ކުރީގެ ރައީސް މުހައްމަދު ނަޝީދު އއ އުކުޅަހަށްވަޑައިގެންނެވުމުން އެަނިކުފާނަށް އެރަށުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ނަޝީދު އުކުޅަހަށް ވަޑައިގެންނެވީ ހޯމަ ދުވަހު ހަވީރު 4 ޖަހާކަށްހާއިރުއެވެ. އެމަނިކުފާނު ވަޑައިގެންނެވިއިރު އެރަށުގެ ބަނދަރު ސަރަހައްދަށް ރަށުގެ ގިނަ ބަޔަކު ވަނީ ޖަމާވެފައެވެ. ދެޖިންސުގެ ހުރިހާ އުމުރު ފުރައެއްގެ މީހުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އައިސްތިބިއިރު މަރުހަބާ ދެންނެވުމަށްޓަކައި ބަނދަރު ސަރަހައްދު ވަނީ ރީނދޫ ދިދަފަތި ތަކާއި އެމްޑީޕީގެ ދިދަތަކުން ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ.
ރައީސް ނަޝީދު އުކުޅަހަށް ވަޑައިގެންނެވުމާއެކު ކުޑަކުޑަ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ވަނީ ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީއަށް މާ ބޮނޑިއެއް އަރުވާފައެވެ. އެއަށް ފަހު އެރަށުގެ ކައުންސިލަރުންނާއި އެސަރަހައްދަށް އައިސތިބި ރައްޔިތުންނާ ސަލާމް ކުރައްވާ އެމީހުންނާ ބައްދަލު ކުރެއްވިއެވެ.
އެއަށް ފަހު އެމަނިކުފާނުގެ ޝަރަފުގައި އުކުޅަހު "ރަށް ގުޑާ" ބޮޑުބެރު ގުރޫޕުން ވަނީ ބޮޑުބެރުގެ ހަރަކާތްތަކެއް ދައްކާލާފައެވެ، ދެން އޮތީ ރަށުގެ ރައްޔިތުންނާ ޚާއްޞަކޮށް ރައީސް ނަޝީދުގެ ސަޕޯޓަރުންނާ މުޚާތަބުކޮށް އެމަނިކުފާނު ވާހަކަ ދެއްކެވުމެވެ.
ރައީސް ނަޝީދު ވިދާޅުވީ އުކުޅަހުގެ ތަރައްޤީއާ މެދު ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުން ސަމާލުކަން ދެއްވާނެ ކަމަށާއި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސިކުނޑިފުޅުން އުކުޅަސް ކައްސާ ނުލައްވާނެ ކަމަށެވެ.
އުކުޅަހުގައި ބޭއްވި އެމްޑީޕީގެ އާދަޔާ ޚިލާފް ކޮންގްރެސްއަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި އިންތިޚާބީ ރައީސް ކަނޑައެޅިގެން ދިޔައީ އުކުޅަހުގައި ކަމަށާއި އުކުޅަހަކީ ޚާއްޞަ ރަށެއް ކަމަށެވެ.
ރައީސް ނަޝީދު ރަށްރަށަށް ކުރައްވާ މިދަތުރުފުޅުގައި އުކުޅަހުގައި މިރޭ އެމަނިކުފާނު ވަޑައިގަތުމުގެ އުފަލުގައި ބާއްވާ ޚާއްޞަ ހަރަކާތެއް އޮންނާނެއެވެ. އަދި މާދަމާ އުކުޅަހުގެ ގެސްޓް ހައުސްއެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން އެމްޑީޕީގެ އިސްސަފުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުން ބައިވެރިވެވަޑައި ގަންނަވައެވެ.