ބަޙްރޭނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއަށް، ހަ ކަނބަލަކު ހޮވިވަޑައިގެން އާ ރެކޯޑެއް ގާއިމްކޮށްފިއެވެ.
އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު ތިން ކަނބަލުން ތިއްބަވާއިރު، މި އަދަދު ހަޔަކަށް އިތުރު ވެގެން ދިޔުން މިއީ އަންހެނުން ބާރުވެރިކުރަން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.
ބަޙްރޭނުގެ ގާނޫނުތަކުގައި ވަކި އަދަދަކަށް މަޖިލީހުގައި އަންހެން މެމްބަރުން ހިމަނާގޮތަށް ހަމަޖެހިފައި ނެތުން މިއީ މެމްބަރުކަމަށް އައުމަށް އޮތް ހުރަހެއް ނޫންކަން ހާމަވެއްޖެ ކަމަށް އެ ގައުމުގެ އަންހެން ވިޔަފާރިވެރިންގެ ޖަމިއްޔާގެ އިސް ފަރާތެއް ކަމުގައިވާ އަހްލަމް ޖަނާހީ ވަނީ ވިދާޅުވެފައެވެ.
މިފަހަރުގެ އިންތިހާބު މިއީ މިހާތަނަށް އެންމެ ގިނަ މީހުން ވޯޓުލީ އިންތިހާބު ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ މި އިންތިހާބަކީ އެއްވެސް އިންސާފްވެރިކަމެއް ނެތް ބޮޑު އޮޅުވާލުމެއް ކަމަށް ބުނެ އިންތިހާބު ބޮއިކޮޓް ކޮށްފައެވެ.