އެފްރިކާގެ އެންމެ ދުވެލި ބާރު ރޭލް ލައިން މޮރޮކޯ ގައި ފަށައިފި އެވެ.
ގަޑިއަކު 199 މޭލު ބަރުމިނުގައި ދުވާ މި ރޭލް ލައިން ފެއްޓުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންގެ އިތުރުން މޮރޮކޯގެ ރަސްގެފާނު މުހައްމަދު އެވެ.
އަލް ބުރާކްގެ ނަންދީފައިވާ މި ރޭލު ދަތުރު ކުރާނީ މޮރޮކޯގެ އިގްތިސާދީ ހަބުތައް ކަމުގައިވާ ކަސަބްލަންކާ އާއި ޓެންޖިއާ އާއި ދެމެެދުއެވެ.
މި ރޭލު ލިންކުގެ ސަބަބުން ކޮމާޝާލް ހަބުތަކަށް ކުރާ ދަތުރުގެ ހަލުވިމިން އަވަސް ވެގެން ދާނެ ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ. އަދި ވެރިރަށް ރަބާތަށް އެއް ގަޑިއިރާ ފަނަރަ މިނެޓުން ދެވޭނެކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފަ އެވެ.
މި ޕްރޮޖެކްޓަ އަށް 22.9 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައި ވާއިރު ރޭލު ލައިންގެ 51 ޕަސެންޓަށް ފްރާންސް އިން ވަނީ ޚަރަދު ކޮށްފައެވެ. އަދި މޮރޮކޯ އިން ވަނީ 28 ޕަސެންޓް ހަރަދުކޮށްފައި އެވެ. މިޕްރޮޖެކްޓަށް ހޭދަކޮށްފައިވާ އެހެނިހެން ގައުމުތަކަށް ބަލާއިރު ސައުދީ، ކުވެއިތު އަދި އެކުވެރި އަރަބި އިމާރާތް ހިމެނެއެވެ. އެގައުމުތަކުން ވަނީ 21 ޕަސެންޓް ހަރަދުކޮށްފައެވެ. އޮފިޝަލުން ބުނާ ގޮތުގައި މި ރޭލް ލައިންގެ މައިގަނޑު ބޭނުމަކީ މޮރޮކޯގެ ދަތުރުފަތުރުގެ ނިޒާމް ކުރިއަށް ވުރެ ބޮޑު ކުރިއެރުވުން ކަމަށާއި މީގެ އިތުރުން އިގްތިސާދީ ގޮތުން ކުރިއެރުން ހޯދުން ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ފާޑުކިޔަމުން ބުނީ މި ވަރުގެ ބޮޑު ހަރަދެއް ސިއްހީ ނުވަތަ ތައުލީމީ ދާއިރާ އަށް ހަރަދުކުރުން އައުލާންކަން ބޮޑުކަމަށެވެ. އަލަށް ހުޅުވިގެން ދިޔަ މި ރޭލް ލައިނުގައި އަހަރަކު 6 މިލިއަން ފަސިންޖަރުން ދަތުރުކުރާނެ ކަމަށް މޮރޮކޯގެ ޓްރާންސްޕޯޓް މިނިސްޓްރީ އިން ލަފާކުރެއެވެ.