ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 10:48
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު
މުހައްމަދު ޝަރުހާން
ޕެންޝަން ސްކީމް
މިހާރުގެ ޕެންޝަން ސްކީމްތަކަށް ހަރަދު ކުރުމަކީ ކުރިމަގުގައި ދެމެހެއްޓޭނެ ކަމެއް ނޫން: މިނިސްޓަރު މުނައްވަރު
މުސާރައާ ޕެންޝަނަށް 41.3 ބިލިއަން ރުފިޔާ ވަނީ ހަރަދު ކުރެވިފައި
ދައުލަތުގެ މުއައްޒަފުންގެ މުސާރަގެ ބޮޑެތި ފަރަގުތަކެއް އެބަހުރި
ސްކީމްތަކުގެ ފަންޑަށް ފައިސާ ރައްކާނުކުރެވި ޕެންޝަންތަކެއް ދަނީ ދެވެމުން

ރާއްޖޭގެ ޕެންޝަން ސްކީމްތައް އަލުން ދިރާސާ ކުރަން ޖެހޭ ކަމާށާއި، މިހާރުގެ ސްކީމްތަކަށް ހަރަދު ކުރުމަކީ ކުރިމަގުގައި ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ ދައުލަތަށް އެންމެ ބޮޑު ހަރަދެއް ހިނގަނީ މުއައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މުސާރަ އާއި ޕެންޝަނަށް 41.3 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު މުނައްވަރު ވިދާޅުވީ މުއައްޒަފުންނަށް ކުރެވޭ ހޭދަ މާލީ ގޮތުން ދެމެހެއްޓެނިވި ގޮތަކަށް ބައްޓަން ކުރުމަށްޓަކައި މުސްތަގުބަލަށް ކުރާ އަސަރު ދެނެގަނެ އެކަމާ ގުޅުން ހުރި ސިޔާސަތުތައް ތަންފީޒު ކުރުން ވަރަށް މުހިންމު ކަމެވެ.

"އެގޮތުން 2016 ވަނަ އަހަރު ފަހުކޮޅު ނޭޝަނަލް ޕޭ ކޮމިޝަން އުފެދި މުއައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް ކުރާ ހޭދައިން ދައުލަތަށް ކުރާ މަންފާ އިތުރު ކުރުމަށްޓަކައި ދިރާސާތަކެއް ދަނީ ކުރެވެމުން" މިނިސްޓަރު މުނައްވަރު ވިދާޅުވިއެވެ.

މިނިސްޓަރު މުނައްވަރު ވިދާޅުވީ ޕޭކޮމިޝަނުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ދައުލަތު މުއައްޒަފުންގެ މުސާރަގެ ބޮޑެތި ފަރަގުތަކެއް އެބަހުރި ކަމަށެވެ. ވީމާ މުއައްޒަފުންނަށް ކުރާ ހަރަދުތައް ދެމެހެއްޓެނިވި އޮނިގަނޑަކަށް ބައްޓަންކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޕޭކޮމިޝަނުން ކޮށްފައިވާ ދިރާސާތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރު މުނައްވަރު ވިދާޅުވީ މޯލްޑިވްސް ރިޓާއަރމެންޓް ޕެންޝަން ސްކީމްގެ ބޭރުން ވަކިވަކި ގާނޫނުގެ ތެރެއިން އަންފަންޑަޑް ނުވަތަ ސްކީމްތަކުގެ ފަންޑަށް ފައިސާ ރައްކާނުކުރެވި ޕެންޝަންތަކެއް ދެމުންދާ ކަމަށެވެ.

"އަދި ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލުތަކަށް ބަލާއިރު އެންމެ ކުޑަ މިންވަރަކަށް ހަދާ އަންދާޒާތަކަށް ބެލިކަމުގައި ވީނަމަވެސް މިހާރު ޕެންޝަނަށް ކުރާ ހަރަދު މިހާރު ހުރި މިންވަރު ކަމުގައިވާ 200 މިލިއަން ރުފިޔާއިން 2058 ވަނަ އަހަރު ހަމައަށް މިއަދަދު 3.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ. މިއީ އެވްރެޖްކޮށް އަހަރަކު 9 އިންސައްތަ އިތުރުވުމެއް،" މިނިސްޓަރު މުނައްވަރު ވިދާޅުވިއެވެ.

މިނިސްޓަރު މުނައްވަރު ވިދާޅުވީ މިއީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާ މިންވަރަށް ވުރެ މަތީ އަދަދެއް ކަމުން މިފަދަ ޕެންޝަން ސްކީމްތައް ހަރަދު ކުރުމަކީ ކުރިމަގުގައި ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށެވެ. ޕެންޝަން ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ މިހާރު ޕެންޝަން އަމާޒު ކަމުގައިވާއިރު، މިއާ ފުށުއަރާ ގޮތަށް ސަރުކާރުގެ އެކި އިދާރާތަކުން ޕެންޝަން ސްކީމްތައް ހިންގުމަކީ މިކަމާ މެދު ދައުލަތުން އަވަސް ފިޔަވަޅުތައް އަޅަން ޖެހިފައި އޮތް ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް