ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 12:14
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން މިދިޔަ އަހަރު ބައްދަލުކުރައްވަނީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން މިދިޔަ އަހަރު ބައްދަލުކުރައްވަނީ
ބީބީސީ
އެމެރިކާ-ޗައިނާ
އެމެރިކާއާއި ޗައިނާއިން ނަގަންފެށި ޓެރިފްތައް ހުޢްޓާލަނީ
މަޝްވަރާތަކަށް 90 ދުވަސް ވަނީ ކަނޑައަޅާފައި

އެމެރިކާ އާއި ޗައިނާއިން އެއްގައުމު އަނެއް ގައުމެއްގެ މުދަލުން ނަގަންފެށި ބޮޑެތި ޑިއުޓީތައް ކަނޑާލުމުގެ މަޝްވަރާކުރުމަށް 90 ދުވަހުގެ މުއްދަތައް އެ ޑިއުޓީތައް ނެގުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން އެއްބަސްވެ ވަޑައިގެންފިއެވެ.

މިކަމަށް އެއްބަސްވީ އާޖެންޓީނާގެ ވެރިރަށް ބޮއިނިސް އައިރިސްގައި ބޭއްވި ޖީ 20 ސަމިޓަށްފަހު ދެ ބޭފުޅުން ބޭއްވި ބައްދަލުވުމުގަ އެވެ. މިއީ ދެ ގައުމުގެ މެދުގައި މި އަހަރު ވިޔަފާރީގެ ހަނގުރާމަ ފެށުނުފަހުން ދެ ބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ޗައިނާއިން ބުނީ އެ ގައުމުން އެއްބަސްވީ އިތުރު އާ ޓެރިފެއް އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނުނެގުމަށް ކަމަށެވެ.

ޖީ 20 ސަމިޓް ފެށުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޗައިނާއިން އެ ގައުމަށް އެތެރެކުރާ 200 ބިލިއަން އެމެރިކާ ޑޮލަރުގެ މުދަލަށް ނަގަމުން އަދި ޓެރިފް ބޮޑުކުރެއްވުމަށް ރާވާފައިވާ ރޭވުމާ އެއްގޮތަށް ގެންދެވިދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެެވެ.

އެެމެރިކާއިން ޗައިނާގެ 200 ބިލިއަން ޑޮލަރަށްވާ މުދަލަށް 10 އިންސައްތައިގެ ޓެރިފެއް ތައާރަފްކުރީ ސެޕްޓެމްބަރު މަހުއެވެ. ރައީސް ޓްރަމްޕް ރާއްވަވާފައި އޮތީ ޖެނުއަރީ މަހުން ފެށިގެން އެ ޓެރިފް 25 އިންސައްތައަށް ބޮޑުކުރުމަށެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ އެ ޓެެރިފް ނެގުން މިހާރު 90 ދުވަހުގެ މުއްދަތަށް މަޑުޖައްސާލާފައިވާކަމަށެވެ.

ނަމަވެސް ރައީސް ޓްރަމްޕް ވިދާޅުވީ އެ 90 ދުވަހުގެ ތެރޭގައި ދެ ގައުމުން އެއްބަސްވުމަކަށް ދިއުމަށް ނުކުޅެދިއްޖެނަމަ 10 އިންސައްތައިގެ ބަދަލުގައި 25 އިންސައްތައަށް ޓެރިފް ބޮޑުކުރައްވާނެކަމަށެވެ.

ޓެކްސް މަޑު ޖައްސާލުމުގެ ބަދަލެއްގެ ގޮތުން ދަނޑުވެރިކަމުގެ ސާމާނާއި، ހަކަތައިގެ ދާއިރާއަށް ބޭނުންވާ ސާމާނާއި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ އެެހެނިހެން ބައެއް ސާމާނު ކުޑަ މިންވަރެއް އެމެރިކާއިން ގަތުމަށް އެއްބަސްވެފައެވެ.

- ކޮމެންޓް