ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް އެ ޤައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ނިންމެވި ނިންމެވުމާއި ދެކޮޅަށް އެ ޤައުމުގެ ސުޕްރީމް ކޯޓަށް ހޯމަ ދުވަހު މައްސަލަ ހުށަހަޅައިފިއެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި 225 މެމްބަރުން ތިއްބަވާއިރު މިހާރު މައްސަލަ ހުށަހެޅުއްވި ހުރިހާ ޕާޓީތަކެއް އެކުވުމުން މަޖލީހުގެ ސާފު އަޣުލަބިއްޔަތު އެ ފަރާތްތަކަށް ލިބެއެވެ.
ލަންކާގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންގ އާއި ޚިޔާލު ތަފާތުވެ، އެމަނިކުފާނު މަޤާމުން ދުރުކޮށް ގާނޫނުހަދާ މަޖިލީސް އުވާލަން ރައީސް ސިރިސޭނާ ނިންމެވި ނިންމެވުމާއި ދެކޮޅަށް ސުޕްރީމް ކޯޓަށް ދިއުމަށް ނިންމާފައި ވަނީ ރަނިލްގެ ފަރާތުންނެވެ.
"ޕެޓީޝަން ވަނީ މިއަދު ހެނދުނު ބަލައިގެންފައި އަދި އުއްތަމަ ފަނޑިޔާރުގެ އިޚްތިޔާރުގައި އޮތްކަމެއް އެއީ މައްސަލައިގެ އަޑުއެހުން ތާވަލު ކުރައްވާނެ ވަގުތެއް" ކޯޓު އޮފިޝަލަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކިއެކި މަދަނީ ޖަމްއިއްޔާތަކުން ވެސް ވަނީ ގާނޫނު ހަދާ މަޖިލީހާ ދެކޮޅަށް ވެރިކަން ހިންގުމުގެ ބާރުން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ވަކި މައްސަލަ އެއްގެ ގޮތުގައި ހުށަހަޅާފައެވެ.
އުވާލި ކަމަށް އިއުލާނު ކުރެވުނު ގާނޫނުހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިއާ އާދީއްތަ ދުވަހު ވަނީ ރައީސް މައިތިރިޕާލާ ސިރިސޭނާގެ "ޣައިރު ގާނޫނީ" އަމުރުތަކަށް ތަބާ ނުވުމަށް ގޮވާލައްވާފައެވެ.
ޖަޔަސޫރިޔާ ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރުން ގާނޫނު ހަދާ މަޖިލީހުގެ ހައްގުތައް ހިފަހައްޓައި ރައްޔިތުން އިންތިޚާބު ކުރި މެމްބަރުންގެ ބާރުތައް ނިގުޅައިގެންފައި ވާކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ރައީސް ސިރިސެނާ ވަނީ ގާނޫނު ހަދާ މަޖިލީސް އުވާލައްވައި ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު އަަވަސް އިންތިޚާބެއް ބާއްވަން ގޮވާލައްވަފާއެވެ.
ސްރީލަންކާގެ ސިޔާސީ މަސްރަހު ގޯސްވެގެން ގޮސްފައި މި ވަނީ ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް އާއި ދެމެދު ސިޔާސީ ތަފާތުތައް އުފެދި، އެ މައްސަލަތައް ޒާތީ މައްސަލަތަކަކަށް ވެފައިވަނިކޮށް، ސިރިސޭނާގެ ޕާޓީ އިން ރަނިލްގެ ޕާޓީ އާއި އެކު އޮތް ކޯލިޝަން އުވާލައި ބޮޑުވަޒީރުކަމުން ރަނިލް ވަކިކޮށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އަށް ބޮޑުވަޒީރުގެ މަޤާމު ހަވާލުކުރެއްވުމުންނެވެ.
ނިމިގެން ދިޔަ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމާއި ގުޅިގެން، އޭރު ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވަނީ އެކަން ޤަބޫލު ނުކުރައްވާނެ ކަމަށާއި، ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވި ނަމަވެސް ބޮޑުވަޒީރަކީ ރަނިލް ކަމަށާއި، ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އެމަނިކުފާނަށް ކަމަށް ވިދާޅުވެފައެވެ.