ކ. މާލެ
|
24 ނޮވެންބަރ 2018 | ހޮނިހިރު 19:26
ލަންކާގެ ގާނޫނު ހަދާ މަޖިލިސް
ލަންކާގެ ގާނޫނު ހަދާ މަޖިލިސް
ޑެއިލީ މިރޯ
ސްރީ ލަންކާ
ލަންކާގެ ފައިސާގެ އަގު ރެކޯޑް އަދަދަކަށް ދަށަށް!
ލަންކާގެ ފައިސާގެ އަގު ހުރީ ޑޮލަރަކަށް 179.95 ރުޕީސްގެ ރޭޓްގަ
ބޭރުގެ އިންވެސްޓަރުން ވަނީ 300 މިލިއަން ޑޮލަރުގެ ފައިސާ އަނބުރާ ނަގާފަ

އަވައްޓެރި ސްރީލަންކާގައި ހިނގަމުންދާ ސިޔާސީ ކޯޅުންތަކާ ގުޅިގެން، ސްރީލަންކަން ރުޕީސްގެ އަގު ރެކޯޑް އަދަދަކަށް ދަށަށް ހިނގައްޖެއެވެ.

ހުކުރު ދުވަހު ލަންކާގެ ފައިސާގެ އަގު ހުރީ ޑޮލަރަކަށް 179.95 ރުޕީސްގެ ރޭޓްގައެވެ. ލަންކާގެ އިގްތިސާދަށް މިކަމުގެ ސަބަބުން ދަނީ އިންތިހާ ދަރަޖަ އަށް ނޭދެވޭ އަސަރު ކުރަމުންނެވެ.

މޫޑީސް ކްރެޑިޓް ރޭޓިން އެޖެންސީ އިން ވެސް ވަނީ 2010 ގައި ލަންކާ ރޭޓް ކުރަން ފެށުމަށް ފަހު ފުރަތަމަ ފަހަރަށް ރޭޓިން ދަށްކޮށްފައެވެ. އެ ބޭފުޅުން ވެސް ރޭޓިން ދަށް ކުރުމުގެ ސަބަބެއްގެ ގޮތުގައި ދެއްކީ މިހާރު ހިނގަމުންދާ ސިޔާސީ ނުތަނަވަސް ކަމެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ލަންކާ އަށް ދޭން އެއްބަސްވެފައިވާ ފައިސާގެ އެހީ ދިނުން ފަސް ކޮށްފައެވެ. އަދި ލަންކާގެ ބޭރުގެ އިންވެސްޓަރުން ވަނީ ސިޔާސީ މި ނުތަނަވަސްކަން ފެށުނު ފަހުން 300 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ފައިސާ އަނބުރާ ނަގާފައެވެ.

ލަންކާގައި އުފެދިގެން މިއުޅޭ ސިޔާސީ ކޯޅުންގަނޑު ފެށުނީ، ރައީސް މައިތިރިޕާލަ ސިރިސޭނާ ކުއްލި ގޮތަކަށް އޭރުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަކިކުރެއްވުމަށް ފަހު އެ މަގާމަށް މަހިންދަ ރާޖަޕަކްސަ އައްޔަނު ކުރެއްވި ހިސާބުންނެވެ. ރާޖަޕަކްސް ވަނީ އިތުބާރު ނެތް ކަމަށް ދެ ފަހަރަށް ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމުން ވެސް އިސްތިއުފާ ދިނުމަށް އިންކާރު ކުރައްވާފައެވެ.

- ކޮމެންޓް