ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 20:41
މުޒާހަރާގެ ބައިވެރިއަކު ފަރަންސޭސްވިލާތުގެ ދިދަ ހިފައިގެން ހިނގަނީ
މުޒާހަރާގެ ބައިވެރިއަކު ފަރަންސޭސްވިލާތުގެ ދިދަ ހިފައިގެން ހިނގަނީ
އީޕީއޭ
ޔެލޯ ވެސްޓް މުޒާހަރާ
ޔެލޯ ވެސްޓް މުޒާހަރައިގެ ބައިވެރިންނާއި ފުލުހުންނާއި ކުރިމަތިލުންތަކެއް
ފުލުހުން ވަނީ ޕެޕާ ސްޕްރޭ އާއި ކަރުން ގޭސް ޖަހައި "ސްޓަން (ހޭނައްތާ) ގްރެނޭޑް"ގެ ބޭނުން ކޮށްފަ
ހަމަނުޖެހުންތަކާއި ގުޅިގެން 224 މީހަކު ވަނީ ހައްޔަރުކޮށްފަ

ފަރަންސޭސްވިލާތުގެ ޕެރިހުގައި މިހާރު ކުރިއަށްދާ "ޔެލޯ ވެސްޓް" މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނައީ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފިއެވެ.

މި ކުރިމަތިލުންތަކުގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ޕެޕާ ސްޕްރޭ އާއި ކަރުން ގޭސް ޖަހައި "ސްޓަން (ހޭނައްތާ) ގްރެނޭޑް"ގެ ބޭނުން ވެސް ކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ މުދަލަށް ގެއްލުންދީ ފުލުހުންނާއި ދިމާލަށް އެއްޗެހި އުކާފައެވެ. އަދި މީގެ ތެރެއިން ބަޔަކު ވަނީ ބައެއް ފިހާރަތައް ލޫޓުވާލާ ފުލުހުންގެ ތެރެއިން ބަޔަކަށް ހަމަލާދީފައެވެ. ފަރަންސޭސްވިލާތުގެ ފުލުހުން ވަނީ މި ހަމަ ނު ޖެހުންތަކާއި ގުޅިގެން 224 މީހަކު ހައްޔަރު ކޮށްފައިވާ ކަން ޔަގީންކޮށް ދީފައެވެ.

މުޒާހަރާގެ ބައިވެރިއަކާ ހަވާލާދީ އޭއެފްޕީ. އިން ބުނެފައިވަނީ ކަންތައްތައް ބޮއްސުންލައިގެން ގޮސްގެން މި އުޅެނީ މުޒާހަރާގެ ލީޑަރަކު ނެތުމުގެ ސަބަބުން ކަމަށެވެ. ހަމަނުޖެހުން ހިންގަން އައިސްގެން އުޅޭ މީހުން އަބަދު ވެސް އުޅޭ ކަމަށާއި ނަމަވެސް އެ މީހުންނަކާ ގުޅުމެއް ނެތްކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ހަމަނުޖެހުން ހިންގަން އުޅުނު ގިނަ މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ. ފަރަންސޭސްވިލާތުގެ އިންޓީރިއަރ މިނިސްޓަރު ކުރެއްވި ޓްވީޓްއެއްގައި ބުނެފައި ވަނީ ހަމަނުޖެހުން އުފައްދަން 1500 މީހުން އުޅުނު ކަމަށެވެ. އަދި މިއީ އެ ގައުމަށް ކުރެވޭ މަލާމާތެއްގެ ގޮތުގަ އެ ބޭފުޅާ ވަނީ ސިފަކޮށްފައެވެ.

ފަރަންސޭސްވިލާތުގެ ރައީސް އެމަނުއެލް މެކްރޮން ވަނީ ހަމަނުޖެހުން ހިންގި ފަރާތްތަކުގެ އަމަލުތަކަށް އަދަބު ދޭނެ ކަމަށް ވިދާޅުވެ ވައުދުވެ ވަޑައިގެންފައެވެ. އެ ބޭފުޅާ ވަނީ މުޒާހަރާތަކާއި ގުޅިގެން ބާއްވާ ކުއްލި ކެބިނެޓް ބައްދަލުވުމެއް އާދީއްތަ ދުވަހު އޮންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މި މުޒާހަރާތައް ފެށިފައި ވަނީ އެ ގައުމުގެ ޑީސަލްގެ އަގު މަތި ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. ނަމަވެސް މިހާރު މި މުޒާހަރާތަކުގެ ބައިވެރިން ދަނީ ދިރިއުޅުމުގެ އަގުތައް އުފުލެމުން ދާތީ އާއި ރައީސް މެކްރޯންގެ ގިނަ ސިޔާސަތުތަކާއި ދެކޮޅަށް ވެސް ނުރުހުން ފާޅު ކުރަމުންނެވެ.

- ކޮމެންޓް