ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރައްވައިފިއެވެ.
އާޖެންޓީނާގެ ބުއެނަސް އަޔަރިސް ގައި މިއަދު ފެށެން ހަމަޖެހިފައިވާ ޖީ 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ދެ ގައުމުގެ އިސްވެރިން ބައްދަލު ކުރައްވާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނޭއެވެ. މި ދެބޭފުޅުންގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ ދެ ގައުމުގެ ދޭތެރޭގައި އޮންނަ ހާރިޖީ ގުޅުމުގެ އިތުރުން ސިޔާސީ ގުޅުމާއި ބެހޭގޮތުންނެވެ. މި ބައްދަލުވުމުގައި ސައުދީ ވަލީއަހުދު މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސައުދީ އިން އިންޑިއާއަށް ބޭނުންވާ ތެޔޮ އެކްސްޕޯޓްކުރުމާއި ބޭހޭގޮތުން ކަމަށް ރިޕޯޓްތައް ބުނޭއެވެ. މޯދީ އާއި ވަލީއަހުދު ވަނީ އަވިން އުފައްދާ ހަކަތައަށް އިންވެސްޓްކުރުމާ ބެހޭ ގޮތުން އެއްބަސްވެވެވަޑައިގެންފައިއެވެ.
މޯދީ މިހާރު ޖީ 20 ސަމިއްޓަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ޔޫއެން ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއިވެސް ބައްދަލު ކުރައްވާފައި އެވެ. ޖީ 20 ސަމިޓުގައި ދެމެހެއްޓެނިވީ ތަރައްގީގެ އިތުރުން ދުނިޔޭގޭ އިގްތިސާދި ގޮންޖެހުންތަކުގެ އިތުރަށް މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ގޮތުން ބޮޑު ވަޒީރު މޯދި ވާހަކަފުޅު ދައްކަވާނެ ކަމަށް ރިޕޯޓްތައް ބުނޭއެވެ. ވަލީ އަހުދު ސަލްމާން ޖީ 20 ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާއިރު ތުރުކީ ގައި މަރާލެވުނު ސައުދި އަރަބިޔާގެ ނޫސް ވެރިޔާ ޖަމާލް ޙަޝޯގްޖީ މަރާލުމުގައި ވަލީ އަހުދުގެ އަތެއްވާ ކަމަށް ގިނަ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އެ ގޮތުން ޖީ 20 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އާޖެންޓިނާއަށް ފުރާވާޑައިގަތުމުގެ ކުރިން ޓިއުނީޝިއާއާށް ކުރެއްވި ދަތުރާ ދިމާކޮށް ގިނަ ބަޔަކު ވަނީ ވަލީ އަހުދާއި ދެކޮޅަށް މުޒާހަރާ ކޮށްފައިއެވެ.
މިހާރު ޖީ 20 ސަމިޓަށް ވަޑައިގެން އުޅުއްވާ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ތެރިޒާ މެރީ އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތި ދެއްވަމުން ވިދާޅުވީ ޙަޝޯގްޖީގެ މަރާއި ގުޅޭގޮތުން އެކަމަނާ ވަލީ އަހުދާއި ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. ވިހި ގައުމުން ބައިވެރިވާ ޖީ 20 ސަމިޓް ދެމިގެންދާނީ އެއްދުވާހުގެ މުއްދަތަކަށެވެ. ސަމިޓްގެ ރިޔާސަތު ބަލަހައްޓަވާނީ އާޖެންޓިނާގެ ރައީސް މައުރީސޯ މަކްރީއެވެ.