ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 18:48
ލަނަކާގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ވިޖެގުނަރަތްނެ
ލަނަކާގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ވިޖެގުނަރަތްނެ
އޭއެފްޕީ
ަލަންކާގެ ދާހިލީ ހަނގުރާމަ
ލަންކާގެ ސިފައިންގެ ވެރިޔާ ހައްޔަރުކޮށްފި
ހައްޔަރުކުރަން އަމުރު ނެރުނީ 11 ޒުވާނުން މަރާލި މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތް ފިލަން އެހީތެރިވެދީގެން
ކޯޓުން އަމުރުކުރީ އޭނާ ޑިސެމްބަރު 5 ވަނަ ދުވަހާއި ހަމައަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް

ލަންކާގެ ސިފައިންގެ ވެރިޔާ، އެޑްމިރަލް ރަވިންދުރަ ވިޖެގުނަރަތުނަ ހައްޔަރު ކުރަން އެ ގައުމުގެ ކޯޓަކުން ނެރުނު އަމުރު ތަންފީޒުކޮށްފިއެވެ.

ވިޖެގުނަރަތުނަ މައްޗަށް ތުހުމަތު ކުރެވެނީ ލަންކާގެ ދާހިލީ ހަނގުރާމަ ނިމިގެން އައި ދުވަސްވަރު 11 ޒުވާނުން މަރާލި މައްސަލައެއްގައި ތުހުމަތު ކުރެވޭ ސިފައިންގެ އިންޓެލިޖެންސް އޮފިސަރ، ޗަންދަނަ ޕްރަސާދް ހެއްޓިއާރައްޗީ، ފިލަން އެހީވެދީ އެ މައްސަލައިގެ ހެކި ނައްތާލަން އުޅުނުކަމަށެވެ.

ވިޖެގުނަރަތުނަ ބުދަ ދުވަހު ކޯޓަށް ހާޒިރުވީ ކޯޓުން އޭނާ ހައްޔަރު ކުރަން ނޮވެމްބަރު މަހު އަމުރު ނެރުމުން ވެސް ކޯޓަށް ހާޒިރުނުވެ އުޅުމަށް ފަހުގައެވެ. ކޯޓަށް ހާޒިރުވުމަށް ފަހު އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތަކަށް އިންކާރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލާފައި ބަހައްޓަން އޭނާގެ ފަރާތުން ވަނީ އެދިފައެވެ. ނަމަވެސް ކޯޓުން އަމުރުކުރީ އޭނާ ޑިސެމްބަރު 5 ވަނަ ދުވަހާއި ހަމައަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށެވެ.

ބުދަ ދުވަހު ކޯޓުގައި ވާހަކަ ދައްކަމުން ދައުލަތުގެ ވަކީލު ބުނެފައި ވަނީ މި ހަފްތާ ބަންދުގައި ވިޖެގުނަރަތުނަ އާއި އޭނާގެ ހަށިފާރަވެރިން، މައްސަލައާއި ގުޅުންހުރި މުހިންމު ހެކިވެރިޔަކު ކިޑްނެޕް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ލަންކާގައި 37 އަހަރުގެ މުއްދަތަށް ދިގު ދެމިގެން ދިޔަ މި ހަނގުރާމައިގައި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމުގެ ކުށް އެގައުމުގެ ސިފައިންގެ އެތައް ބައެއްގެ މައްޗަށް ވަނީ ކުރެވިފައެވެ. އަދި މި ކުށްތަކުގެ ތަހުގީގު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. ނަމަވެސް ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ކުރި ހަނގުރާމަ ނިންމާލުމުގެ މޭސްތިރިއަކަށް ހުރި އެ ގައުމުގެ އޭރުގެ ރައީސް މަހިންދަ ރާޖަޕަކްސަ ބޮޑު ވަޒީރުކަމަށް އައުމުން ވަނީ މި ތަހުގީގުތައް ހުއްޓުމަކަށް އައިސްދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް