ކ. މާލެ
|
10 ޑިސެންބަރ 2018 | ހޯމަ 18:23
ދަރުމަވަންތަ ހޮސްޕިޓަލް: މި ހޮސްޕިޓަލް އިމާރާތްކުރުމަށް ޗައިނާ ހާބަރ އިންޖިނިއަރ ކުންފުނިން ހުށަހެޅި އަގަކީ 53.3 މިލިއަން ޑޮލަރު
ދަރުމަވަންތަ ހޮސްޕިޓަލް: މި ހޮސްޕިޓަލް އިމާރާތްކުރުމަށް ޗައިނާ ހާބަރ އިންޖިނިއަރ ކުންފުނިން ހުށަހެޅި އަގަކީ 53.3 މިލިއަން ޑޮލަރު
އަހުމަދު މުހުސިނު
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
އެމްއެމްޕީއާރުސީން ލިބުނު ގެއްލުމާ އެއްވަރުގެ ގެއްލުމެއް
މަޝްރޫއު ދިނީ ބަޔަކަށް މަންފާއެއް ހޯދަންކަމަށް ތުހްމަތުކުރެވޭ
އޭސީސީން މައްސަލަ ރަނގަޅަށް ތަހްގީގުކުރި ކަމާމެދު ސުވާލު އުފެދޭ

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުގެ ހަވާލުކުރުމުގެ މަސައްކަތް ފެށީ އެއްވެސް ބިޑްކުރުމެއް ނެތި ޕްރޮޖެކްޓްތައް ހަވާލުކުރެވޭނެ ގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހުކުރުމަށް ފަހު އެވެ.  އެގޮތުން ރާއްޖޭން ސިންގަޕޫރުގެ ދެ ކުންފުންޏަކާއި ޗައިނާގެ ކުންފުންޏަކަށް އަގު ހުށަހަޅަން ފުރުސަތު ދިނެވެ. އޭގެ ތެރެއިން އަގު ހުށަހެޅީ، ސިންގަޕޫރުގެ ސެންހުއާ ކުންފުންޏަކުންނާއި ސިނަމާލެ ބުރިޖް ހެދި ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުނިންނެވެ. ސެންހުއާއިން ދަރުމަވަންތަ ހޮސްޕިޓަލް ހެދުމަށް 140 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހުށަހެޅިއިރު، ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުނިން ހުށަހެޅީ 53.3 މިލިއަން ޑޮލަރު (821.8 މިލިއަން ރުފިޔާ) އެވެ. މި އަގަށް ބަލާއިރު، ދަރުމަވަންތަ ހޮސްޕިޓަލް މިހާރު ހަދަމުން އެދަނީ 86.7 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) އަގުބޮޑުކޮށެވެ.   

މި މަސައްކަތް ސެންހުއާ ކުންފުންޏާ ހަވާލުކުރަން ނިންމީ ވަޒީރުންގެ މަޖިލީހުގެ އިކޮނޮމިކް ކައުންސިލުންނެވެ. އެފަދަ މަސައްކަތަކަށް 140 މިލިއަން ޑޮލަރު ރަނގަޅު ކަމަށް ދެކި، އެ އަގު އިކޮނޮމިކް ކައުންސިލުން ދިފާއުކޮށްފައިވެ އެވެ. އެ މަސައްކަތް 27 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް ސެންހުއާއާ ހަވާލުކުރީ، އެތަނަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް ސާމާނާއި މެޝިނަރީ ނުލައެވެ. ހަމައަނި ކޮންކްރީޓް އެއް ޓަވަރު ހަދާފައިވާއިރު ސަރުކާރާއި ސެންހުއާއިން ފުރަތަމަ ދެއްކި ކުރެހުންތަކުގައި 12 ބުރީގެ އިތުރު ދެ ޓަވަރު ހުރެ އެވެ. ނަމަވެސް އެ ދެ ޓަވަރު ވީނުވީއެއް ނޭނގޭއިރު، ހަމައެކަނި 125 ބުރީގެ އިމާރާތެއް ހެދުމަށް 140 މިލިއަން ޑޮލަރު ހޭދަކޮށްލުމަކީ ހަމަ އަގެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ޑިޒައިންކޮށްފައިވާ ސިންގަޕޫރުގެ ކޭސީއެލް ކޮންސަލްޓެންޓުގެ ވެބްސައިޓްގައިވާ ގޮތުން އެ އިމާރާތުގެ ޖުމުލަ ފްލޯ އޭރިއާއަކީ 30،921 އަކަ މީޓަރެވެ. ނުވަތަ 332،830.87 އަކަ ފޫޓެވެ. މިއީ ރަނގަޅު އޭރިއާކަމަށް ބަލާނަމަ، އަކަ މީޓަރެއް އިމާރާތްކުރުމަށް 4527،68 ޑޮލަރު ޖެހެ އެވެ. ދިވެހި ރުފިޔާއިން ނަމަ އަކަ މީޓަރެއް 69،816.63 ރުފިޔާ އަށެވެ. އަކަ ފޫޓެއްގެ އަގަކީ 6486.2 ރުފިޔާ އެވެ. މިއީ ހައިރާންވާވަރުގެ ބޮޑު އަގެކެކެވެ. އިމާރާތްކުރުމުގެ ދާއިރާގައި ނަން ހިންގާ ބައެއް ކުންފުނިތަކުން ބުނާ ގޮތުގައި، މާލޭގައި އަދި ހުޅުމާލޭގައި އެންމެ މަތީ ފަންތީގެ ފުލީ ފާނިޝްޑްކޮށް ނިންމުމަށް ވެސް އަކަ ފޫޓަކަށް ޖެހެނީ 2،000 ރުފިޔާ އެވެ. މި އަގަށް ބަލާއިރު، ދަރުމަވަންޓް ހޮސްޕިޓަލް 665.7 ރުފިޔާ (43.2 މިލިއަން ޑޮލަރު) އަށް ހެދޭނެ އެވެ. ދަރުމަވަންތަ ހޮސްޕިޓަލް ހެދުމަށް ޗައިނާގެ ކުންފުނިން ހުށަހެޅީ 53.3 މިލިއަން ޑޮލަރެވެ. އެހެންވެ، މާކެޓް ރޭޓަށް ބަލާއިރު، މިފަދަ އިމާރާތެއް ހެދުމަށް އެންމެ ގާތްކުރާ އަގަކީ ވެސް އެއީ އެވެ.

ސިއްސައިގެންދާވަރުގެ  ބޮޑު އަގެއްގައި ހޮސްޕިޓަލް އިމާރާތްކުރަން ހަވާލުކުރުމަށް ފަހު ބުނަމުން ގޮސްފައި ވަނީ މިއީ ވަރަށް ހާއްސަ އިމާރާތެއް ކަމަށެވެ. އިމާރާތް ނިންމަން ހަވާލުކޮށްފައި ވަނީ ވަރަށް ވެސް ކުރު މުއްދަތެއްގައި ކަމަށާއި، މައިކްރޯޕައިލްކުރަންޖެހޭ ކަމަށާއި ދެ ކެރޭން ގެންނަންޖެހޭ ކަމަށާއި މިފަދަ އިމާރާތެއް ނިންމުމުގެ ހަމަ ހަގަކީ 140 މިލިއަން ޑޮލަރު ކަމަށް ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗް ބޯޑާއި އިކޮނޮމިކް ކައުންސިލުން ވެސް ގަބޫލުކުރި އެވެ.

މާލޭގައި އެންމެ މަތީ ފަންތީގެ އިމާރާތެއް ހެދުމަށް ހިނގާނެ ހަރަދަށްވުރެ، ދަރުމަވަންތަ ހޮސްޕިޓަލް ހެދުމަށް ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުނިން ހުށަހެޅި އަގު 10 މިލިއަން ޑޮލަރު ބޮޑެވެ. އެ އަގަށް 25 ޕަސެންޓް އިތުރުކުރުމުން ވެސް ދަރުމަވަންތަ ހޮސްޕިޓަލް 66.6 މިލިއަން ޑޮލަރަށް ނިންމެ އެވެ. އެހެންވެ، މި މަޝްރޫއުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުން، އެމްއެމްޕީއާރުސީގެ ޖަރީމާއިން ދައުލަތަށް ލިބުނު ގެއްލުމަށް ވުރެ ކުޑައެއް ނޫނެވެ.

ޖޫން 5، 2016 ވަނަ އަހަރު ބިންގާ އެޅި ދަރުމަވަންތަ ހޮސްޕިޓަލްގެ މައްސަލަ އޭސީސީން ތަހްގީގުކުރުމަށް ފަހު ކޮރަޕްޝަންގެ އަމަލެއް ނުވާ ކަމަށް ނިންމީ އެ އަހަރުގެ ޑިސެމްބަރު މަހު އެވެ. ހަމަ މަސް ދުވަހުގެ ތަހުގީގަށް ފަހު އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ މައްސަލަ ތަހްގީގުކުރުމުގައި މިނިވަން އެ ކޮމިޝަނުން ބަލާފައިވަނީ ސަރުކާރުގެ އިދާރާތަކުން ނިންމި ނިންމުންތަކަށާއި ލިޔެކިޔުންތަކަށް އެކަންޏެވެ.

މަޝްރޫއު ސެންހުއާ ކުންފުންޏަށް ދިނުމަށް ނިންމި ސަބަބުތައް

  • 140 މިލިއަން ޑޮލަރަކީ އެފަދަ އިމާރާތެއް ކުރުމުގެ ހަމަ އަގުކަމަށް ގަބޫލުކުރުން
  • ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުނިން ހުށަހެޅި 53.3 މިލިއަން ޑޮލަރުގެ އަގަކީ އިމާރާތްކުރުމުގެ މައިގަނޑު މަސައްކަތް ފެށުމުގެ ކުރިން ހިނގާނެ ހަރަދުކަމަށް ނިންމުން
  • ޗައިނާ ހަބަރ އިންޖިނިއަރިން ކުންފުނީގައި ހޮސްޕިޓަލް ފަދަ ތަންތަން އިމާރާތްކުރުމުގެ ތަޖުރިބާ ނެތް ކަމަށް ނިންމުން
  • މިނިސްޓްރީ އޮފް ހެލްތުގެ ޓެކްނިކަލް ޓީމުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލްގައި ހިމަނާފައިވާ އަގާ އެންމެ ގާތްކުރާ އަގަކީ ސެންހުއާގެ އަގުކަމަށް ވުން
  • މަޝްރޫޢަކީ ޑިޒައިން، އަރކިޓެކްޗަރ އަދި ޕްލޭނިންގ އަށް ވަކި ބަޔަކު ނަގައިގެން އެ ކުންފުނިން ކުރާ ކަމެއްކަމުން އަގު ބޮޑުވެދާނެތީ
  • 10 އަހަރުގެ މާސްޓަރޕްލޭނެއް އެކުންފުނިން ހަދައިދޭތީ
  • މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަމަށް ވާތީ (އިމާރާތް ނިންމަން ހަވާލުކުރީ 27 މަހަށް)
  • ސްޓީލް ސްޓްރަކްޗަރއިން މި މަޝްރޫޢު ކުރިޔަށް ނުގެންދެވޭނެތީ، މައިކްރޯ ޕައިލިންގްސް އަށްވެސް ބޮޑު ޚަރަދެއް ކުރަންޖެހުން
  • މަޝްރޫޢަށް 2 ކެރޭން ގެންނަންޖެހުން
  • މި ޢިމާރާތުގައި ކަސްޓަމައިސްޑް 4 ލިފްޓް ބަހައްޓަންޖެހުން
  • ޑައިގްނޯސްޓިކް ސެންޓަރއަށް ބޭނުންކުރާ އިލެކްޓްރިކް ވައިރިންގ އެހެން ފްލޯރތަކަށް ބޭނުން ނުކުރެވޭނެތީ، ކަރަންޓް ވައިރިންގ ވަކިވަކި ފްލޯތަކަށް ތަފާތުވާތީ އިތުރަށް އަގުބޮޑުވާނެތީ

މި މަޝްރޫހުގެ ސެންހުއާ ކުންފުންޏަށް ދިނުމަށް އައިޖީއެމްއެޗްގެ ބޮޑުން ނިންމިއިރު، ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބިޔަ މަޝްރޫއުކަމުގައިވާ ބްރިޖް ހެދި ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުނިން ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރުމަށް ހުށަހެޅި 53.3 މިލިއަން ޑޮލަރަކީ ޕްރޮޖެކްޓްގެ މައިގަނޑު މަސައްކަތް ފެށުމުގެ ކުރިން ހިނގާނެ ކަމަށް ލަފާކުރާ އަގެއް ކަމަށްވުން ކަމަށް ނިންމާފައިވެ އެވެ. އައިޖީއެމްއެޗްގެ ބޯޑުގެ އެ ނިންމުމުގެ މައްޗަށް ބަލައި، ކޮރަޕްޝަނެއް ނެތްކަމަށް އޭސީސީން ނިންމިއިރު، މާލޭގައި އިމާރާތްކުރުމުގެ އަގުތަކަށް ބަލާއިރު، ޗައިނާ ކުންފުނީގެ އަގަކީ ހޮސްޕިޓަލްގެ މުޅި އިމާރާތް ހިންގުމަށް ހިނގާނެ ގަބޫލުކުރެވޭ އަގެކެވެ. އަދި ދެ ކުންފުނީގެ އަގުގެ ފަރަގު 87 މިލިއަން ޑޮލަރަށް އަރާފައިވާއިރު މިނިވަން ފަރާތެއް މެދުވެރިކޮށް، އިމާރާތްކުރުމުގެ އަގު އޭސީސީން ކަށަވަރުކޮށްފައެއް ނެތެވެ.

ޗައިނާ ކުންފުނީގެ އަގަކީ "އިމާރާތްކުރުމުގެ މައިގަނޑު މަސައްކަތް ފެށުމުގެ ކުރިން ހިނގާ ހަރަދެއް" ކަމަށް ނިންމުމުން އެއީ ހަގީގަތެއްތޯ ކަށަވަރުކުރުމަށް އޭސީސީން މަސައްކަތްކޮށްފައެއް ނެތެވެ. މިވަރުގެ އިމާރާތެއް ހެދުމުގެ ކުރިން 53.3 މިލިއަން ޑޮލަރު ހަރަދުވެދާނެ ކަމަށް ބެލުމަކީ އާންމު އިންސާނެއްގެ ވިސްނުމުން ބެލިޔަސް ގަބޫލުކުރެވޭނެ ކަމެއްތޯ އެވެ؟

ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުނިން މީގެ ކުރިން މެޑިކަލް ފެސިލިޓީއެއް ހަދާފައި ނުވުމަކީ، ސިންގަޕޫރުގެ ސެންހުއާ ކުންފުންޏަށް ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރުމަށް ދިން އަނެއް ސަބަބެވެ. ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏަކީ ކޮންސްޓަރަކްޝަން އާއި މެރިން އިންޖިނިއަރިން އާއި ކޮނެގެން ތަންތަން ހިއްކުމާއި މަގާއި ބްރިޖާއި ރޭލްވޭ އާއި އެއާޕޯޓާއި ޕްލާންޓްތައް އިމާރާތްކުރުމުގެ ތަޖުރިބާކުރި ކުންފުންޏެވެ. މިވަރުގެ ވަރުގަދަ ކުންފުންޏަކުން 25 ބުރީގެ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ ގާބިލްކަން ނުހުންނާނެތޯ އެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ޓެކްނިކަލް ޓީމުން ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލްގައި ހިމަނާފައިވާ އަގަކީ 134 މިލިއަން ޑޮލަރު ކަމަށްވާއިރު، އެ އަގާ އެންމެ ގާތްކުރަނީ ސެންހުއާ ކުންފުނީގެ އަގުކަމަށް ބަލައި އެއީ އެފަދަ އިމާރާތެއް ކުރުމަށް އެންމެ އެކަށީގެންވާ އަގުކަމަށް ނިންމިއިރު، ހެލްތު މިނިސްޓްރީގެ ޕްރޮޕޯސަލްގައި 134 މިލިއަން ޑޮލަރު އައިސްފައިވަނީ ކިހިނެއްތޯ ބަލަންޖެހެ އެވެ. އެ އަގު ނިންމާފައިވަނީ ކޮންކޮން ކަންކަމަށް ވަޒަންކޮށްގެންތޯ އެނގެންޖެހެ އެވެ.

އިމާރާތުގެ އަގުބޮޑުވީ އަވަހަށް އިމާރާތް ނިންމުމަށް ކަމަށް ބުނެފައިވާއިރު، މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ދެ ބިލިއަން ރުފިޔާ ހަރަދުކުރެ އެވެ. މިވަރުގެ ބޮޑު ހަރަދެއް ހިނގާ މަޝްރޫއުއެއް ފެށިއިރު، މާލޭ ސަރަހައްދުގެ ސިއްހީ ހިދުމަތަށް އޮތް ދަތިކަމާއި، އައިޖީއެމްއެޗާއި އެހެން ހޮސްޕިޓަލްތަކުން އެވަރަށް ހިދުމަތް ނުދެވޭނެތޯ ވަޒަންކޮށް، ހަރަދުކުޑަ ގޮތަކީ ކޮބައިތޯ ބަލަންޖެހެ އެވެ.

ސްޓީލް ސްޓަރަކްޗަރއިން މަޝްރޫއު ކުރިއަށް ނުގެންދެވޭނެތީ، މައިކްރޯޕައިލްކޮށްގެން އިމާރާތްކުރުމަކީ ހަރަދުބޮޑުވާނެ ކަމެއް ކަމަށް ނިންމިއިރު، މައިކްރޯޕައިލްކުރުމުގެ އަގަގަކީ ކިހާވަރެއްތޯ އެވަރުގެ އިމާރާތެއްގެ މައިކްރޯޕައިލްކުރަން ހިނގާނީ ކިހާވަރެއްތޯ އޭސީސީން ވަޒަންކޮށްފައެއް ނެތެވެ. އެކަން ވަޒަންނުކޮށް، މައިކްރޯޕައިލްކޮށްގެން އިމާރާތްކުރުމަށް 140 މިލިއަން ޑޮލަރަށް މަޝްރޫއު ދިނުމަކީ ދައުލަތަށް ލިބިގެން ދިޔަ ބޮޑު ގެއްލުމެކެވެ.

ދެ ކެރޭން ގެންނަންޖެހޭ ކަމަށާއި އެއީ މަޝްރޫއުގެ ހަރަދުބޮޑުވާނެ ކަމެއް ކަމަށް އޭސީސީގެ ނިންމުމުގައި ބަޔާންކޮށްފައިވާއިރު، މިއީ ކެރޭން ބޭނުންކޮށްގެން މާލޭގައި ހަދާ ފުރަތަމަ އިމާރާތެއް ނޫނެވެ. އައިޖީއެމްއެޗްގައި މިހާރު އެ ބޭނުންކުރަމުންދާ ކެރޭނަށް ވުރެ އުސް ކެރޭން ވެސް 10،000 ޑޮލަރަށް ލިބެންހުރިއިރު، ދެ ކެރޭން ގެންނަން ޖެހޭތީ ސެންހުއާ ކުންފުންޏަށް މަޝްރޫއު ދިނުމާއި، ގަބޫލުކުރެވޭ ސަބަބެއް ނޫނެވެ. ދެ ކެރޭންގެ އަގަކީ ދެ ލައްކަ ޑޮލަރު ކަމަށް ބެލިޔަސް، 140 މިލިއަން ޑޮލަރަށް ދޭންޖެހޭ ސަބަބެއް ވެސް ނެތެވެ.

ރައީސް އަބްދުﷲ ޔާމީން އިކޮނޮމިކް ކައުންސިލްގެ ރިޔާސަތުގައި ހުންނަވައިގެން ނިންމި ނިންމުން ރަނގަޅު ކަމަށް އޭސީސީން ނިންމުމަކީ ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ނިންމުމެއް ކަމަށް ބެލެވެ އެވެ. ސަބަބަކީ ސެންހުއާއަށް މަޝްރޫއު ދިނުމުގައި ނިންމި ސަބަބުތަކާއި އަގުތައް އެއީ އެކަށީގެންވާ އަގެއްތޯ ވަޒަންކުރުމަށް މިނިވަން އޮޑިޓަރެއް ނުވަތަ ކޮންސަލްޓެންޓެއްގެ ލަފާ ހޯދާފައި ނެތުމެވެ.

"އޭސީސީގެ ނިންމުން ބިނާކޮށްފައި ވަނީ ސަރުކާރުގެ ނިންމުންތަކުގެ މައްޗަށް ބަލައިގެން އެކަނި،" އޭސީސީގެ އޮފިޝަލަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީން ނިންމާފައިވާއިރު، އެ މަޝްރޫއު ހަވާލުކުރީ މާލިއްޔަތު ގަވާއިދަށް ބަދަލު ގެނެސްގެން ކަން އޭސީސީއަށް ހަމަ ރަނގަޅަށް އެނގިހުރެ، އިންތިހާއަށް އަގުބޮޑުކޮށް ހަވާލުކުރިއިރު، މި ފާހަގަކުރި އެއްވެސް ކަމަކަށް އޭސީސީން އޭރު ރިޔާޔަތްކޮށްފައި ނެތުމަކީ، ދައުލަތުގެ މުއައްސަސާތައް ގުޅިގެން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއްކަމަށް ތުހުމަތުކުރުމަށް ޖާގަލިބިގެންދާ ކަމެކެވެ. ދައުލަތުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށް އިންތިޒާމުކުރެވިފައި ހުރި ކަންކަމާއި ގާނޫނުތަކާއި ގަވާއިދުތައް ކޮރަޕްޝަނަށް މަގުފަހިކުރުވާ ގޮތަށް ބަދަލުކޮށްލުމަށް ފަހު، ދައުލަތަށް ގެއްލުންވާ ގޮތަށް އެ ގަވާއިދުތަކުގެ ދަށުން ހަވާލުކުރުމަކީ ކޮރަޕްޝަނަށް ނޫނީ ނުވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
10 ޑިސެންބަރ 2018 | ހޯމަ 17:16
ޖުނައިދު
ތިމައްސަލަ އަލުންބަލައި އެއިރު އެންޓީ ކަރަޕްޝަންގައިތިބި އެންމެން ކޯޓަށް ހާޒިރުކޮށް ތަހުގީގު ކުރަންޖެހޭ.
10 ޑިސެންބަރ 2018 | ހޯމަ 16:24
Hasanaathu
Yaanin ge dhaulathah naganee konirakuntho balaadheebala raajje.mv