެންޝަން ފަންޑުން ކަމަށެވެ.

ޕެންޝަން ގާނޫނަށް ގެނެވޭ ދެ މުހިންމު ބަދަލުގެ ތެރެއިން މުހިންމު އެއް ބަދަލަކީ މޯލްޑިވްސް ރިޓަރޔަމަންޓް ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ ކޮންމެ މީހަކަށް އޭނާގެ ސްކީމްގެ ސޭވިންގ އެކައުންޓުން ފަރްޟު ހައްޖުގެ އަޅުކަން އަދާކުރުމަށް ފާއިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެންނަން ހުށަހެޅުނު ބަދަލެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ޕެންޝަންގެ ފާއިސާއިން އެކި ކަންކަން ކުރަން ޕެންޝަން ސްކީމްގައި ބައިވެރިވެފައިވާ މީހުން އަބަދުވެސް ބޭނުންވެފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ މެމްބަރުކަންވެސް އަދާކުރައްވަމުން އަންނަ އަސްލަމް ވިދާޅުވީ ޕެންޝަން ސްކީމްގެ ބައިވެރިވެންނަށް ހަމަޖެހިގެން ދިޔަ އެންމެ މުހިންމު އެއް ކަމަކީ ސްކީމްގެ ބައިވެރިންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފާއިސާ ދެއްކުމުގެ ފުރުސަތު ހަމަޖެހިގެން ދިއުން ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

"ހައްޖުގެ އަޅުކަން އަދާކުރަން ކޮންމެ މީހަކު ބޭނުންވޭ. އެ މީހަކު ކުރާ ބުރަ މަސައްކަތުން އާމްދަނީ އެއްކޮށްގެން ސޭވްކޮށްގެން ދާން ބޭނުންވަނީ. މި ފަދަ ސްކީމެއްގެ ދަށުން މިކަން ކޮއްދޭކަމުގައިވަނީ ނަމަ ހަގީގަތަކީ ކޮންމެ މީހަކަށްމެ މި ފުރުސަތު ހުޅުވާލެވިގެން މި ދަނީ" އަސްލަމް ވިދާޅުވިއެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާއި ބެހޭ ގާނޫނަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެއެވެ.

ދެ ވަނަ ބަދަލެއްގެ ގޮތުގައި ސަރުކާރުން ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ ބަދަލަކީ އަސާސީ ޕެންޝަންގެ ގޮތުގައި އިސްރަށްވެހިންނަށް ދޭން މިހާތަނަށް ގާނޫނުގައި ލިޔެފައިވާ 2000 ރުފިޔާ 5000 ރުފިޔާއަށް ބަދަލުކޮށް ގާނޫނުގައި ލިޔެ ބަޔާންކުރުމަށް ގެނެވުނު ބަދަލެވެ.

އަސްލަމް ވިދާޅުވީ މިހާރު އިސްރަށްވެހިންނަށް ދެމުން އަންނަ 5000 ރުފިޔާ ދެމުން އައީ ގާނޫނުން ބޭރުން ކަމަށާއި، ގާނޫނުގެ ބޭރުން ކަން ކުރަމުން އަންނަ އުސޫލަކީ މި ސަރުކާރުން ދަންނަ އުސޫލެއް ނޫން ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ މެމްބަރުކަންވެސް ކުރައްވަމުން އަންނަ އަސްލަމް ވިދާޅުވީ މީގެ ފަހުން ގާނޫނެއްގެ ތެރެއިން އިސްރަށްވެހިންނަށް 5000 ރުފިޔާ ލިބެމުންދާނެ ކަމަށާއި، މީގެ ކުރިން 5000 ރުފިޔާ ދެމުން އައީ ރިޔާސީ ވައުދެއްގެ ތެރެއިން ގާނޫނުގައި ނުލިޔެ ކަމަށެވެ.

"އޭރަކު ހުންނަ ރައީސުލްޖުމްހޫރިއްޔާއަކަށް ފެނިވަޑައިގަންނަވާނަމަ ދެއްވަންވީ، ފެނިވަޑައިނުގަންނަވާނަމަ ނު ދެއްވަންވީ. އަދި ވަރަށް ބޮޑަށް ދެކެވެމުން އަންނަ ވާހަކައެއް އެ 5000 ރުފިޔާއެއް ދެން އާންމުކޮށް ލިބެމުން ނުދާނެޔޭ މި ވެރިކަމުގައި. އެއީ ރިޔާސީ ކެމްޕޭން ތެރެއިން އިވުނު އަޑުތަށް. ނަމަވެސް ކަންމިވީ އެހެނެއް ނޫން. ކަންމިވީ އޯގާތެރިވެރިއެއްގެ އޯގާތެރި ސަރުކާރެއް އައުމުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މި ވަނީ ގާނޫނަށް ބަދަލު ގެންނަވާފައި" އަސްލަމް ވިދާޅުވިއެވެ.

މިހާރު ގާނޫނަށް ގެނެވުނު ބަދަލަކީ އަސާސީ ޕެންޝަންގެ އަދަދު 5000 ރުފިޔާގެ ގާނޫނުގެ ލިޔެ ގާނޫނެއްގެ ތެރެއަށް އެ އަދަދު ފެއްތުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އިސްރަށްވެހިންނަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދެމުން އައި 2000 ރުފިޔާ 5000 ރުފިޔާއަށް ބަދަލުކޮށް ދެއްވަން ފެއްޓެވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
11 ޑިސެންބަރ 2018 | އަންގާރަ 09:58
ޕެންޝަން ކަލޯ
ފާހަގަކުރެވޭ ޕޮއިންޓްތައް: 1- ދިރާސާކުރަންވާވަރަށް ދިރާސާނުކުރާކަން 2- އަސާސީ ޕެންޝަން 5000ރ އަށް ބަދަލުކުރުމުން ބައެއްމީހުންނަށް މިހާރު ޕެންޝަންގެ ގޮތުގައި މަހުން މަހަށް ލިބޭ އަދަދު މަދުވާނެކަން!!! 3- ޕެންޝަން ފައިސާއިން ނަމުގައި ހައްޖަށް ދިޔަޔަސް އާޚިރުގައި އޭގެތެރެއިން ވަރަށްގިނަ މީހުންނަށް އެފައިސާ ދައުލަތުން ޚަރަދުވާނެކަން. ސަބަބަކީ މެމްއާރުޕީއެސް ފައިސާ އަވަހަށް ހުސްވާނެތީ 4- އަސާސީ ޕެންޝަން 5000ރ އަށް ބަދަލުކުރުމުން، ގާނޫނުގައިވާގޮތުން އެމްަޢާރުޕީއެސްގެ އެންމެ މަދުމިންވަރުގެ ގޮތުގައި ދޭންޖެހޭ އަދަދުވެސް 5000ރ އަށް ބަދަލުކުރަން ޖެހޭނެކަން. މީގެ ސަބަބުން އެމްއާރުޕީއެސް ފައިސާ އަވަހަށް ހުސްވެ، މާއަވަސަށް އަސާސީ ޕެންޝަން ދޭންޖެހި، ދައުލަތުގެ ޚަރަދު ބޮޑުވުން
11 ޑިސެންބަރ 2018 | އަންގާރަ 07:41
ޝާން
50% ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން. ރައީސްގެ ވައުދު ގަ ވިދާޅުވަނީ ޕެންޝަން އެކައުންޓްގަވާ ފައިސާއިން ހައްޖައް ދެވޭނެގޮތް ހަމަޖައްސައިދެއްވާނަމޭ. %50 ދިނުމުން އަދި މީހަކަށް މަދުވެގެން 35 ހާސްރުފިޔާ ހޯދަންއެބަޖެހޭ. އަޅުގަނޑުމެން މިކިޔަނީ ލައްކައިން އެކައުންޓްގަ ހުރިފައިސާއިން ދެމަފިރިންނަށް ހައްޖައްދެވޭނެގޮތް ހަމަޖައްސަވައިދެއްވާށޭ. ސަރުކާރުގެ ނުވަތަ އެހެންފަރާތެއްގެ ފައިސާއަކަށް ނޭދެން. އުމުރުން ދުވަސް ވީމަ ޕެންޝަން ނުދިނަސް އޯކޭ.