ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 06:15
ކެމަރޫންގެ އެކި ސަރަޙައްދުތައް
ކެމަރޫންގެ އެކި ސަރަޙައްދުތައް
މުހައްމަދު ޝަރުހާން
ކެމަރޫން
ކެމަރޫންގެ ސްކޫލަކުން 20 ކުދިން ވަގަށް ނަގައިފި
މީގެ ކުރިންވެސް ސްކޫލަކުން ވަނީ 80 ކުދިން ވަގަށް ނަގާފަ

ކެމަރޫންގެ ހުޅަނގު ދެކުނުގައިވާ ކުމްބާ ކިޔާ ސަރަޙައްދުގެ ސްކޫލަކުން 20 ދަރިވަރުން ވަގަށް ނަގައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުމްބާގައި ހުންނަ ލޯޑްސް ބައިލިންގުއަލް ސްކޫލަށް ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ބަޔަކު ވަދެފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި ސްކޫލަށް ވަދެ ސްކޫލުގެ 20 ދަރިވަރުންނާއި ސްކޫލްގެ ޕްރިންސިޕަލް ރަހީނުކޮށްގެން އެމީހުން ވަނީ ފިލާފައެވެ.

ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ބީބީސީން ރިޕޯޓްކޮށްފައިވާ މި އަމަލު ހިންގި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ކުމްބާގެ ސްކޫލަކުން 20 ދަރިވަރުން ވަގަށް ނެގިއިރު، މީގެ ދެ ހަފްތާ ކުރިން ކުމްބާ އާއި ދުރުނޫން ހިސާބެއްގެ ސްކޫލަކުން ވަގަށް ނެގި 80 ކުދިން ވަނީ ސަލާމަތްކޮށްފައެވެ.

ކެމަރޫންގެ ހުޅަނގު އުތުރާއި ހުޅަނގު ދެކުނުގެ ސަރަހައްދުތަކުގައި ވަކި ދައުލަތެއް އުފެއްދުމުގެ ރޫހު އާލާވެ، މިކަމުގައި އިސްކޮށް ތިބި ފަރާތްތައް ހަނގުރާމަވެރި ޖަމާއަތަކަށް ވެފައިވާއިރު، މި ސަރަޙައްދަކީ ކެމަރޫންގައި އިނގެރޭސި ބަހުން ވާހަކަ ދައްކާ މީހުން ދިރިއުޅޭ ސަރަހައްދެވެ. ކެމަރޫންގެ އެހެން ސަރަހައްދުތަކުގައި ވާހަކަ ދައްކަނީ ފަރަންސޭސި ބަހުންނެވެ.

ވަކިވެގަންނަން މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ކެމަރޫންގެ ހުޅަނގު އުތުރާއި ހުޅަނގު ދެކުނުގެ ސަރަހައްދުތަކުގައި އެމްބަޒޯނިއާގެ ނަމުގައި ވަކި ޤައުމެއް އުފެއްދުމަށެވެ.

އައު ދައުލަތް އުފައްދަން މަސައްކަތް ކުރަމުންދާ ސަރަހައްދުގައި ހަމަނުޖެހުމާއި ހަމަލާތައް ގިނަވެ، އެ ސަރަހައްދަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ އެ ސަރަޙައްދު ދޫކޮށް ކެމަރޫންގެ އެހެން ހިސާބުތަކަށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް