ޖާސޫސް ކޮށްދިންކަމުގެ ތުހުމަތުގައި އުމުރު ދުވަހަށް ޔޫއޭއީގައި ޖަލަށް ލާފައިވާ އިނގިރޭސި ވިލާތުގެ ދަރިވަރެއް ކަމަށްވާ މެތިއު ހޭޖަސްއަށް މައާފް ދީފިއެވެ.
މެތިއުއަށް މައާފް ދީފައިވަނީ ޔޫއޭއީގެ ގައުމީ ދުވަހު ރައީސް ޝެހް ހަލީފާ ބިން ޒައިދް އަލް ނަހްޔާންގެ އަފޫއާއްމްގެ ދަށުންކަމަށް އެމިރޭޓްސް ނިއުސް އެޖެންސީ އިން ބުނެފައިވެ އެވެ. އެގޮތުން ރަސްމީ ގޮތުން އޭނާ އަށް މައާފު ދީފައިވާ ކަމުގެ ސިޓީއެއް މެތިއުގެ އާއިލާއަށް ފޮނުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ލިޔެކިއުންތައް ނިމޭހާ އަވަހަށް މެތިއު އަށް އިނގިރޭސިވިލާތަށް ދެވޭނެ އެވެ.
ޔޫއޭއީގެ މި ނިންމުމަށް އިނގިރޭސިވިލާތުން ވަނީ ޝުކުރު އަދާކޮށް، މެތިއުގެ މައްސަލަ އަވަހަށް ނިންމާ ދީފައިވާތީ އެކަމަށް ޝުކުރުއަދާކޮށްފަ އެވެ.
މެތިއުއަށް މައާފްދީފައި ވާތީ އޭނާގެ އަންހެނުން ޑެނިއަލާ ޓެޑަޖާ ބުނީ ވަރަށް އުފާވެއްޖެ ކަމަށާއި ދެން އެންމެ އަވަހަށް ބޭނުމީ މެތިއު އަނބުރާ ގެއަށް އައުން ކަމަށެވެ.
އިނގިރޭސިވިލާތުގެ ޑުރްހަމް ޔުނިވާސިޓީގައި ޕީއެޗްޑީ އަށް ކިޔަވަމުންދިޔަ މެތިއު ހައްޔަރު ކޮށްފައި ވަނީ ރިސާޗެއް ހެދުމަށް ފަހު އިނގިރޭސިވިލާތަށް ފުރަން ގޮސް ހުއްޓާ މޭމަހުގެ ފަސްވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ޔޫއޭއީގެ ހާރިޖީ ސިޔާސަތަށް ނުރައްކަވާ މައުލޫމާތު އިނގިރޭސިވިލާތަށް ޖާސޫސްކޮށްދިނުމުގެ ތުހުމަތެވެ. ނަމަވެސް މެތިއުވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.