އުރީދޫ ކަލަރ ރަން އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ. އެ އަހަރު އުރީދޫ އިން ކަލަރ ރަންގެ ތެރެއިން ބާއްވާފައިވަނީ ހަމައެކަނި ދުވުމުގެ ހަރަކާތް އެކަންޏެވެ. އެހެންނަމަވެސް އާންމުންގެ ހިޔާލު ހޯދުމަށްފަހު އުރީދޫ އިން މިފަހަރު ވަނީ ކަލަރ ރަން ވަރަށް ތަފާތު ގޮތަކަށް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ފަހަރުގެ ކަލަރ ރަންގައި ކައިޓް ފެސްޓިވަލެއްގެ އިތުރުން މިއުޒިކް ޝޯއެއް ވެސް ވަނީ ބާއްވާފައެވެ.
ކުޑަކުދިންނަށް އަމާޒުކޮށްގެން ހުކުރު ދުވަހު ހެނދުނު 08:00 އަކުން 11:00 އަށް ކުރިއަށް ގެންދިޔަ ކައިޓް ފެސްޓިވަލްގައި ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު އެ ކުދިން ސިފަ ކުރަނީ މި ކައިޓް ފެސްޓިވަލަކީ އެ ކުދިންނަށް ވަރަށް މަޖާ، އަދި ކަމުދިޔަ ހަރަކާތެއްގެ ގޮތުގައެވެ. ކައިޓް ފެސްޓިވަލްގެ ތެރެއިން ފަސް ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ކުރިއަށް ގެންސްފައިވާ ބައެއް ހަރަކާތްތަކަކީ ބޯޅަ ރޭސް، ކައިޓް މުބާރާތް، ކައިޓް ވާރކްޝޮޕްގެ އިތުރުން ފޭސް ޕެއިންޓިންގްއެވެ. އަދި ކައިޓް ވާރކްޝޮޕްގެ ތެރެއިން ކުޑަކުދިންނަށް ވަނީ މަޑި ހަދަން ދަސްކޮށްދީފައެވެ. ވާރކްޝޮޕްގައި ކުދިން ތައްޔާރު ކުރި މަޑިތަކުގެ ތެރެއިން އެންމެ މޮޅު ތިން މަޑި އުރީދޫ އިން ވަނީ ހޮވާފައެވެ. މީގެ އިތުރުން މަޑި މުބާރާތުގައި ބައިވެރިވި އެންމެ މޮޅަށް މަޑި އެރުވި ތިން ކުދިން ވެސް ވަނީ ހޮވާފައެވެ.
"އަސްލު ވަރަށް އުފާވޭ މި ކައިޓް ފެސްޓިވަލްގައި ބައިވެރިވުމުން އަދިވެސް ބައިވެރިވާނަން" ކައިޓް ފެސްޓިވަލްގައި ބައިވެރިވި ކުއްޖަކު ވަނީ ބުނެފައެވެ.
އުރީދޫ އިން ބުނީ މިކަހަލަ ކައިޓް ފެސްޓިވަލެއް ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާފައިވަނީ އެ ކުދިންނަށް އުފާވެރި މާހައުލެއްގައި، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގު ތަނަވަސް ކޮށްދިނުމަށާއި މި ކުޅިވަރުގެ ބޭނުމަކީ ކުރީގެ މަޑި އެރުވުމުގެ ސަގާފަތް ދިރުވާ އާލާކުރުން ކަމަށެވެ. އަދި ކުރީގައި ހަދާ ފަދަ މަޑި އިލޮށިން ހަދަން ކުޑަކުދިންނަށް ދަސްކޮށްދީފައިވާނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.
ގިނަ ކުޑަކުދިންނަށް މި ކައިޓް ފެސްޓިވަލްގެ ސަބަބުން ހިނިތުންވުމެއް ގެނެސްދީފައިވާއިރު މި ކައިޓް ފެސްޓިވަލަށް ހީނުކުރާވަރުގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.