އެ ފަސްގަނޑަކީ އެތައް ސަތޭކަ ބަޔަކަށް އަނިޔާ ލިބުނު ފަސްގަނޑެވެ. އެއީ އެތައް ސަތޭކަ މީހަކު ދަމާ ކޫއްތަމުން ގެންގޮސް ހައްޔަރުކުރި ތަނެވެ. އަދި އެއީ އެއް އިއްރެއްގައި ކުޑަ ހިނދުކޮޅަކަށް ވެސް މަޑު ކޮށްލުން ހުއްދަ ނުދިން ސަރައްހައްދެވެ. އެއީ އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލި މައިދާނެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ ހަރުގެ ކުރިމައްޗެވެ. ކުރީގެ ރައީސް ޔާމިންގެ ވެރިކަމާ ދެކޮޅަށް އަޑު އުފުލަން ކުރި މަސައްކަތުގައި އެތައް ސަތޭކަ ބަޔަށް ފުލުހުންގެ އަނިޔާއާ ކުރިމަތިލާން ޖެހުނު ފަސްގަނޑަކީ ވެސް އެއީއެވެ. ނަމަވެސް އެ އަނިޔާތަކާ ކުރިމަތިލި އެތައް ހާސް ބަޔަކު ހަމަ އެ ސަރައްދުގައި މިއަދު އެއްވެ އެ ތިބީ އެ މީހުނަށް ލިބުނު ކާމިޔާބީ ފާހަގަކުރާށެވެ. ގިނަ އަދަދެއްގެ މީހުން އެތަނުގައި ފާޅުކުރަމުން އެތަނަކީ އެ މީހުން ކުރި މަސައްކަތަށް ލިބުނު ނަސްރުގެ އުފަލެވެ. ތަން ވެސް މީހުން ވެސް ބަދަލެއް ނުވެއެވެ. ބަދަލުވީ ގައުމުގެ ހާލަތެވެ.
އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމުގެ އުފަލުގައި ރައްޔިތުންނަށްޓަކައި ބޭއްވި ބޮޑު ޖާފަތް އޮތީ އެމްޑީޕީ ހަރުގެ ކުރިމަތީ އޮތް ބޮޑުތަކުރުފާނު މަގާއި އާޓިފިޝަލް ބީޗުގައެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމުގެ އުފަލުގައި ބައިވެރި އެ ޖާފަތަށް އެތައް ހާސް ބަޔަކު ދިޔައެވެ. ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި ހިނގާދިޔަ ގާނޫނާ ހިލާފު ކަންކަމާ ދެކޮޅަށް އެ ސަރައްދަށް ވަޑައިގެން އިހްތިޖާޖުގައި ބައިވެރިވަޑައިގެންނެވި އޭރުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މިއަދު އާޓިފިޝަލްބީޗްގައި އިންނެވީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައެވެ. އަދި އެހެންމެ ކުރީގެ ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހުމަށް އާންމުންނަށް އެތަނުގައި ހުންނަވައިގެން އިރުޝާދު ދެއްވި ކާށިދޫ ދާއިރާގެ އޭރު މެމްބަރު މިއަދު ރައީސް ސޯލިހާ އިންވެގެން އާޓިފިޝަލް ބީޗްގައި އިންނެވީ ރާއްޖޭގެ ނައިބު ރައީސްގެ ގޮތުގައިއެވެ. އެ ދުވަހު ޖެހި ޕެޕަރ ސްޕްރޭގެ ސަބަބުން ލޯނުހުޅުވި ދިލަ ވޭން އުފުލަންޖެހުނު ގިނަ ބޭފުޅުން މިއަދު އެ ތިއްބެވީ ވަޒީރުކަމުގައެވެ. އެމްޑީޕީ ހަރުގެ ކުރިމަތީ ހުރެ މި ޖާފަތުގައި ވާހަކަ ދެއްކި މީހުން ތިބީ ރައީސް ސޯލިހްގެ ވެރިކަމަށް ފެނުނީތީ އުފަލުންނެވެ.
"ރައީސް ސޯލިހަކީ ވަރަށް ރަނގަޅު ބޭފުޅެއް. މިއަދު މި ތިބީ ވަރަށް އުފަލުން. އުއްމީދު ކުރަނީ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ދެން،" ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި އެކި ފަހަރު ހައްޔަރު ކުރި ނައީމާ މުހައްމަދު(ނައީމައްތަ) ބުންޏެވެ.
ބޭ އިންސާފުން އަނިޔާ ލިބުނު އެތައް ބަޔަކު އެތަނަށް ޖަމާވީ އެމްޑީޕީ އިސްވެ އޮވެ ވެރިކަން ކުރާ މަންޒަރު ފެނުމުނެވެ. އެ ތާރިހީ މައިދާނަށް އުފާ ފާޅުކުރަން ޖަމާވި މީހުންގެ ތެރޭގައި ކުރީގެ ސަރުކާރު ބަދަލު ކުރުމަށް އެތައް ދުވަހެއް ވަންދެން ރަށް ރަށުގައި މަސައްކަތްކުރި މީހުން ވެސް ތިއްބެވެ.
ބައެއް މީހުނަށް މިއަދު ކުރެވޭ އުފާ އެހާ ފަސޭހައިން ބުނެދޭނެ ގޮތެއް ވެސް ނޭނގެއެވެ. އަނެއް ބަޔަކު މިއަދު އުފަލުން ރޮވުނެވެ. ރާއްޖޭގެ ތާރީހީ ބޮޑު ބަދަލު ގެނައި މީހުން މިއަދު އެ ފަސްގަނޑުގައި ތިބޭއިރު އޭގެ ކުރިން އެތަނުން އެ މީހުނަށް ލިބުނު އަނިޔާތައް ވެސް ހަނދާން ކޮށްދޭނެއެވެ. ނަމަވެސް މިއަދު ގިނަ ބަޔަކު ތިބީ އާ ރައީސްއާ އެކު އުފަލުން ކުރިއަށްދާށެވެ.