ހަތް މަސް ވަންދެން މެލޭޝިއާގެ އެއަރޕޯޓެއްގައި ތާށިވެފައި ހުރި ސީރިއާގެ ރައްޔިތަކަށް، ކެނެޑާއިން ހިމާޔަތް ދީފިއެވެ.
ހަސަން އަލް-ކޮންތާރު ނަމަކަށް ކިޔުނު މި މީހާއަށް ދުނިޔޭގެ ސަމާލުކަން ލިބެން ފެށީ އޭނާ އެއަރޕޯޓުގައި ހުރެގެން ހަދަން ފެށި ވީޑީއޯ ތަކެއްގެ ސަބަބުންނެވެ. އޭނާ ފާއިތުވެ ދިޔަ ދެ މަސް ހޭދަކޮށްފައިވަނީ މެލޭޝިއާގެ ޖަލެއްގައެވެ. މި ދުވަސްތަކުގެ ތެރޭގައި އޭނާ ވަނީ ތުރުކީ އަދި ކެމްބޯޑިއާއަށް އެތެރެ ވުމަށް މަސައްކަތްކޮށް ނާކާމިޔާބު ވެފައެވެ.
ހަސަންއަށް ރެފިއުޖީއެއްގެ ގޮތުގައި ކެނެޑާއިން ހިމާޔަތް ހޯދުމަށް އެހީތެރިވެ ދީފައި ވަނީ އެ ގައުމުގެ ދެ ޖަމިއްޔާއެއް ކަމުގައިވާ "ބްރިޓިޝް ކޮލަމްބިއާ މުސްލިމް އެސޯސިއޭޝަން" އަދި "ކެނެޑާ ކެއަރިން ސޮސައިޓީ" އެވެ. ކެނެޑާ ކެއަރިން ސޮސައިޓީގެ މެންބަރަކު ވިދާޅުވީ ހަސަން ކެނެޑާއަށް ގެނައުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާގެ އެޙީ ލިބިފައިވާކަމަށެވެ. އަދި ހަސަންއަށް ކުރިމަތިވި އުނދަގޫ ތަކަކީ މިއަދު ހުރިހާ ރެފިއުޖީންގެ ވެސް ހާލަތު ކަމަށާއި ހަސަންއަކީ ނަސީބުވެރިއެއް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ކެނެޑާއަށް ދިޔަ މަގުމަތީ، ޓައިވާންގެ އެއަރޕޯޓެއްގަ ހުރެގެން ޓްވީޓް ކުރި ވީޑިއޯއެއްގައި ހަސަން ވަނީ އޭނާ އުފުލި ހުރިހާ ބުރައަކުން އަރައިގަތުމަށް އެހީތެރިވެދީ މަސައްކަތް ކުރި ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު ރައްދުކޮށްފައެވެ.
ހަސަން ހުރީ 2011 ވަނަ އަހަރު ސީރިއާ ހަނގުރާމަ ފެށިގެން އައި އިރު ޔޫއޭއީގައި އިންޝުއަރަންސް ދާއިރާގެ ވަޒީފާއެއްގައެވެ. ޕާސްޕޯޓު އާ ނުކުރެވުމުން، ޔޫއޭއީގައި ގަވައިދާ ހިލާފަށް އުޅެމުން ދަނިކޮށް 2016 ވަނަ އަހަރު އޭނާ ވަނީ ހައްޔަރުވެސް ކޮށްފައެވެ. އަލުން ޕާސްޕޯޓު ލިބުމުން އޭނާ ސީރިއާއަށް ދިޔުމުގެ ބަދަލުގައި މެލޭޝިއާއަށް ދިޔައީ އަނބުރާ ގައުމަށް ދިޔުމުން ހަނގުރާމައިގައި ބައިވެރިވާން ޖެހިދާނެތީ ކަމަށް އޭނާ ވަނީ ބުނެފައެވެ.