ސައުދީ ނޫސްވެރިޔާ ޖަމާލް ޙާޝޯގްޖީ މަރާލުމުގައި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބައިވެރިވުމެއް ވާކަން ޔަގީންވެއްޖެ ކަމަށް އެމެރިކާގެ ސެނެޓަރުން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ) ގެ ޑިރެކްޓަރ ޖީނާ ހެސްޕެލްއާއި އެކު ބޭއްވި ބައްދަލުވުމަށް ފަހު ޑިމޮކްރެޓިކް ސެނެޓަރު ބޮބް މެންޑޭޒް ވިދާޅުވެފައި ވަނީ ކުރިން އޭނާ މި މައްސަލައާއި ދޭތެރޭ ދެކެމުން އައި ގޮތަށް އިތުރު ބުރަދަނެއް ލިބިގެން ދިޔަ ކަމަށެވެ. ރިޕަބްލިކަން ސެނެޓަރު ލިންޑްސޭ ގްރަހަމް ވެސް ވިދާޅުވީ މިކަމުގައި ސަލްމާންގެ އަތެއް ވާކަން ގަބޫލުނުކުރާނީ އަމިއްލަ އިހްތިޔާރުގައި "ކަނު ވެގެން" އުޅޭ މީހަކު ކަމަށެވެ.
ރިޕަބްލިކަން ސެނެޓަރު ބޮބް ކޯކާރ ވިދާޅުވީ މިހާރުވެސް ކޯޓެއްގައި މައްސަލަ ބަލައިފިއްޔާމުން ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ މައްޗަށް ކުށް ސާބިތުވާނެކަން އެއީ ޔަގީންކަމެއް ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސައުދީ އަރަބިޔާއާއި ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެމެރިކާއަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ނުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސެނެޓުގައި އުޅޭ ރިޕަބްލިކަނުންނާއި ޑިމޮކްރަޓިކް މެމްބަރުން ވެސް ދަނީ ސައުދީއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އަދި މިކަން ކުރުމުގެ ގޮތުން ސެނެޓުން ވަނީ ޔަމަނުގައި ސައުދީއަށް ވާގިވެރިވުން ހުއްޓާލުމަށް ބިލެއް ފާސް ކުރުމުގެ މަސައްކަތް ވެސް ފައްޓާފައެވެ.
ޖަމާލް ޚަޝޯގީ މަރާލާފައިވަނީ ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓް ތެރޭގައިއެވެ. އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު ހިންގި މި އަމަލުގައި ވަލީއަހުދުގެ އެއްވެސް ބައިވެރިވުމެއް ނުވާކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.