ކ. މާލެ
|
7 ފެބްރުއަރީ 2017 | އަންގާރަ 22:18
ފެބްރުއަރީ 7، 2012 ގައި ސަލާމަތީ ބާރުތައް މަގުމަތީގައި
ފެބްރުއަރީ 7، 2012 ގައި ސަލާމަތީ ބާރުތައް މަގުމަތީގައި
ރާއްޖެއެމްވީ
ފެބްރުއަރީ 7
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
އެމްޑީޕީގެ ވެރިކަން ބަދަލުކުރަން ދެއްކި ސަބަބުތަކަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް

މީގެ ފަސް އަހަރު ކުރިން ވެރިކަން ބަދަލުކުރި ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ފެބްރުއަރީ 7، 2012ގައި ވެރިކަން ބަދަލުވީ އޭރު ރައީސަކަށް ހުންނެވީ މުހައްމަދު ނަޝީދު މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވީ މަޖުބޫރީ ހާލަތެއްގައި ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް އެއީ ސީދާ ބަޣާވާތެކެވެ. ޒިންމާ ނަގަންޖެހެނީ އެ ދުވަހު މަގުތަކަށް ނުކުޅެ ސަރުކާރާ ދެކޮޅަށް އަޑުއުފުލި ސަލާމާތީ ބާރުތަކުގެ މީހުންނެވެ. މިހާރު ޖެހިފައިވާ ހުރިހާ މުސީބާތެއްގެ އަސްލަކީ އެއީއެވެ.

 

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ އިރު އޭރު އިދިކޮޅު ފަރާތްތަކުން އެތައް ކަމަކާ ޝަކުވާކުރިއެވެ. އިގްތިސާދީ، އިޖުތިމާއީ އަދި ދީނީ އެތައް މައްސަލަތަކެއް ފެންމަތިކުރިއެވެ. ޝަކުވާތަކުގެ ތެރޭގައި ބައިނަލްއަގުވާމީ އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިނުމާއި އައްޑޫގައި ބެހެއްޓި މޮނިއުމެންޓްތަކުގައި އެހެން ދީންތަކުގެ ކުރެހުންތައް ސިފަވާ ކަމަށް ބުނުމާއި ތަކެތީގެ އަގުބޮޑުވެ ރައްޔިތުން "ހަނާވެ، ފަނާވުމާއި" ސަލާމަތީ ބާރުތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުމާއި މުޒާހަރާކުރުން ފަދަ އަސާސީ ހައްގުތަކަށް ހުރަސްތައް ކުރިމަތިކުރުވުމާއި ސަރުކާރުގައި ކޮރަޕްޝަން ބޮޑުވުމުގެ ޝަކުވާއަކީ އެ ދުވަހު ވެރިކަން ބަދަލުކުރުމަށް ދެއްކި ސަބަބުތަކެވެ. ސުވާލަކީ މިއަދު ހާލަތަކީ ކޮބައި ހެއްޔެވެ؟

 

ބައިނަލްއަގުވާމީ އެއާޕޯޓް ޖީއެމްއާރާ ހަވާލުކުރުމުގެ ސަބަބުން އެ ތަނަށްވީ ފައިދާތޯ ވީ ގެއްލުންތޯ މިހާރު އެތަނަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ވެސް އިހްސާސްކުރެވޭނެއެވެ. ސީދާ ހިންގުން ބޭރުގެ ފަރާތަކާ ހަވާލުނުކުރި ނަމަވެސް މިހާރުގެ ސަރުކާރުން އެތަން ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބޭރުގެ ފަރާތްތަކާ ގުޅިގެންނެވެ. ނުވިތާކަށް ރައްޔިތުންގެ ބޮލުގައި 800 މިލިަން ޑޮލަރުގެ ބޮޑު ލޯނެއް ވަނީ އަޅުވާފައެވެ.

 

އައްޑޫގައި މޮނިއުމެންޓްތަކެއް ބަހައްޓައިގެން އިސްލާމް ދީނަށް ފުރައްސާރަކުރަނީ ކަމަށް އޭރު ތިހުމަތުކުރާއިރު އިސްލާމް ދީނުގެ ކަންކަމުގައި މިހާރު އޮތީ ކޮން މިނިވަން ކަމެއް ހެއްޔެވެ؟ އެފަދަ ބުދުތައް ރާއްޖޭގެ އެތައް މިތަނުގައި މިހާރު ވެސް އެބަހުއްޓެވެ. ސަރުކާރުން ހިތްހަމަޖެހޭ ދީނީ އިލްމުވެރިންނަށް ނޫނީ ދީނީ ނަސޭހަތް ދިނުން ފަދަ ކަންކަމެއް ނުކުރެވެއެވެ. ކިރިޔާ ވެސް ސަރުކާރުގެ ސިޔާސަތަކަށް ދީނީ ނަޒަރަކުން ފާޑުކިޔާ ނަމަ ލައިސަންސް ބާތިލްކުރަނީއެވެ.

 

މޮނިއުމެންޓްތަކުގައި އެހެން ދީންތަކުގެ ސިފަތައް ހުރި ކަމަށް ތުހުމަތުކުރި އިރު ކުޑަކުދިންނަށް ކިޔަވައިދޭ ފޮތްތަކުގައި ފައްޅިތަކާއި އެހެން ދީންތަކުގެ މައުލޫމާތު ހިމެނޭ ފޮތްތައް މިހާރު ވެސް އެހުރީއެވެ. ތަފާތަކީ ކޮބައި ހެއްޔެވެ؟

 

ދީނީ ގޮތުން ހުރި މައްސަލަތަކަށް ބަލާއިރު އެމްޑީޕީ ސަރުކާރާއި މި ސަރުކާރު އަޅާ ކިޔާ ނަމަ ގޯސްތަކުގެ ތިލަފަތް ޔަގީނުން ވެސް މި ސަރުކާރުގެ ބަރެވެ. މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސްގެ ވަޒީފާއަކަށް ދެވޭކަށް ނެތެވެ. ޔުނީފޯމް ލާ މުވައްޒަފެއް ނަމަ ތުނބުރި ދިގެއް ނުކުރެވެއެވެ. ފައިކުރި ކުރުނުކޮށްގެން އިމިގްރޭޝަންގެ އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފިއެވެ. މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ދާތީ ޓީޗަރުންނަށް ވެސް ވަޒީފާ ގެއްލެނީއެވެ. ނަމަވެސް ހައިރާންވާ ކަމަކީ އެމްޑީޕީ ސަރުކާރުގައި ދީނޭ ވަހުދަތޭ ކިޔައިގެން މަގުތަކުގައި އަޑުގަދަކޮށް ހެދި ޝޭހުންނަށް މިއަދު ބަސްބުނަން ނުކެރޭ ކަމެކެވެ. ސަލަފް ޖަމިއްޔާ އިން ބަޔާން ނެރެނީ އެހެން ޕާޓީތަކުގެ ބޮލުގައި އެކަން އެޅުވުމަށެވެ. ތިމާމެންނަށް ހައްގު ބަސް ބުނަން ނުކެރޭތީ ސިޔާސީ އެހެން ޕާޓީތަކުން އެކަން ކުރުމަށް އާދޭސްކުރަނީއެވެ. އެމްޑީޕީ ސަރުކާރުގައި ވެސް ޕާޓީތައް އޮތެވެ. އެ ދުވަހު ބަޔާން ނުނެރެ ސީދާ ހަރަކާތަށް ނުކުތް އިލްމުވެރިންތައް މިއަދު ކޮބައިހެއްޔެވެ؟

 

ފެބްރުއަރީ 7 ގައި ސަލާމަތީ ބާރުތަކުގެ ފަޔަށް ހިނި އަރައިގެން ޖުމްހޫރީ މައިދާނަށް އެއްވެ ގާނޫނީ ވެރިކަމަކާ ދެކޮޅަށް އަޑު އުފުލައި ހެދި އިރު މި ސަރުކާރުގެ ވަލީޔުލްއަމުރު، ރައީސް އަބްދުﷲ ޔާމީން ވަނީ މިއިން ޒަމާނެއްގައި ފުލުހުންނާއި ސިފައިންގެ އަގު ވައްޓާނުލާ މިންވަރަށް ވައްޓާލައްވާފައެވެ. ސިޔާސީ ފަރާތްތަކުން ސަލާމަތީ ބާރުތައް އެކި ކަންކަމުގައި ބޭނުންކުރި ވާހަކަ އާއި ސަލާމަތީ ބާރުތަކުން ރިޝްވަތު ހިފި ވާހަކަ ގައުމާ މުހާތަބްކުރައްވައި ދެއްކެވީ ސީދާ ރައީސް ޔާމީނެވެ.

 

ގާތް ރައްޓެހިންނަށް ރަށްތަކާއި ފަޅުތައް ދިނުމާއި މަޖިލިސް މެންބަރަކަށް 22 މިލިއަން ޑޮލަރުގެ މަޝްރޫއެއް ދިން ވާހަކައިގަ ހިފައިގެން، ކޮރަޕްޝަން އިންތިހާ އަށް އޮތް ކަމަށް ބުނެ އެމްޑީޕީގެ ވެރިކަމަށް ތުހުމަތުގެ އިނގިލި ދިއްކޮަށް ހިތުހުރި ވާހަކައެއް ދައްކައި ސިލްސިލާކޮށް މުޒާހަރާކުރި އިރު މި ގައުމު ނުދެކޭ ވަރުގެ ބޮޑު ކޮރަޕްޝަނެއް ހިންގާފައި ވަނީ އަދި މިހާރު ވެސް ހިންގަމުންދަނީ މި ސަރުކާރުގެ ތެރޭގައެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތަކީ ތާރީހުން ފުހެވޭނެ ކަމެއް ނޫނެވެ. އެކަމުގެ ޒިންމާ މި ސަރުކާރުގެ ވެރިން ނަގަންނުޖެހޭނެ ގޮތެއް އެއީ ނެތް ގޮތެކެވެ.

 

ރައީސް ނަޝީދު ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވަނީ ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރުގެ ސަރުކާރުގެ ވެރިންގެ ލޮލަށް ނިދި ނައިސްގެން އުޅުނު އިރު ޝަރުއީ ދާއިރާގެ އިތުބާރު ކުޑައީ އެ ސަރުކާރުގައިތޯ މި ސަރުކާރުގައިތޯ އަމިއްލަ ނަފްސާ ނިކަން ސުވާލުކޮށްލަބަލާށެވެ. ސަރުކާރަށް ނިސްބަތްވާ މައްސަލައެއް ހިފައިގެން ކޯޓަށް ވަންނަ ދުވަހު އެ މައްސަލަ ނިމިގެންދާނެ ގޮތް ހެދި ބޮޑުވަމުން އަންނަ ޅަކުދިންނަށް ވެސް އަންދާޒާކުރެވޭ ވަރަށް ޝަރުޢީ ދާއިރާގެ ހާލަތު މިއަދު ދަށަށް ގޮސްފާކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ.

 

އެމްޑީޕީގެ ސަރުކާރަށް ވުރެ މިއަދު މިނިވަން މުއައްސަސާތަކުގެ އަޅުވެތިކަން ވެސް މާ ބޮޑެވެ. ގާނޫނުތައް ހަދައި އަސާސީ ހައްގުތައް ވެސް އެތައް ތަނަކުން ވަނީ ހަނިކޮށްފައެވެ. އަޑެއް އުފުލޭކަށް ނެތެވެ. މަގުމައްޗަށް ނުކުމެ މުޒާހަރާއެއް ކޮށްލެވޭކަށް ނެތެވެ. ނޫސްވެރިކަމުގައި އަބުރުގެ ގާނޫނީ ތަޅެއް އަޅުވާފައެވެ.

 

މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. މީގެ 5 އަހަރު ކުރީގެ ހާލަތާއި މިހާރުގެ ހާލަތާ އަޅާ ކިޔާފައި ވެރިކަން ބަދަލުކުރާ ނަމަ މި ވެރިކަން ބަދަލުކުރުން މާ އައުލާކަން ބޮޑެވެ. ނަމަވެސް އެ ދުވަހާއި މިއަދުގެ ތަފާތަކީ އެ ވަރުގެ ހިތްވަރެއް ހުރި ބަޔަކު މި ގައުމުގައި ނެތުމެވެ. ރައްޔިތުން ތިބީ މާ ބޮޑަށް މާޔޫސްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް