ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 18:22
ކިއުބާގެ ވެރިރަށް ހަވާނާ
ކިއުބާގެ ވެރިރަށް ހަވާނާ
ރޮއިޓަރސް
ކިއުބާގެ އިންޓަރނެޓް
ކިއުބާއިން ފުރަތަމަ ފަހަރަށް އާންމުންނަށް 3ޖީ އިންޓަނެޓްގެ ހިދުމަތް ތައާރަފް ކުރަނީ
ކިއުބާއަކީ އިންޓަނެޓްގެ ހިދުމަތް އެންމެ ބޮޑަށް ހިފަހެއްޓިފައިވާ ގައުމުތަކުގެ ތެރެއިން ގައުމެއް
ބުރާސްފަތި ދުވަހުން ފެށިގެން އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް އިންޓަނެޓްގެ ހިދުމަތް ހުޅުވާލެވޭނެ

ކިއުބާގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެ ގައުމުގެ ރައްޔިތުންނަށް 3G އިންޓަނެޓްގެ ހިދުމަތް ތައާރަފް ކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ކިއުބާގެ ހަމައެކަނި މުއާސަލާތީ ހިދުމަތްދޭ ކުންފުނީގެ ރައީސާ މައިރާ އަރެވިޗް، މުޅި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް އިންޓަނެޓްގެ ހިދުމަތް ހުޅުވާލެވިގެން ދާނެކަމަށެވެ.

މީގެ ކުރިން ކިއުބާގައި 3Gއިންޓަނެޓްގެ ހިދުމަތް ލިބެނީ ހަމައެކަނި އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނަށާއި ގައުމުން ބޭރުގެ ވިޔަފާރިވެރިންނަށާއި ބައެއް ފަތުރުވެރިންނަށެވެ. ނަމަވެސް 2017 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ގޭބިސީތަކުގެ އިތުރުން އެންމެންނަށް ބޭނުންކުރެވޭ "ހޮޓް ސްޕޮޓް" ތަކުން، ވައިފައި އިންޓަނެޓްގެ ހިދުމަތް ދޭން ވަނީ ފަށާފައެވެ.

އެ ގައުމުގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭން ނިންމާފައިވަނީ ގާތްގަނޑަކަށް މެގަބައިޓެއް 1.54 ރުފިޔާގެ ރޭޓުގައެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ހުރި އަގުތަކާއި ދާދި އެއްވަރެއްގެ އަގެއް ކަމުގައި ވިޔަސް، އެ ގައުމުގެ ގިނަ މީހުންގެ އާމްދަނީއަކީ މަހަކު 30 ޑޮލަރު (462 ރުފިޔާ) ކަމުގައި ވުމުން މި ހިދުމަތުގެ ބޭނުން ކުރެވޭނެ ކަމަށް ލަފާކުރެވެނީ މަދު ބަޔަކަށެވެ.

ކިއުބާއަކީ އިންޓަނެޓްގެ ހިދުމަތް އެންމެ ބޮޑަށް ހިފަހެއްޓިފައިވާ ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، 2014 ވަނަ އަހަރު ކިއުބާއާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ފަހު އިންޓަނެޓްގެ ހިދުމަތް ދަނީ ބާރު ދުވެއްޔެއްގައި ފުޅާވަމުންނެވެ.

- ކޮމެންޓް