މި ފަހުން ކުރެވުނު ދިރާސާއެއްގައި ދިރާސާ ކުރެވުނު ހުރިހާ ވެލައެއްގެ ބަނޑު ތެރެއިން ވެސް ކުދި ޕްލާސްޓިކް ކޮޅުކޮޅު ފެނިއްޖެއެވެ.
"ގްލޯބަލް ޗޭންޖް ބައޮލޮޖީ"ގެ ޖާނަލްގައި ޝާއިރު ކުރެވުނު ހޯދުންތަކުގައި ހާމަކޮށްފައިވާ ގޮތުގައި، މި ދިރާސާގައި އެޓްލާންޓިކް ކަނޑާއި، ޕެސިފިކް ކަނޑާއި އަދި މެޑިޓަރޭނިއަން ކަނޑު ތަކުގައި އުޅޭ، ހަތް ވައްތަރުގެ ސަތޭކަ ދެ ވެލާ ދިރާސާ ކުރެވުނު ކަމަށެވެ.
ދިރާސާގައި ވަނީ ވެލާތަކުގެ ބަނޑު ތެރެއިން 800 އަށް ވުރެ ގިނަ ކުދި ޕްލާސްޓިކް ކޮޅު ފެނިފައިވާ ކަމަށެވެ. ދިރާސާކުރި ފަރާތްތަކުން ބުނެފައިވާނީ، ޓެސްޓު ކުރެވުނީ ހަމައެކަނި ވެލާތަކުގެ ބަނޑުތެރޭގެ އެއް ބައި ކަމަށެވެ. މުޅި ބަނޑު އެއްކޮށް ބެލި ނަމަ މި އަދަދު މިއަށް ވުރެން ވިހި ގުނަ އިތުރުވީސް ކަމަށް ވެސް އެބޭފުޅުން ވަނީ ހާމަކޮށްފައެވެ.
ސީއެންއެންއަށް މައުލޫމާތު ދެމުން މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއްކަމުގައިވާ ޕްރޮފެސަރ ބްރެންޑަން ގޮޑްލީ ބުނެފައިވަނީ، މިހާ އާންމުކޮށް ވެލާތަކުގެ ބަނޑުތަކުން ކުދި ޕްލާސްޓިކާއި ފައިބަރު ކަހަލަ އެއްޗެހި ފެނުމުން މީގެން އަންގައިދެނީ ކަނޑުތަކުގެ ހާލަތު ގޯސްވެފައިވާ ވަރު ކަމަށެވެ. މިކަން ހައްލު ކުރަމުގެ ގޮތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
މި ދިރާސާގައި ދިރާސާ ކުރެވުނު ވެލާތަކަކީ މަސްވެރިންނަށް އޮޅިގެން ބޭނިގެން މަރުވެފައިވާ ވެލާތަކާއި، އަތިރި މައްޗަށް ބީހުމުގެ ސަބަބުން މަރުވެފައިވާ ވެލާތަކެކެވެ. އަދި ވެލާތަކުގެ ބަނޑުން އެންމެ ގިނައިން ފެނިފައިވަނީ ޓަޔަރާއި ސިގިރޭޓު ފިލްޓަރާއި އަންނައުނުގެ އިތުރުން ވަލާއި ދަލަށް ނިސްބަތްވާ ޕްލާސްޓިކާއި ފައިބަރު ކޮޅުކޮޅެވެ.
އަހަރަކު 4.8 މިލިއަންއާއި 12.7 މިލިއަން ޓަނާއި ގާތް ކުރާ އަދަދަކަށް ޕްލާސްޓިކް ކުނި ކަނޑަށް އެޅުމުގެ ސަބަބުން، މިވަގުތު ދުނިޔޭގެ ކަނޑުތަކުގައި ފަސް ޓްރިލިއަން ޕްލާސްޓިކް ކޮޅު ހުރިކަމަށް ވެސް މި ދިރާސާގައި ވަނީ އަންދާޒާ ކޮށްފައެވެ.