ކުރިއަށް އޮތް ފަސް އަހަރަކީ ރާއްޖޭގެ ރައްޔިތުންނަށް އިންސާފުވެރި އަމާން ފަސް އަހަރަށް ވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެއްޖެއެވެ.
ފަސްޓް ލޭޑީ ފަޒުނާގެ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސް އެއްގައި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަކީ ހުރިހާ ގޮތަކުން އަމާން ގައުމަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މި ފަސް އަހަރު ކާމިޔާބު ފަސް އަހަރަށް ވުމަށް އެދިވަޑައި ގަންނަވާ ކަމަށެވެ.
އަންނަން އޮތް ޖީލުތަކަށް އަމާންކަމާ އެކު ގައުމު ވާސިލްކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި ފަޒުނާ ވިދާޅުވީ ޖަޒީރާ ރާއްޖޭގެ ލީޑަރުންނަށް ހެޔޮ ވިސްނުން ދެއްވައި ސާބިތުކަން ދެއްވުން އެދި ދުއާ ދަންނަވާ ކަމަށެވެ.
އިންތިޚާބީ ރައީސް މިއަދު ރައީސް ކަމުގެ ހުވައި ކުރެއްވި ނަމަވެސް ސިޔާސީ މައިދާނުން އެމަނިކުފާނުގެ އަނބިކަބަލުން ފެނިވަޑައި ނުގަންނަވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.