ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 22:38
އދ. ގެ ސެކެެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެސް
އދ. ގެ ސެކެެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެސް
އަޒުމޫން އަހުމަދު
އެކުވެރި ދައުލަތްތައް
އދ. އިން ހިޖުރަކުރުމާއި ބެހޭ ބައިނަލްއަގްވާމީ އެއްބަސްވުމެއް ފާސްކޮށްފި
މި މުއާހަދާ ފާސްކުރީ 150 އަށްވުރެ ގިނަ މެމްބަރުންގެ އަޣްލަބިއްޔަތުން
މުއާހަދާގެ މަގްސަދަކީީ ހިޖުރަކުރުމުގެ ކަންކަން މިހާރަށް ވުރެން ރަނގަޅަށް ބެލެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން

"ދި ގްލޯބަލް ކޮމްޕެކްޓް ފޮރ ސޭފް، އޯޑާލީ އެންޑް ރެގިއުލާ މައިގްރޭޝަން"ގެ ނަމުގައި އދ. އިން ބައިނަލްއަގްވާމީ ހިޖުރަ ކުރުމާއި ބެހޭ އެއްބަސްވުމެށް ފާސްކޮށްފިއެވެ.

މި މުއާހަދާގެ މަގްސަދަކީ ގައުމީ، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ހިޖުރަކުރުމުގެ ކަންކަން މިހާރަށް ވުރެން ރަނގަޅަށް ބެލެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމެވެ. ހާއްސަކޮށް ހިޖުރަވެރިންނަށް ހިޖުރައިގެ ދަތުރު މަތީގަ އާއި ހިޖުރަކުރުމަށް ފަހު ދިމާވާ ދަތި އުނދަގޫ ކަންތައްތަކުން ސަލާމަތް ވެވޭނެ މަގު ފަހިކޮށްދިނުމެވެ.

މޮރޮކޯގައި ބޭއްވުނު ކޮންފަރެންސްގައި، 150 އަށްވުރެ ގިނަ ގައުމުން މި މުއާހަދާ އާއި އެއް ކޮޅަށް ވޯޓު ދިންއިރު، މިއީ އެމެރިކާ ފިޔަވައި ދެން ތިބި މެމްބަރު 192 ގައުމަކުން ބަލައިގަންނަން މި އަހަރުގެ ޖުލައި މަހު ނިންމާފައިވާ މުއާހަދާއެކެވެ. ނަމަވެސް އޮސްޓްރޭލިޔާ، ހަންގޭރީ، ޕޮލެންޑް އަދި އިޓަލީ ފަދަ ގައުމުތަކުން ވަނީ މި ބައްދަލުވުމަށް ހާޒިރުވުމަށް އުޒުރުވެރިވެ، ސޮއި ނުކުރާނެ ކަން ހާމަކޮށްފައެވެ.

މި ބައްދަލުވުން އިފްތިތާހު ކޮށްދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެސް ވިދާޅުވީ މި މުއާހަދާއަކީ ވަރަށް ގިނަ ދުވަހު ގެ ބުރަ މަސައްކަތް ކަމަށެވެ. ހިޖުރަކުރުން މިހާ އާންމު ވެފައިވާ އިރު، އެކަން ވާން ޖެހޭނީ ނުރައްކާތެރި ކަމެއްގެ ބަދަލުގައި ރައްކާތެރި ކަމަކަށް ކަމަށް ގުޓޭރެސް ވިދާޅުވިއެވެ. އަދި މިކަން ކުރުމަށް ގައުމުގު ސިޔާސަތުތައް ކާމިޔާބު ކަމާއި އެކު ބައްޓަން ކުރެވެނީ ބައިނަލްއަގްވާމީ ފެންވަރެއްގައި އެއްބާރުލުން ލިބިގެންކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

އ.ދ. ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 258 މިލިއަން މީހުން ހިޖުރަކޮށްފައި ވެއެވެ. މިއީ 2000 ވަނަ އަހަރާ އަޅައި ބަލާއިރު 50 ޕަސެންޓު އިތުރު އަދަދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް