ޗައިނާގެ ވާވޭ ޓެލެކޮމްސްގެ ސީއެފްއޯ މެންގް ވަންޖޫ ކެނެޑާއިން ހައްޔަރު ކުރުމަށް ފަހު އެމެރިކާ އާއި ހަވާލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކެނެޑާގެ ޖަސްޓިސް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވަނީ ކެނެޑާގެ ވެންކޫވަރއިން މެންގެ ހައްޔަރު ކުރިކަން ކަށަވަރު ކޮށްދީފައެވެ. އަދި މެންގް ހައްޔަރު ކޮށްފައިވަނީ އެމެރިކާއިން އޭނާ ހައްޔަރު ކުރުމަށް އެދިފައި އޮތުމުން ކަމަށާއި އޭނާގެ ކަފާލާތުގެ އަޑު އެހުމެއް ހުކުރު ދުވަހު އޮންނާނެ ކަމަށް ވެސް ޖަސްޓިސް މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެންގް ހައްޔަރު ކޮށްފައިވަނީ އިރާނާ ދެކޮޅަށް އެމެރިކާއިން އަޅަފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކާއި ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައެވެ.
މެންގް ހައްޔަރު ކުރުމުން ނުރުހުން ފާޅުކޮށް ޗައިނާގެ ސަރުކާރުން ވަނީ އެނާ ހައްޔަރުކުރީ ކޮން ސަބަބަކާ ހުރެކަން ޔަގީންކޮށް ދިނުމަށް ގޮވާލާފައެވެ. އަދި ވަގުތުން އޭނާ ދޫކޮށްލުމަށް ވެސް ޗައިނާގެ ސަރުކާރުން ވަނީ ގޮވާލައްވާފައެވެ.
އެމެރިކާއިން ވަނީ ވާވޭގެ މައްޗަށް ޗައިނާއަށް ޖާސޫސް ކޮށްދޭ ކަމުގެ ތުހުމަތު ވެސް ތަފާތު އެކި ފަހަރު މަތިން ކޮށްފައެވެ. އަދި އެމެރިކާއިން ވަނީ ސަރުކާރުގެ ބައެއް ވުޒާރާތަކުގައި ވާވޭގެ އެއްވެސް ޕްރޮޑަކްޓެއް ބޭނުން މަނާ ކޮށްފައެވެ.
ވާވޭ ވަނީ މި އަހަރުގެ ދެ ވަނަ ކުއާޓަރގައި މަޝްހޫރު އެޕަލް ފަހަތަށް ޖައްސާލުމަށް ފަހު ދުނިޔޭގެ ވާދަވެރި ސްމާޓް ފޯން މާކެޓްގެ ދެވަނަ ހޯދާފައެވެ.