ކ. މާލެ
|
11 ޑިސެންބަރ 2018 | އަންގާރަ 06:54
ޑރ. އުރުޖިތު ޕަޓޭލް
ޑރ. އުރުޖިތު ޕަޓޭލް
އޭއެފްޕީ
އިންޑިއާގެ އިގްތިސާދު
އިންޑިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އިސްތިއުފާ ދެއްވައިފި
އޭނާ ބުނެފައި ވަނީ މަގާމުން އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް
މަރުކަޒީ ބޭންކުގައި ހަ އަހަރު މަސައްކަތް ކޮށްފައިވޭ

ސަރުކާރުން އޭނާގެ މަސައްކަތަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އިންޑިއާގެ މަރުކަޒީ ބޭންކު ކަމުގައިވާ ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރު އުރުޖިތު ޕަޓޭލް އިސްތިއުފާ ދެއްވައިފި އެވެ. 

ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި އުރުޖިތު ހާމަކޮށްފައިވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށެވެ. ނަމަވެސް އިންޑިއާގެ ގިނަ މީޑީއާތަކުން ވަނީ އުރުޖިތު ހުރީ ސަރުކާރުން ތަފާތު އެކި ފަހަރު މަތިން ނުފޫޒުފޯރުވަން މަސައްކަތް ކޮށްފައިވާތީވެ އެކަމާ ހިތްހަމަ ޖެހިފައިނުގެން ކަމަށް ބުނެ މީގެ ދުވަސްކޮޅެއް ކުރިން ރިޕޯޓު ކޮށްފައެވެ.

މައުލޫމާތު ލިބިފައިވަ ގޮތުގައި ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވަނީ އަންނަ އަހަރުގެ އިންތިހާބު އައުމުގެ ކުރިން، ނަރެންދުރަ މޯދީގެ ސަރުކާރަށް ތާއީދު ހޯދުމަށް އިގްތިސާދީ ސިޔާސަތުތައް ބައްޓަން ކުރުމަށެވެ. މީގެ ތެރޭގައި އިންޓްރެސްޓް ރޭޓު ދަށް ކުރުމަށާއި އިގްތިސާދީ ކުރިއެރުމުގެ ދުވެލި ހަލުވިރުމަށް ދައުލަތުގެ ފައިސާގެ ރިޒާވުން ފައިސާ ނެގޭނެ ގޮތް ހަމަޖައްސައި ދިނުން ހިމެނެއެވެ.

އުރްޖިތުގެ އިސްތިއުފާ އާއި ގުޅިގެން ބޮޑު ވަޒީރު މޯދީ ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވެފައިވަނީ ޑރ.އުރުޖިތު ޕަޓޭލްއަކީ ވަރަށް ރަނގަޅަށް މަސައްކަތްކުރައްވާ، ވަރަށް ސާބިތުކަމާއިއެކީ ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އޭނާ ފާއިތުވެ ދިޔަ ހަ އަހަރު އޭނާ ކުރި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

 

 

ޑރ. އުރުޖިތު ޕަޓޭލް ގަވަރުނަރުގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ހުންނެވީ މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަގާމުގައެވެ. އޭނާ ގަވަރުނަރުކަމާއި ހަވާލުވެވަޑައިގަތީ 2015 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. ޑރ. އުރުޖިތުއަކީ އިކޮނޮމިކްސްގެ ދާއިރާއިން ކިޔަވައިގެން ހުރި ތަޖުރިބާކާރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް