ބަޖެޓް އެއަރލައިނެއް ކަމަށްވާ ލަޔަން އެއަރގެ ބޯޓްތަކުގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށް އިންޑޮނީޝިއާގެ އިދާރާތަކުން އެ އެއަރލައިނަށް ލަފާ ދީފިއެވެ.
އެ އެއަރ ލައިނަށް މިގޮތަށް ލަފާދީފައި ވަނީ އޮކްޓޯބަރ މަހުގެ 29 ވަަނަ ދުވަހު އެ އެއަރލައިންގެ ފްލައިޓް ޖޭޓީ 610 ޖަކާޓާ އިން ފުރިތާ އިރުކޮޅެއްގެ ތެރޭގައި ޖާވާ ކަނޑަށް ވެއްޓުނު ހާދިސާ އާއި ގުޅިގެން ހިންގި ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓްގައެވެ.
ބޯއިންގ 737 ގެ މި ބޯޓް ވެއްޓުނު އިރު ބޯޯޓުގައި 189 މީހުން ދަތުރުކޮށްފައި ވާއިރު އެއްވެސް މީހަކު ސަލާމަތް ވެފައި ނުވެއެވެ.
މި ރިޕޯޓްގައި ވެސް ބޯޓް ވެއްޓެން ދިމާވި ސީދާ ސަބަބެއް ބުނެފައެއް ނުވެއެވެ.
އިންޑޮނީޝިއާގެ ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީ އިން ބުނީ ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށްޓަކައި އޮޕަރޭޝަން މެނުއަލްއާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރަން ޖެހޭކަމަށެވެ.
ފްލައިޓް ޖޭޓީ 610، އެ ދަތުރަށް ފުރުމުގެ ކުރިން ވެސް ބޯޓުގެ ބައެއް އާލާތްތަކަށް މައްސަލަ ދިމާވެފައި ވާކަން ބީބީސީ އަށް ލިބިފައިވާ ބޯޓުގެ ޓެކްނިކަލް ލޮގުން އެނގޭ ކަމަށް އެ އެ ޖެންސީން ކުރިން ހާމަކޮށްފައި ވެއެވެ.
ޓެކްނިކަލް ލޮގްގައި ބުނެފައިވާ ގޮތުގައި ބޯޓުގެ ބައެއް އިންސްޓްރުމެންޓްތައް ހުރީ ބަރޯސާ ނުވެވޭ ހާލަތެއްގައެވެ.
އޭގެތެރޭގައި ވައި ދަތުރުކުރާ ބާރުމިން އަންގައިދޭ އިންސްޓްރުމެންޓަށް ބަރޯސާ ނުވެވޭއިރު ބޯޓު އޮތް އުސްމިން ދެނެގަންނަ އިންސްޓްރުމެންޓްތަކުގެ ތެރެއިން ކެޕްޓަންގެ އަތުގައި އޮތް އިންސްޓްރުމެންޓާއި ފަސްޓް އޮފިސަރގެ އަތުގައި އޮތް އިންސްޓްރުމެންޓުން ދައްކާ ގޮތް ތަފާތުވާ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެއެވެ.