ގެއްލިފައިވާ ދަރިވަރުންގެ މައްސަލަ ބަލަން ޓުރޫތް ކޮމިޝަނެއް އެކުލަވައިލަން މެކްސިކޯގެ ރައީސް އަންދްރެސް މަނުއެލް ލޮޕޭޒް އޮބްރާދޯ ސޮއިކުރައްވައިފިއެވެ.
މެކްސިކޯގައި އަލަށް އިންތިހާބު ވެވެޑައިގަތް ރައީސް އަންްދްރިއަސް ޓްރޫތް ކޮމިޝަނެއް އެކުލަވާލާން ނިންމާފައިވަނީ އެ މަނިކުފާނު ވެރިކަމަށް ހަވާލުވެވަޑައިގެން އޮފީހަށް ނިކުންނެވި ފުރަތަމަ ދުވަހު އެވެ. ޓްރޫތް ކޮމިޝަނެއް އެކުލަވައިލަން ނިންމާފައިވަނީ 2014 ވަނަ އަހަރު މެކްސިކޯގެ އިގުއަލާ އަވަށުން ގެއްލުނު 43 ދަރިވަރުންގެ މައްސަލަ ބަލާ ތަހްގީގު ކުރުމަށްޓަކައެވެ.
އަލަށް އުފައްދަން ހަމަޖެހިފައިވާ ކޮމިޝަންގައި ހިމެނޭނީ ގެއްލުނު 43 ދަރިވަރުންގެ އާއިލާގެ މެމްބަރުންނާއި އެ މީހުންގެ ވަކީލުންނާއި މިނިސްޓަރުންނެވެ. މީގެ އިތުރުން ސްޕެޝަލިންސްޓުންނާއި އިންވެސްޓިގޭޓަރުން ހިމެނޭނެ ކަމަށް ރައީސް އަންދްރެސްއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
އިންސާނީ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ނިންމުމަށް މަރުހަބާ ކިޔާފައިއެވެ.
އަޔޮޓްޒިނާޕާގެ ކޮލެޖްގައި 2014 ވަނަ އަހަރު ސެޕްޓެމްބަރު މަހު ކިޔަވަމުންދިޔަ ދަރިވަރުންތަކެއް މުޒާހަރާއެއްގައި ބައިވެރިވާން އިގުއަލާ ކިޔާ ހިސާބުގަޑެއްގައި ތިއްބާ ފުލުހުން އެ ދަރިވަރުންނަށް ހުރަސްއަޅާ ތިން ދަރިވަރަކު މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބާކީ ތިބި ދަރިވަރުން ވަނީ ދެ ބަހެއްގައި އެތަނުން ގޮސްފައެވެ. އެ ދެބަސް ފުލުހުން ފަހުން ހުއްޓުވި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ދަރިވަރުންގެ ތެރެއިން އެއް ބަހުގައި ތިބި ކުދިން ފުލުހުން ފޮނުވާލާފައި ވާއިރު، ބަހުގައި ބާކީ ތިބި 43 ދަރިވަރުން މިއަދާ ހަމައަށް ވީނުވިއެއް ނޭގި ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މެކްސިކޯގެ ނެޝަނަލް ރަޖިސްޓްރީ އިން ރިޕޯޓް ކުރާގޮތުގައި އޭޕްރީލް 2018 ހަމައަށް 36،265 މީހުން ވަނީ ގެއްލިފައިވެއެވެ.
މެކްސިކޯގެ ރައީސް ކަމަށް އަންދްރެސް އެގައުމުގެ 58 ވަނަ ރައީސް ކަމުގެ ހުވާކޮށްފައިވަނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އަންދަރެސް ވަނީ މެކްސިކޯގެ ރައީސްކަމަށް މީގެ ކުރިންދެ ފަހަރެއްގެ މަތިން ކުރިމަތިލާ ނާކަމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައިއެވެ.