މިވަގުތު ދިހަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ޚާލިދާ ޒިޔާއަށް ކުރިޔަށް އޮތް އާންމު އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަން ކަށަވަރުވެއްޖެއެވެ.
ޙާލިދާ ޒިޔާ ޖަލަށް ލާން ހުކުމްކޮށްފައިވަނީ ކޮރަޕްޝަންގެ ދެ ދައުވާއެއް އެ ކަމަނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ. ނަމަވެސް އެކަމަނާގެ ސަޕޯޓަރުން ތިބީ ޑިސެމްބަރު 20 ވަނަ ދުވަހު އޮތް އިންތިހާބުގެ ކުރިން އެކަމަނާ މިނިވަން ވާނެ ކަމުގެ އުންމީދުގައެވެ.
ބުދަ ދުވަހު އެ ގައުމުގެ ހައި ކޯޓުން ވަނީ ދެ އަހަރަށް ވުރެން ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންގެންދާ މީހަކަށް އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ދަމަހައްޓާފައެވެ. ބަންގްލަދޭޝްގެ އެޓާނީ ޖެނެރަލް މަހުބޭ އާލަމް ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މިހުކުމާއި ވިދިގެން އެކަމަނާއަށް އިންތިހާބުގައި ބައިވެރިވުމުގެ ހުރިހާ ދޮރެއް ބަންދުވީކަމަށެވެ. ގާނޫނުގައި އޮންނަ ގޮތުން އެކަމަނާ ދޫކޮށްލިޔަސް އިންތިހާބެއްގައި ބައިވެރިވެވޭނީ 5 އަހަރު ފަހުން ކަމަށް ވެސް އެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ.
ޒިޔާގެ ޕާޓީގެ (ބަންގްލަދޭޝް ނެޝަނަލް ޕާޓީ) ސެކެޓްރީ ޖެނެރަލް، މިރްޒާ ފަޚްރުލް އިސްލާމް ވަނީ ކޯޓުގެ ނިންމުން ގަބޫލުނުރެވޭ ކަމަށާއި އެ ނިންމުމާ ނުރުހުން ފާޅުކޮށް ދެކޮޅު ހަދާނެކަމަށެވެ. އެ ޕާޓީގެ މީހުން ބުނަމުން ދަނީ އެއީ ސަރުކާރުން ބޭނުންވާ ގޮތަށް ކޮށްފައިވާ ހުކުމެއްކަމަށެވެ.
އަންނަ މަހުގެ އިންތިހާބުގައި ނެޝަނަލް ޔުނިޓީ ފްރަންޓާއި އެކީ ކޯލިޝަން ހަދައިގެން ނިކުންނަން ނިމްމާފައިވާ ބީޖޭޕީއިން ޚާލިދާއަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި ވާދަކުރާނެ ކެނޑިޑޭޓަކާއި ދޭތެރޭ އަދިވެސް ގޮތެއް ނުނިންމައެވެ.