ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 14:37
އާކް ޑި ތްރިއޯމްފް ބިނާ ކައިރީގައި މުޒާހަރާގެ ބައިވެރިއަކު ފަރަންސޭސްވިލާތުގެ ދިދަ ހިފައިގެން
އާކް ޑި ތްރިއޯމްފް ބިނާ ކައިރީގައި މުޒާހަރާގެ ބައިވެރިއަކު ފަރަންސޭސްވިލާތުގެ ދިދަ ހިފައިގެން
އީޕީއޭ
ޔެލޯ ވެސްޓް މުޒާހަރާ
ޔެލޯ ވެސްޓް މުޒާހަރާ: ބައިވެރިންނާއިއެކު ވާހަކަތައް ފެށުމަށް ރައީސް އަމުރުކޮށްފި
ހަމަނުޖެހުންތަކާއި ގުޅިގެން 413 މީހަކު ހައްޔަރުކުރި
މުޒާހަރާތައް ފެށުނީ ޑީސަލްގެ އަގު މަތި ކުރުމަށް ނިންމުމުން

ފަރަންސޭސްވިލާތުގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިންނާއި ސިޔާސީ އިސް ފަރާތްތާކާއެކު ވާކަހަތަށް ފެށުމަށް އެ ގައުމުގެ ރައީސް އެމަނުއެލް މެކްރޮން އަމުރު ކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ކުއްލި ކެބިނެޓް ބައްދަލުވުމެއްގައި މުޒާހަރާތައް ހުއްޓުމަކަށް ގެނައުމުގެ އިތުރަށް މި ކަހަލަ އިތުރު ހަމަނުޖެހުންތަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން ސަލާމަތި ބާރުތަށް ތައްޔާރީ ހާލަތެއްގައި ބޭތިއްބުމަށް އެ ގައުމުގެ އިންޓީރިއަރ މިނިސްޓްރީއަށް ވެސް މެކްރޮން ވަނީ އަންގަވާފައެވެ.

ފަރަސޭސްވިލާތުގެ ސަރުކާރުން ބުނެފައިވަނީ މުޒާހަރާއާއި ބެހޭ މައުލޫމާތު އަންގާރަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގެއަށް ވެސް ހުށަޅާނެކަމަށެވެ. ނަމަވެސް ކުއްލި ހާލަތު އިއުލާން ކުރުމާއި ބެހޭ ގޮތުން އެއްވެސް ވާހަކަތަކެއް ނުދެކެވޭ ކަމަށް ސަރުކާރުން މައުލޫމާތު ހާމަކުރެއެވެ.

އާދިއްތަ ދުވަހު ރައީސް މެކްރޮން ވަނީ މުޒާހަރާގައި އެންމެ ބޮޑެތި ހަމަނުޖެހުންތައް ހިނގި މަޝްހޫރު "އާކް ޑި ތްރިއޯމްފް" ބިނާ ކައިރިއަށް ޒިޔާރަތް ކުރައްވާފައެވެ. ހަމަނުޖެހުން ހިންގި ފަރާތްތަކުން ވަނީ އެ ތާރީހީ ބިނާއަށް ގިނަ ގެއްލުންތަކެއް ދީފައެވެ.

ފަރަންސޭސްވިލާތުގެ ސަރުކާރުގެ ތަރުޖަމާނު ވަނީ މުޒާހަރާތައް ހުއްޓުވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނެކަމުގެ ޔަގީންކަން ދީފައެވެ.

ހަމަނުޖެހުންތަކުގެ ސަބަބުން 133 މީހަކަށް އަނިޔާވެ އެތައް ބަޔެއްގެ މުދަލަަކަށް ވަނީ ގެއްލުންދީފައެވެ. މިހާތަނަށް މުޒާހަރާގައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި 413 މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށް އެ ގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނެއެވެ. 

މި މުޒާހަރާތައް ފެށިފައި ވަނީ ފްރާންސްގައި ޑީސަލްގެ އަގު މަތި ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. ނަމަވެސް މިހާރު މި މުޒާހަރާތަކު ބައިވެރިން ދަނީ ދިރިއުޅުމުގެ އަގުތައް އުފުލެމުން ދިޔުމާއި ގުޅިގެން ރައީސް މެކްރޯންގެ ގިނަ ސިޔާސަތުތަކާއި ދެކޮޅަށް ވެސް ނުރުހުންފާޅު ކުރަމުންނެވެ.

- ކޮމެންޓް