ކ. މާލެ
|
15 ނޮވެންބަރ 2018 | ބުރާސްފަތި 11:34
ޑިފެންސް މިނިސްޓަރު އަވިގްދޯރު ލިބަމަން އިސްތިއުފާ ދެއްވީ އިސްރާއީލުން ފަލަސްތީނަށް ހަމަލާދިނުން ހުއްޓާލުމުން
ޑިފެންސް މިނިސްޓަރު އަވިގްދޯރު ލިބަމަން އިސްތިއުފާ ދެއްވީ އިސްރާއީލުން ފަލަސްތީނަށް ހަމަލާދިނުން ހުއްޓާލުމުން
ރޮއިޓަރސް
މެދުއިރުމަތީގެ މައްސަލަ
އިސްރާއިލްގެ ޑިފެންސް މިނިސްޓަރު އިސްތިއުފާ ދެއްވައިފި
ލިބަމަން ވަނީ ގަތަރާ މެދުވެސް ނުރުހުން ފާޅުކުރައްވާފައި

އިސްރާއީލްގެ ޑިފެންސް މިނިސްޓަރު އަވިގްދޯރު ލިބަމަން އިސްތިއުފާ ދެއްވައި ސަރުކާރުގެ ހަދާފައިވާ ކޯލިޝަނުން ވަކިވާން ނިންމަވާއިފާކަން ބުދަދުވަހު އިއުލާން ކުރައްވައިފިއެވެ.

ލީބަމަން އިސްތިއުފާ ދެއްވާފައި ވަނީ މިސްރު މެދުވެރިއެއްގެ ގޮތުގައި އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލައި އަމަލުކުރަން ނިންމުމާ ގުޅިގެންނެވެ.

އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވަމުން ލިބަމަން ވިދާޅުވީ، އަންގާރާ ދުވަހު ހަމާސް އާއި އިޒްރޭލް ސަރުކާރާ ދެމެދު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ވަގުތީ އެއްބަސްވުމަކީ އިޒްރޭލް މައްޗަށް ހަމާސް އިން ގަދަވެގެންދިއުން ކަމަށެވެ. އަދި އެ ކަމަކީ އެއްވެސް ގޮތަކަށް ގަބޫލުފުޅުކުރައްވާ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއާ އެކު ވޭތުވެދިޔަ ހަފްތާގައި އިސްރާއީލްގެ ސަރަހައްދީ ރޮނގު ހުރަސްކުރުމުގެ ހުއްދަ ގަތަރަށް ދީފައިވާތީ އެކަމަށް ވެސް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ގަތަރުން ގާޒާގެ ރައްޔިތުންނަށް ވަނީ އެހީގެ ގޮތުގައި 15 މިލިއަން ޑޮލަރު ދީފައި ވެއެވެ. މި ފައިސާއަކީ ޓެރެރިސްޓުންނަށް ދެވޭ ފައިސާ ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.

އަވިގްދޯރ ލިބަމަންގެ މި ނިންމުމާ އެކު ޑިފެންސް މިނިސްޓަރުގެ މަގާމާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގަންނަވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަނަޔާހޫއެވެ.

މި ހަފްތާ ތެރޭގައި އިސްރާއީލްގެ ސިފައިންނާއި ހަމާސް ޖަމާއަތާ ދެމެދު ހިނގި ކުރިމަތުލުންތަކުގައި ފަލަސްތީނުގެ ހަތް މީހަކު މަރާލާފައި ވެއެވެ

އިސްރާއީލުން ފަލަސްތީނުގެ ވަޒަންވެރިން އެތަނުން ނެރެލައި އެތަނަށް ވެރިވެގެންފައި ވަނީ މީގެ 70 އަހަރު ކުރިންނެވެ. މި އަހަރު މާޗް މަހު ފެށުނު މުޒާހަރާގައި 200 މީހުން މަރުވެ 1000 މީހުން ޒަހަމްވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް