ކ. މާލެ
|
5 ޑިސެންބަރ 2018 | ބުދަ 10:57
ފްރާންސުގެ ރައީސް އެމަނުއެލް މެކްރޮން
ފްރާންސުގެ ރައީސް އެމަނުއެލް މެކްރޮން
އޭޕީ
ޔެލޯ ވެސްޓް މުޒާހަރާ
މުޒާހަރާތަކާ ގުޅިގެން ފަރަންސޭސްވިލާތުން ޑީސަލް ޓެކްސް ނެގުން މަޑުޖައްސާލައިފި
ޓެކްސް ނެގުން މަޑު ޖައްސާލީ ހަ މަސް ދުވަހުގެ މުއްދަތަކަށް

ފަރަންސޭސްވިލާތުގައި ކުރިޔަށް ގެންދިޔަ ޔެލޯ ވެސްޓް މުޒާހަރާތަކާއި ގުޅިގެން އެ ގައުމުގެ ސަރުކާރުން ޑީސަލްއިން ނަގަން ނިންމާފައިވާ ޓެކްސް ނެގުން ހަ މަސް ދުވަހުގެ މުއްދަތަކަށް މަޑުޖައްސާލައިފިއެވެ.

ފަރަންސޭސްވިލާތުގެ ބޮޑު ވަޒީރު އެޑުއަރޑް ފިލީޕޭ ވިދާޅުވެފައިވަނީ މިކަމުގެ ސަބަބުން މިހާރު މުޒާހަރާގެ ބައިވެރިން ބޭނުންވާ ކަންކަން ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އުއްމީދު ކުރާ ކަމަށެވެ.

ނޮވެމްބަރު 17 ވަނަ ދުވަހު ފެށުނު މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވެ، މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރާއި އާންމުންގެ މުދާތަކަށް ގެއްލުން ދީފައިވެއެވެ.

ގައުމާ މުޙާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފިލީޕޭ ވިދާޅުވަފައިވަނީ ގައުމުގެ އެއްބައިވަންތަކަން ގެއްލުވާލާ ވަރުގެ ޓެކްސްއެއް ނެގުން އެއީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމުގައެވެ. ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ލިބޭ އާމްދަނީއަކުން ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތް މަގުފަހިވުން ކަމުގައި ވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

މިއީ ފަރަންސޭސްވިލާތުގެ ރައީސްކަމަށް އެމަނުއެލް މެކްރޮން ވަޑައިގެންނެވި ފަހުން އެބޭފުޅާގެ މުހިންމު ސިޔާސަތެއް ދޫކޮށްލަން ނިންމެވި ފުރަތަމަ ފަހަރެވެ.

މުޒާހަރާގެ އިސް ފަރާތެއް ކަމުގައިވާ ބެންޖަމިން ޗޯސީ ވަނީ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ. ނަމަވެސް ހަމައެކަނި މިވަރުން ފުއްދާ ނުލާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އިދިކޮޅު ލީޑަރު މަރީ ލެ ޕެން ވަނީ މިކަން މިހެން ނިންމުން މާ ލަސްވެއްޖެކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޔެލޯ ވެސްޓްގެ ނަމުން މަޝްހޫރުވި މުޒާހަރާތަކާއި ގުޅިގެން ހައްޔަރުކުރި 412 މީހުންގެ ތެރެއިން 363 މީހުން އަދިވެސް ތިބީ ބަންދުގައި ކަމަށް އެ ގައުމުގެ ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މުޒާހަރާތައް ފެށިފައި ވަނީ ފްރާންސްގައި ޑީސަލްގެ އަގު މަތި ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. ނަމަވެސް ފަހުން މުޒާހަރާގެ ބައިވެރިން ވަނީ ދިރިއުޅުމުގެ އަގުތައް އުފުލެމުން ދިޔުމާއި ގުޅިގެން ރައީސް މެކްރޯންގެ ގިނަ ސިޔާސަތުތަކާއި ދެކޮޅަށް ވެސް ނުރުހުންފާޅު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް