ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 07:31
ނޫސްވެރިޔާ ޖަމާލް ޙަޝޯގްޖީ
ނޫސްވެރިޔާ ޖަމާލް ޙަޝޯގްޖީ
ގެޓީ އިމޭޖަސް
ޖަމާލް ޙަޝޯގްޖީ
ހަޝޯގީގެ މަރުގެ މައްސަލައިގައި އިތުރު ދެ ގެއެއް ބަލާ ފާސްކޮށްފި
ތަންތަން ބަލަން ފުލުހުން ދަނީ ކުއްތާއާއި ޑްރޯންގެ ބޭނުން ކުރަމުން
މިތަނުން އެއް ގޭގެ ވެރިޔަކީ ސައުދީ ވިޔަފާރި ވެރިއެއް

މަރާލެވިފައިވާ ނޫސްވެރިޔާ ހަޝޯގީގެ މައްސަލައާ ގުޅިގެން ތުރުކީގެ ޔަލޯވާ ސިޓީގައި ހުރި ދެ ގެއެއް، އެ ގައުމުގެ ފުލުހުން ބަލައި ފާސްކޮށްފިއެވެ.

ތުރުކީގެ ބަންޑާރަ ނައިބު އަންގައިގެން އެ ގައުމުގެ ފުލުހުން ވަނީ ހޯމަ ދުވަހު ހެނދުނުން ފެށިގެން އެ ދެ ގެއާއި، ދެ ގެއާއި އިންވެގެންވާ ސަރަހައްދު ބަންދު ކޮށްގެން ބަލަން ފަށާފައެވެ. މި ދެ ގެއަކީ ބޮޑެތި ބަގީޗާތަކާއި ވަޅުތައް ހިމެނޭ ގޮތަށް "ވިލާ" ސްޓައިލްއަށް ހަދާފައިވާ ދެ ގެއެވެ. މި ތަންތަން ބަލަން ފުލުހުން ދަނީ ކުއްތާއާއި ޑްރޯންގެ ބޭނުން ވެސް ކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެތަނުން އެއް ގޭގެ ވެރިޔަކީ ސައުދީ ވިޔަފާރި ވެރިއެއް ކަމުގައިވާ މުހައްމަދު އަހަމަދު އަލްފޫޒަން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާއި ގާތް ގުޅުމެއް އޮވެ އެވެ. ތުރުކީގެ ބަންޑާރަ ނައިބާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވަނީ، އެ މައްސަލައިގައި ޝާމިލްވާ ސައުދީ ރައްޔިތެއް ކަމުގައިވާ މަންސޫރު އުޠްމާން އަބޫހުސައިން ވަނީ އަލްފޫޒަންއަށް ފޯނު ކޯލެއް ކޮށްފައެވެ. މި ފޯނު ކޮށްފައިވަނީ ހަޝޯގީ މަރާލުމުގެ އެއް ދުވަސް ކުރިންނެވެ.

ސައުދީއިން އަދިވެސް ބުނަމުންދަނީ މި މައްސަލައިގައި ވަލީއަހުދުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. ސައުދީ ފޮރިން މިނިސްޓަރު ވިދާޅުވެފައި ވަނީ ވަލީއަހުދާއި ދިމާލަށް އިނގިލި ދިއްކުރުން އެއްވެސް ވަރަކަށް ބަލައެއް ނުގަނެވޭނެ ކަމުގައެވެ. އަދި މި މައްސަލައިގައި އޭނާ ޖަވާބުދާރީކުރަން ގޮވާލާ ގޮވާލުންތަކައް ވެސް ސައުދީން ބަލައި ނުގަންނާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއީ ހަޝޯގީގެ މަރުގެ މައްސަލައާއި ގުޅިގެން ތުރުކީ ފުލުހުން ފާސްކުރާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން އެ ގައުމުގެ ފުލުހުން ވަނީ ސައުދީ ކޮންސުލެޓްގެ އިތުރުން، ސައުދީ ކޮންސުލްގެ ރަސްމީ ގެކޮޅާއި އިސްތަންބޫލް ކައިރީގައި އޮންނަ ޖަންގައްޔެއް ވެސް ބަލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް