ކ. މާލެ
|
9 ފެބްރުއަރީ 2017 | ބުރާސްފަތި 03:47
ރައީސް ޔާމިން ރިޔާސީ ބަޔާން އިއްވަނީ
ރައީސް ޔާމިން ރިޔާސީ ބަޔާން އިއްވަނީ
ގޫގުލް
ރިޔާސީ ބަޔާން
ސަނާ ކިޔާވަރުގެ ރިޔާސީ ބަޔާނެއް އަޑެއް ނީވުނު!
ސިޔާސީ ހަލަބޮލިކަމަށް އަލިއަޅުވާލެވިފައެއް ނެތް
ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްގުތަކުގެ ވާހަކައެއް ނެތް
ކޮރަޕްޝަނުގެ ވާހަކައެއް ނެތް

ސަނާ ކިޔާ ދޫތަކަކުން، ކިޔާތީ އިވެނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ދެއްވި މާފުރިހަމަ ރިޔާސީ ބާޔާނެއްގެ ވާހަކައެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖްލީހުގެ މެންބަރުން ހިމެނެއެވެ. އެ ރިޔާސީ ބަޔާނެއްގައި ޤައުމުގެ ހުރިހާ ދިމާލެއްގައި ހުރި މައްސަލަތަކަށް އިޝާރާތްކޮށްފައިވާ ކަމަށް އެބަޔަކު ބުނެއެވެ.

 

ޤާނޫނުގައި ބުނާ ގޮތުން ޤާނޫނު އަސާސީގެ ރައްޔިތުންގެ މަޖްލީހުގެ ބާބުގެ 84 ވަނަ މާއްދާގައި "ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖްލީހަށް ރައީސުލްޖުމްހޫރިއްޔާ އިއްވަންވާނެ" ކަމަށެވެ. ނަމަވެސް ރިޔާސީ ބަޔާނުގައި ރައްޔިތުންގެ އެންމެ ބޮޑެތި ކަންބޮޑުވުންތައް އެކުލިވެގެންވާ ކަންކަމަކަށް އިޝާރާތް ކުރެވިފައެއްނުވެއެވެ. މުޅިންވެސް އިވުނީ ފެށުމުގެ މަރުޙަލާގައި ނުވަތަ ކުރަހާ ނިމިފައި ހުރި ގަނޑުތަކެއް ވާހަކައެވެ.

 

ރިޔާސީ ބަޔާން ފައްޓަވަމުން ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު އެންމެ މުހިތްމުކަމެއް ދެއްވަނީ ޤައުމީ މަސްލަހަތަށެވެ. މިވަގުތު ރައްޖޭގެ ޙާލަތަށް ބަލައިފިނަމަ ގައުމީ މަސްލަހަތު އެންމެ ބޮޑަށް އޮތީ ހިނގަމުންދާ ސިޔާސީ ހަމަނުޖެހުމުގެ ތެރޭގައެވެ. ނަމަވެސް އޭގެން އެއްވެސް ކަމަށް ރިޔާސީ ބަޔާނުގައި އެއްޗެއް ވިދާޅުވެފައެއް ނެތެވެ. ޤައުމީ މަސްލަހަތު އިސްކުރައްވާ ދިމާވެގެން އުޅޭ ސިޔާސީ މައްސަލަތައް ޙައްލުކުރެއްވުމަށް އެއްވެސް ކަމެއް  ނުކުރައްވައެވެ. މުޅިންވެސް ފެންނަނީ ގަދަބާރުން ހުދުމުހުތާރުކަން އިސްކުރައްވާތަނެވެ.

 

ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކުގެ ތެރެއިން ރައްޔިތުން އެންމެ ކަންބޮޑުވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިބި ބައެއް މީހުން ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނަތާއި ފަސާދައިގެ އަމަލުތަކާމެދުއެވެ. ނަމަވެސް ރިޔާސީ ބަޔާނުގައި އެކަމާއި ގުޅޭ ގޮތުން އެމަނިކުފާނު ޗުއްޕު ވެސް ވިދާޅެއްނުވެއެވެ. ރައްޔިތުން އެންމެ ކަންބޮޑުވި އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ދައުލަތުގެ މުދަލުން ގެއްލުނު ފައިސާގެ ކަންތައްތަކާއި ސަރުކާރުގެ ވެރިންނަށް ތިއްބެވި ބޭފުޅުން ވައްކަން ކުރެއްވި ވާހަކަތަކަށް ކުޑަވެސް ސަމާލުކަމެއް ރިޔާސީ ބަޔާނަކު ނެތެވެ.

 

ގާނޫނުއަސާސީން ލިބިދީފައި ހުރި އެތައް ހައްގުތަކެއް ސަރުކާރުން މިދިޔަ އަހަރު ހިފެހެއްޓިއެވެ. އެގޮތުން  އެއްވެ އުޅުމުގެ މިނިވަންކަން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން، ނޫސްވެރިކަމުގެ މިނިވަންކަންފަދަ ކަންކަން ހިމެނެއެވެ. މީގެން އެއްވެސް ކަމަކަށް އެއްވެސް އެއްޗެއް ވިދާޅުނުވުމަކީ ރިޔާސީ ބަޔާނުގެ ވަރަށްބޮޑު އައިބެކެވެ.

 

އެހެން ވިސްނުމަކަށް ޖެހިލާނަމަ ރިޔާސީ ބަޔާނުގައި އެއްވެސް މައްސަލައެއް ނެތެވެ. ދައްކާނެ އެއްވެސް ވާހަކައެއް ނެތެވެ. ނުވަތަ ކިތަންމެ ގޯހަސް ދެއްކޭނެ ވާހަކައެއްވެސް ނެތެވެ. މައްސަލައަކީ "ދީނާއި ޤައުމަށްޓަކައި" ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ ވޯޓް ހޯދަން އުޅޭތީއެވެ. ވޯޓްއަކީ ވަރަށް ބޮޑު އަމާނާތެކެވެ. އެ އަމާނާތް އެ އަދާކުރާ ފަރާތަށް އެކަކުވެސް ބާރު ފޯރުވާ ބިރުދައްކާއިގެން ނުވާނެއެވެ. ރައްޔިތުން ފެލައިގެން ކޮންމެ ބަޔަކަށްވެސް މިގޮތަށް ވެރިކަން ކުރެވިދާނެއެވެ. 

 

އެކި މަރުޙަލާތަކުގައި ފުނިޖެހޭ ވަރަށް ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވާއިރު، ބަޖެޓްގައި ހިމަނާ އަދަދުތައް އެ މުއައްސަސާއަކަށް ހަމައަށް ލިބޭ ކަމާމެދު ސުވާލު އުފެދެއެވެ. މީރާއަށް ކޮންމެ މަހަކަ ލިބޭ ފައިސާއިން ރާއްޖޭގެ އިގްތިސާދަށް ކުރާ ރަނގަޅު އަސަރެއް ފެންނާކަށް ނެތެވެ. ކިތަންމެ ގިނައިން އާމްދަނީ ލިބުނަސް ދުވަހެއް ދުވަހަކަށް ގައުމު ދަނީ ދަރަނި ބޮޑުވަމުންނެވެ އިންސާނާ ދުނިޔެއަށް އައުމަށްފަހު އެންމެ އިސްކަމެއްދޭނީ ބަޑުފުރާށެވެ. ނިމިދިޔަ އަހަރަށްބަލާއިރު އެކަމަށްވަނީ ހުރަސް އެޅިފައެވެ. ކާބޯތަކެތީގެ އަގުބޮޑުވުން، ކަރަންޓް އަގުބޮޑުވުން، ލިބޭމިންވަރު އިތުރުނުވެ ނަގާމިންވަރު އިތުރުވުންފަދަ ކަންކަން ކުރައްވާފައިވާއިރު އެކަމަށް ރިޔާސީ ބަޔާނުގައި ޕެރެގްރާފެއް ލިޔެވިފައި ނެތުމަކީ ލަދުވެތިކަމުގެ އިންތިހާއެވެ.

 

ގައުމުގަ ކޮރަޕްޝަން ނޫން ކަމެއްނެތެވެ. އާދައިގެ ވަޒީފާއަކަށް ކުރިމަތިލިޔަސް އަޑިއަޑިން ނޫން ގޮތަކަށް އެކަމެއް ވާކަށްނެތެވެ. އެއްވެސް ހިދުމަތެއް ހޯދަން ތަނަކަށް ގޮސްފިނަމަ ހަމަ އެފަދަ ހާލެކެވެ. ރާއްޖޭގެ ބޮޑުބައި ކުޑަކުޑަ ރަށަކަށް ތޮއްޖައްސާ ނިކަމެތިން މުއްސަދިންގެ އަޅުންނަށް ހަދައިފިއެވެ.

 

ޢަދްލު އިންސާފުގެ ދާއިރާ އިޞްލާޙު ނުވުމާއި، ކޮރަޕްޝަން ހައްދުފަހަނަ އަޅާ ދިއުމާއި ބޭއިންސާފުން ކާނަލް ނާޒިމް، ޝޭޚް ޢިމްރާނު ފަދަ ސިޔާސީ ލީޑަރުން ޖަލަށްލާފައި ވުމަކީ ގައުމީ މަސްލަހަތު އެކަމެއް ނުހިމެނޭކަމެއް ކަމަށް ރައީސަށް ހީފުޅުވަނީ ކަމަށް ބެލެވެއެވެ. ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ސިޔާސީ ޙަރަކާތްތައް ހިންގުން މިއޮތީ ހަނި ކުރެވިފއެވެ. ބިރުފުޅުންނެވެ، ނޫނީ އެހެން ބަޔަކަށް އޮތް ތާޢީދުފެނިވަޑައިގެން ހަޖަމްނުވީއެވެ. ކުށްވެރިންނާއި މުޖުރިމުން ޤައުމުގެ ސިޔާސީ މައިދާނަށް ނެރެ ކޮންޓްރޯލް ނެގުމަށް މަގުފަހި ވަމުންދިޔުމަކީ ގައުމީ މަސްލަހަތު އިސްކުރެއްވުން ކަމަށްވެސް ވެދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް