މިސްރުގެ ގްރޭޓް ޚުފޫ އަހުރާމުގެ މަތީގައި ބޭރު ގައުމެއްގެ ދެމަފިރިއަކު ބަރަހަނާކޮށް ފޮޓޯނެގި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްގެ މައްސަލަ އެ ގައުމުގެ ފުލުހުން ބަލަންފަށައިފިއެވެ.
ރޭގަނޑު ރެކޯޑްކޮށްފައިވާ ތިން މިނެޓުގެ ވީޑިއޯ އިން ފެންނަގޮތުގައި ދެމަފިރިން އަހުރާމުގެ މައްޗަށް އެރުމަށްފަހު އަންހެން މީހާ އޭނާ ލައިގެން ހުރި ޓީޝާޓު ބާލައި ފޮޓޯއަކަށް ހުއްޓި ފޮޓޯނަގައެވެ.
މިސްރުގެ މިނިސްޓަރ އޮފް އެންޓިކުއިޓީސް ޚާލިދް އަލް އަނާނީ ވަނީ އެ ކަމަކީ އާއްމު އިޖުތިމާއީ މިންގަޑާއި ޚިލާފު އަމަލެއްކަމަށާއި އެ ހާދިސާ އަދި އެވީޑިއޯ އެ ގައުމުގެ އެޓަރނީޖެނެރަލް ތަހުގީގު ކުރައްވާނެ ކަމަށެވެ.
ގީޒާ ޕްލެޓޯގެ ޑިރެކްޓަރ ޖެނެރަލް އަޝްރަފް މޯހީ އަލް އަހްރަމް އޮންލައިންގައި ވިދާޅުވެފައި ވަނީ އެ ތަނަކީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ އަދި ސަރަހައްދު ވަށައިގެން އަލިގަދަކޮށް ދިއްލާފައި އޮންނަ ތަނަކަށްވާއިރު އެ ވީޑިއޯ އަކީ ފޭކް ވީޑިއޯ އެއް ކަމަށެވެ.
އޭނާ ވިދާޅުވީ އަހުރާމް ތަކަކީ ތާރީޚީ ގޮތުން ދުނިޔޭގެ އެންމެ މުހިއްމު ބިނާތައް ކަމަށްވާއިރު މީހުން އެތަންތަނަށް އޮތް ލޯބި ފާޅުކުރާއިރު ތަފާތު ކަންކަން ކޮށްލުމުގެ ޝައުގު ހުންނާނެކަމަށެވެ.
މި ވީޑިއޯ މިދިޔަ ބުދަ ދުވަހު ޔޫޓިއުބަށް އަޕްލޯޑްކޮށްފައި ވަނީ ޑެންމާކުގެ ފޮޓޯގްރާފަރެއް ކަމަށްވާ އަންދްރިއަސް ވިދްއެވެ. އޭނާ ވަނީ މީގެކުރިން ވެސް ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކޮށް އެތަންތަނުގައިވާ އުސްތަންތަނުގައި ނަގާފައިވާ ފޮޓޯތައް ޕަބްލިޝްކޮށްފައެވެ. އޭގެ ތެރޭގައި ބަރަހަނާކޮށްހުރި ފޮޓޯތައް ވެސް ހިމެނެއެވެ.