ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 20:56
ސައުތު އެފްރިކާގެ މައިނެއްގައި މީހަކު މަސައްކަތް ކުރަނީ
ސައުތު އެފްރިކާގެ މައިނެއްގައި މީހަކު މަސައްކަތް ކުރަނީ
ގޫގުލް
ދެކުނު އެފްރިކާ
ސައުތު އެފްރިކާގެ އާ މިނިމަމް ވޭޖް: ގަޑިއިރަކަށް މަދުވެގެން 1.45 ޑޮލަރު ދޭންޖެހޭ
ބިލަށް އަމަލުކުރަން ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުން ފެށިގެން

ދެކުނު އެފްރިކާގެ މިނިމަމް ވޭޖްގެ ބިލް ހޯމަދުވަހު ތަސްދީގުކޮށް، މަސައްކަތްތެރިންނަށް ގަޑިއިރަކަށް މަދުވެގެން 1.45 ޑޮލަރުގެ އުޖޫރައެއް ދޭން ޖެހޭނެ ކަމަށް ކަނޑައަޅައިފިއެވެ. 

އެގައުމުގެ ރައީސް ސިރިލް ރަމަޕޯސާ ތަސްދީގު ކުރެއްވި މިނިމަމް ވޭޖް ބިލުގައި ވާގޮތުން އަސާސީ މުސާރައެއް ގޮތުގައި ކޮންމެ މަސައްކަތްތެރިއަކަށްވެސް ގަޑިއިރަކަށް މަދުވެގެން 20 ސައުތު އެފްރިކަން ރާންޑް ( 1.45 ޑޮލަރު ) ދޭންޖެހޭނެއެވެ. މިއަދާދާއި އެކު ކޮންމެ މަސައްކަތްތެރިއަކަށްވެސް މަހަކު އެންމެ މަދުވެގެން 3500 ސައުތް އެފްރިކަން ރާންޑް ( 252.94 ޑޮލަރު ) ގެ އުޖޫރައެއް ލިބޭނެ ކަމަށް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލަށް އަމަލު ކުރަން ހަމަޖެހިފައިވަނީ 2019 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ކަމަށް ސައުތް އެފްރިކާގެ ރައީސްގެ އޮފީހާއި ހަވާލާދި ރިޕޯޓްތައް ބުނެއެވެ. މިނިމަމް ވޭޖްގެ ބިލް އެންމެ ފުރަތަމަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ފާސްކޮށް މަޖިލީހުގެ މަތިގެއަށް ހުށައަޅާފައި ވަނީ 2017 ވަނަ އަހަރުއެވެ. މި ބިލް ފާސްކޮށްފައިވަނީ މިދިޔަ އަހަރު މޭމަހު މަޖިލީހުގެ މަތިގޭގެ އަގުލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް ވޯޓުދީފައި ވަނީ އެ ގައުމުގެ އިދިކޮޅު ޑިމޮކްރެޓިކް އެލަޔަންސްއިންނެވެ.

މިނިމަމް ވޭޖް ބިލަށް ތާއިދުކުރާ ފަރާތްތަކުން ބުނަނީ މި ބިލްގެ ސަބަބުން ވަޒީފާ އަދާކުރާ މީހުންގެ މެދުގައި ފަރަގު ކުޑަވެގެންދާނެ ކަމަށާއި އޭގެ ސަބަބުން ޤައުމުގެ އިގްދިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. މި ބިލާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ބުނަނީ މި ބިލްގެ ސަބަބުން ވަޒީފާ އަދާނުކުރާ މީހުންގެ އަދަދު ގިނަވެގެންދާނެ ކަމަށާއި މި ޤާނޫނުގައި ކަނޑައަޅާފައިވާ އަސާސީ މުސާރަ ދިނުމުގެ މާލީ ޤާބިލްކަން ވަޒީފާދޭ ހުރިހާ ފަރާތްތަކުގެ ކިބައިގައި ނުހުންނާނެ ކަމަށެވެ. 

- ކޮމެންޓް