ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ތޯރިގް ރަމަޟާން ކަފާލާތުގެ ދަށުން މިނިވަންކޮށްފިއެވެ.
އަންހެނުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތޯރިގް ރަމަޟާން މިނިވަންކުރުމަށް ކަފާލާތެއްގެ ގޮތުގައި 300،000 ޔޫރޯ ދައްކަން ފްރާންސްގެ ކޯޓަކުން އަމުރުކޮށްފައި ވަނީ ބުރާސްފަތި ދުވަހުއެވެ.
އޭނާ މިނިވަންކޮށްފައި ވަނީ ހަފްތާއަކު އެއް ފަހަރު ފުލުހުންގެ އިދާރާއަށް ހަޒިރުވުމަށާއި ފުލުހުންނާއި ޕާސްޕޯޓު ހަވާލުކުރަން ވެސް ޝަރުތުކޮށްފައެވެ.
ތޯރިގުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ 2009 އަދި 2012 ވަނަ އަހަރު ފްރާންސްގެ ދެ އަންހެނުން ރޭޕްކުރި ކަމަށް ތުހުމަތުކޮށެވެ.
މި ތުހުމަތުތަކަށް އިންކާރު ކުރަމަށް ފަހު ތޯރިގް ވަނީ ދެ އަންހެނުން ރޭޕް ނުކުރާ ކަމަށާއި ނަމަވެސް ޖިންސީ ގުޅުންތަކެއް ބާއްވާފައިވާ ކަމަށް އެއްބަސްވެފައެވެ. އެ ދެ އަންހެނުންނަށް ބިރުދައްކާފައިވާ ކަމަށް އެ މީހުންގެ ވަކީލް ވަނީ ކޯޓުގައި ބުނެފައެވެ. ނަމަވެސް އޭނާ މިކަންތަކަށް އިންކާރުކުރެއެވެ. ތޯރިގް ޖިންސީ ގޯނާކުރިކަމުގެ މައްސަލަ ފުރަތަމަ ފެންމަތިވެފައި ވަނީ 2009 ވަނަ އަހަރު، އުމުރުން 45 އަހަރުގެ އަންހެނަކަށް ފްރާންސްގެ ހޮޓަލެއްގެ ތެރޭގައި ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އެ އަންހެންމީހާ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ތުހުމަތުތަކަށް އިންކާރު ކުރަމުން ދަނިކޮށް 2012 ވަނަ އަހަރު ވެސް އަންހެނަކު ވަނީ އޭނާއާ ދެކޮޅަށް ދައުވާކޮށްފައެވެ. އުމުރުން 15 އަހަރުގައި ތާރިގްގެ ޖިންސީ ޝިކާއަރަކަށް ވެފައިވާ ކަމަށް 2017 ވަނަ އަހަރު ސްވިޒަލޭންޑްގެ ހަތަރު އަންހެނަކު ވެސް ވަނީ ބުނެފައެއެވެ.
ތޯރިގް ރަމަޟާން ހައްޔަރު ކޮށްފައި ވަނީ 2017 ވަނަ އަހަރު ޖެނުއަރީ މަހުއެވެ.
އަރަބި ދަރިކޮޅަށް ނިސްބަތްވާ ތޯރިގް ރަމަޟާން މަޝްހޫރުވެފައި ވަނީ މޫނުބުރުގާ އެޅުމާ ދެކޮޅަށް ފްރާންސް އިން ކުރާ ކަންތަކުގައި ފާޑުކިޔާ މީހެއްގެ ގޮތުގައިއެވެ. ތޯރިގުގެ މަސައްކަތް ފާހަގަކޮށް 2014 ވަނަ އަހަރު އިނގިރޭސިވިލާތުން ވަނީ ބްރިޓިޝް މުސްލިމް އެވޯޑްސްގައި އޭނާ އަށް "ރިލީޖަސް އެޑްވޮކޭޓް އޮފް ދި އިޔާ އެވޯޑް" އަރުވާފައެވެ.
ތޯރިގް ވަނީ 2015 ވަނަ އަހަރު ރާއްޖެ އަށް ވެސް ޒިޔާރަށްކޮށް ތަގުރީރެއް ދީފައެވެ. އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަލްމަރްހޫމް ޑރ. އަފްރާޝިމް އަލީ މަރާލި މައްސަލާގައި ހުކުމްކޮށްފައިވާ ހުމާމުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް އެދި ރައީސް ޔާމީން އަށް ތޯރިގް ވަނީ ސިޓީއެއް ވެސް ފޮނުވާފައެވެ.