ޔޫއެންޕީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ބޮޑު ވަޒީރުގެ މަގާމަށް އާ ބޭފުޅެއްގެ ނަން ހުށައެޅުމަށް ޕާޓީގެ ކޮންގްރެސްއެއް ބޭއްވުމަށް، ޕާޓީގެ ލީޑަރު ރަނިލް ވިކްރަމަސިންހައަށް އެ ޕާޓީގެ ކުރީގެ މަޖިލިސް މެމްބަރުންތަކެއް ގޮވާލައިފިއެވެ.
ރަނިލްގެ އިސްތިއުފާއަށް ގޮވާލެއްވި ފަރާތްތަކުން ބުނެފައިވަނީ އެ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހިފަހައްޓަން ރަނިލް މަގާމުން ދުރުވުން ވަރަށް މުހިންމު ކަމަށެވެ. އަދި އެބޭފުޅުން ވަނީ ޕާޓީގެ ކުރިމަގުގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަކީ ވެސް އެއީ ކަމުގައި ވަނީ ވިދާޅުވެފައެވެ. އެބޭފުޅުން ވަނީ ފާއިތުވެ ދިޔަ 24 އަހަރު ރަނިލް ޔޫއެންޕީ ހިންގަވާފައިވާނި ވަރަށް ހުދުމުހުތާރު ކޮށް ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.
މިހާރު ޕާޓިގެ މި ހާލަތު މިހާ ދަށަށް ގޮސްފައިވަނީ ވެސް ރަނިލްގެ ސަބަބުން ކަމަށް ވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި މި ހާލަތުން ޕާޓީ ސަލާމަތް ކުރެވެން އޮތީ ވީހާވެސް އަވަހަކަށް ޕާޓިގެ ކޮންގްރެސްއެއް ބާއްވައިގެން ކަމަށް ވެސް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ވަނީ އިދިކޮޅުން ރަނިލް ނޫން އެހެން ކޮންމެ ބޭފުޅެއްގެ ނަން ފޮނުވިޔަސް ބޮޑު ވަޒީރުކަމަށް އައްޔަނު ކުރަން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަޖިލީހުގެ ބޮޑު އަގްލަބިއްޔަތެއް ކޮންޓްރޯލް ކުރާ ރަނިލް އާއި އެނާގެ ޕާޓީއިން ވެސް މިކަމާ މެދު އަދި ގޮތެއް ނުނިންމައެވެ.