ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް މުޅިން އަލަށް ބޭނުން ކުރަން ފަށާ މަންތާ އެއާލައިން ގެ ފަރާތުން ފުރަތަމަ ދަތުރު ދ. ކުޑަހުވަދޫ އަށް ކުރަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
ހޯމަ ދުވަހު ރާއްޖެ ގެނައި މަންތާ އެއާލައިންގެ ފުރަތަމަ ބޯޓު ދައްކާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަންތާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ އެންމެ ފުރަތަމަ ދަތުރު މާލެ އިން ކުޑަހުވަދޫ އަށް ފަށަން ނިންމާފައިވާ ކަމަށާއި އެއަށްފަހު ދެން ދަތުރުތައް ފަށާނީ ދަރަވަންދޫ އަދި ތިމަރަފުއްޓަށް ކަމަށެވެ.
މަންތާ އެއަރ އިން ގަނެފައިވަނީ އޭޓީއާރް 600-72 މަރުކާގެ ދެ މަތިންދާ ބޯޓެވެ. ފުރަތަމަ ބޯޓް މިހާރު ރާއްޖެ ގެނެވިފައިވާއިރު ދެވަނަ ބޯޓް މިއަހަރުގެ ޑިސެމްބަރު މަހު ގެންނާނެ ކަމަށް މަންތާ އެއާލައިނުން ބުނެއެވެ. މަންތާ އެއާ އިން އިތުރަށް ބުނީ އެ ކުންފުނިން ގެންނަ ބޯޓުތަކުގެ ޖާގަ 62 ސީޓަށް މަދުކޮށްފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ބޯޓުގެ ޖާގަ ބޮޑު ކުރުމަށް ކަމަށާއި ބިޒްނަސް ކުލާހާއި އިކޮނޮމީ ކުލާހުގައި ދަތުރު ކުރެވޭނެ ކަމަށެވެ.
މަންތާ އެއާގެ ޝެޑިއުލްތައް ރާވަން ނިންމާފައިވަނީ ކޮންމެ ހަ މަހަކުން ކަމަށާއި އެކަމުގެ ސަބަބުން ބުކިންގް ހަދާ ފަސިންޖަރުންނަށް ވަރަށް ބޮޑަށް ދަތުރުތައް ރޭވުމުގައި ފަސޭހަވެގެންދާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.
"ޝެޑިއުލްތައް މި ރާވަނީ ކޮންމެ ހަމަހަކުން ހަމަހަކުން ޕަބްލިޝްކުރާ ގޮތަށް. އެހެންވީމައި އަޅުގަނޑުމެންގެ އޮޕަރޭޝަންތަކުގައި ވަރަށް ބޮޑު ތަފާތެއް ފެނިގެންދާނެ ކަމަށް ޤަބޫލުކުރަން. ދެން އަޅުގަނޑުމެން ބޭނުންވޭ މިތާނގައި މޮނައްޕޮލީ ނައްތާލާފައި ކޮމްޕެޓިޝަނެއް ވެސް ކްރިއޭޓް ކުރަން. ކޮމްޕެޓިޝަނެއް ކްރިއޭޓްވުމުން އަގުތައް ރަނގަޅަށް ހަމަޖެހިގެންދާނެ. އަސްލު އެއީ މަންތާ އުފެއްދުމުގެ އެއް ބޭނުމަކީ" ހަލީލް ވިދާޅުވިއެވެ.
މަންތާ އެއާގެ ސީޕްލޭން ދަތުރުތައް މި އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.
މަންތާ އެއަރގެ މަތިންދާ ބޯޓް ރާއްޖެ ގެނައި ނަމަވެސް އެ އެއަރލައިންގެ ދަތުރުތައް ފަށާނީ ޑިސެމްބަރު މަހުގެ ފަހު ކޮޅުގައެވެ.