ނުބެހޭ ކަންމުގައި ކާޅުކެޔަސް ސޮއް ނުގޮވާށޭ މުސްކުޅިން ބުނާތީ އަޑު އަހަމެވެ. އެކަމަކު ދުލުގައި ހިފާފައި ދަމަން ފެށީމާ މަށެއް ކަމަކު ހަނުހުންނާކަށް ހިތްވަރެއް ލިބޭގޮތެއް ނުވިއެވެ. ބޮޑެތި ސިންގާހާ ފިރިހެނުން ރޯމާ ދުވާލު މޮޔަގޮވާން ފެށީމާ ނުހީހުންނާނެ ގޮތެއް މަށަކަށްވާ ނޭނގުނެވެ. އަމުދުން ތަންދޮރު ފިލާފައިތިބި އަދި ހެވާ ނުބައި ރަނގަޅަށް ބުނެދޭން ތިބި ބަޔަކު ނުގޮތަކަށް އުޅެން ފެށީމާ އަންނަނީކީ އަމަށަކު ހިންޏެއް ނޫނެވެ. އަމިއްލައަށް އަމިއްލަ ފައިންއަރާ ބޮލާފޮށާއެޅޭ ހިސާބަށް ދިޔައިމާ ކަންކަން ބެލުމުގައި ކޭތިލާއުޅޭ މަކަހަލަ މީހަކަށް ހުރެވޭނީ ކިހިނެއް ހެއްޔެވެ.
ކޮންމެހެން ދިއުޅި ދިގުކުރާކަށް ހާސަރު ތަކެއް ދަމާކަށް ނެތީމެވެ. ބަޔަކު އެތައް ދުވަހަކުން ގެނައި ސަރުކާރު ނަގާ ހޫރާލީ ލާދީނީ ވެގެންނެވެ. ދިވެހިން ޣައިރު ދީންނަށް އަނބުރާލަފާނެތީއެވެ. މޓްވެގެންވާ އިސްލާމްދީން ގާދޫކޮލުން ބޭރުކޮށްލަފާނެތީއެވެ. އެަކަމުގައި އެންމެ އިސްރޯލެއް އަދާކުރި އެއްބަޔަކީ ދީނީ އިލްމުވެރިންތަކެއްގެ މައްޗަށް ހިމެނޭ މަޝްހޫރު ސަލަފް ޖަމްއިއްޔާއެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުން ކުރި ބައެއް ކަންކަމަކީ އިސްލާމްދީނާ ނުޚާލިފް ކަންކަންކަމުގައި ކަނޑައަޅައި އެކަމާ ދެކޮޅަށް ތެދުވި އެއްބަޔަކީ ދީނުގައި އޮންނަ ގޮތް ބުނެދިނުމުގެ ގޮތުން ސަލަފް ޖަމްއިއްޔާއެވެ.
ސާކްސަމިޓާ ދިމާކޮށް އިސްލާމީ ޤައުމަކުން އެ ގައުމުގެ މީހުން އިސްލާމްދީނަށް ވާސިލްވެ ގޮތް ދައްކުވައިދޭން ބެހެއްޓި މޮނިއުމެންޓް ވެގެން ދިޔައީ ނަޝީދު ސަރުކާރުން ރާއްޖޭގައި ބެހެއްޓި ބޮޑު ބުދަކަށެވެ. ދެޖިންސު އެކުގައި ކިޔަވައިދިނުން ހުއްދަ ނުވާނެ ކަމަށް ބުނަމުން ދިޔައީ ދީނީގޮތުން ކަންއޮތްގޮތް ބުނެދޭށެވެ. އިސްލާމް ދިވެހި އިޚްތިޔާރީ މާއްދާއަކަށް ހެދުމުގެ މަޝްވރާކުރަން އުޅުން ކަމަކު ނުދިޔައެވެ. އެވެސް ދީނަށް ކުރި ފުރައްސާރައަކަށް ވިއެވެ. އަރަބިއްޔާހުރި ބިމުން އެތަން ނަގާ އެހެންތަނެއްގައި އެޅުންވެސް ވެގެން ދިޔައީ ދީން ފުހެލުމަށެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި މިކަހަލަ ލާދީނީ ކަންކަން ބައިވަރެވެ. އޭރުގެ އިލްމުވެރިންގެ ބަހުންނެވެ. އެކަމުގައި ނަގާ ކިޔާއުޅުނު އެއްބަޔަކީ ޖަމްއިއްޔަތުއް ސަލަފެވެ. ބޮޑެތި ބަޔާންތައް ނެރުނެވެ. ސީދާ ހަރަކާތައް ނިކުތެވެ. އިހުތިޖާޖްތައް ކުރިއެވެ. ރައްޔިތުންނަށް ވިސްނައިދީ ބޮޑެތި ފަތުވާތައް ނެރުނެވެ. ހަމަ ސީދާ ސަރުކާރަށާއި ވަލިއްޔުލް އަމުރަށް ނިސްބަތްކޮށެވެ.
އޭރުގެ ގޮތުން ބެލިއަސް އަދި މިހާރުވިއަސް އެއީ ދީން ކުރިއެރުވުމަށްޓައި ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެކަމަކު ހިނިއަންނަނީ ވެރިކަމާއެކު އެ ވިސްނުން ބަދަލުވީތީއެވެ. އިސްލާމްދީން ބަދަލު ނުވެ ތާއަބަދު ދެމިއޮންނާނެ ކީރިތި ޤުރުއާން ބަދަލު ނުވެ އޮތްއިރު ފަތުވާދިން މީހުންގެ ރާގު ބަދަލުވީތީއެވެ. ބަހާ ޢަމަލާ ދިމާނުވީތީއެވެ. އަމުދުން ދީނުގެ ޙައްޤުގައި ބަސްބުނަން ނުކެރި ފަހަތުފަޔަށް ބުރަވީތީއެވެ. މި ގައުމުގައި ހިނގާ ދީނާ ބީރައްޓެހި އަދި ސީދާ އިސްލާމްދީނާ ދެކޮޅު ކަންކަމާމެދު ނުކުންނާން ނުކެރުން އެކަންޏެއް ނޫނެވެ. ލާދީނީ އެމްޑީޕީ ފައިބުޑަށް ވެއްޓި ކަމަކުން ސަލާމަތްވާން ޖަހަންފެށި ސަލާމުން އަންނަނީ އަމަށަކު ހިންޏެއް ނޫނެވެ.
ނޫނޭވާ ތިޔަ ކުރީކީ އާދައިގެ ކަމެއް ނޫނެވެ. މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން މަނާކޮށް ސަރުކާރުން އެމީހުން ގެއަށް ފޮނުވާލީމާ ތިޔަ ޖެހީ ކޮންސަކަރާތެއް ހެއްޔެވެ. ތިޔަހާ ފިނޑިވާން ހެޔޮވާނީ ކިހިނެއްހެއްޔެވެ. ދީނުގައި އޮންނަގޮތް ބުނެދިނުން އެއީ ކުރެވޭ އެންމެ ބޮޑު އެއްޖިހާދޭ ވިދާޅުވެ ބޮނދާ ރައްކާވީމާ ދެން ތިޔަވާހަކަ އަޑުއަހަން ތިބޭ މީހުން ބުނާނީ ކީކޭތޯއެވެ. ލާދީނީވެގެން ކަމުނުދިޔަ އެމްޑީޕީ ގާތު އިހްތިޖާޖް ކޮށްލަދޭށޭ ބުނަން ކެރުނީތީވެސް ހަމަހައިރާންވެ އަންތަރީސްވެއްޖެއެވެ.
ތިޔަކަމުން މަށަށް ފަހުމްވީ ދެކަމެކެވެ. އެއްކަމަކީ އަނެއްކާވެސް އެމްޑީޕީގެ ބޮލުގައި ކަމެއް އެޅުވުމެވެ. ދީނީ ކަމަކަށްވީތީ އަހަރެމެން ބުނީމާވެސް އިހުތިޖާޖް ކޮށްލަން ނުކެރުނޭ ބުނެ ބަޔަކުލައްވާ އެމީހުންނަށް ލަނޑެއް ދިނުމެވެ. ހައްޤުތަކޭ އިންސާނިއްޔަތުކަމޭ ހަމަހަމޭ ކިޔާ ބަޔަކަށް ދީނުގެ ހައްޤުގައި އިހްތިޖާޖް ކޮށްލަން ނުކެރުނޭބުނެ ބަޔަކުލައްވާ ފާޑު ކިއުމެވެ.
އަނެއްކަމަކީ ތިމާމެނަށް ހަޤީގަތުގައިވެސް ނުކެރުމެވެ. ސްޕޮންސަރުން ނުރުހިދާނެތީއެވެ. ތިބި ވަޒީފާތަކުން ވަކިވާން ޖެހިދާނެތީ ރޫރޫއަޅަން ފެށުމެވެ. އަހުވައެއް ކުރިމަތިވެ ޖަލުގެ ގޮޅިތަކަށް ވަންނާން ޖެހިދާނެތީ ކަންބޮޑުވީއެވެ. އަމުދުން ރައީސް ނަޝީދާ ދެކޮޅަށް 23 ޑިސެމްބަރު އެއްވުން ފަދަ އެއްވުމެއް ބާއްވާލާފައި އޭގައި ބައިވެރިވާން އަންނާށޭ ބުނިނަމަވެސް ތަންކޮޅެއް ތާހިރު ވީހެވެ. ފްލެޓް މިސްކިތުގެ ހަރިންމަ ތެރޭގައި ހެދިހެން ކަޅުފޮތީގައި ޖެހި ބެނާތައްހެން ފޮތިތަކެއް ތައްޔާރުކޮށްލަދޭން އަތްގާތްކޮށްލަދޭން އަންނާށޭ ބުނިނަމަވެސް ރަނގަޅު ވީހެވެ.
ކޮންމެއަކަސް ތިޔަހެން އުޅުނީމާ ކޮންމެ ބަޔަކުވެސް ފާޑު ކިޔާނެއެވެ. ވަޒީފާއޭ، ކަންނެލިއޮޑިއޭ އަރިސް މަހުޖަނުދޭ މުސާރައޭ ބޮޑު މަޤާމޭ ކިޔާނެ މީހުންވެސް އުޅޭނެއެވެ. ދީން ބޭނުންކުރީ ވެރިކަން ވައްޓާލާނެ ހަތިޔާރަކަށޭވޭ އަޑުން އަޑުނަގާ ރުއިރުއިން އެއީ ކަންދެއްކުމޭ ބުނާނެ މީހުންވެސް މަދެއް ނުވާނެއެވެ. ތިޔަކަށް ދީން ކުރިއަރުވަން އުޅޭ ޝެއިޚުންނެކޭ ނުކިޔާނެއެވެ. އަމިއްލަ ފައިދާއަށް އުޅޭ މޮޔަ ސޭކުންނޭ ކިޔާފާނެއެވެ. އަމިއްލައަށް ތިޔައެޅެނީ ރީތިގޮތުގައި ބޮލާފޮށައެވެ.