ކ. މާލެ
|
12 ނޮވެންބަރ 2018 | ހޯމަ 17:28
މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު
މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު
މުހައްމަދު ފަޒީން
މެމްބަރު އަނާރާ ނައީމު
ޖޭއެސްސީއަށް މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުން އައްޔަން ކުރަން ނޭދެން: އަނާރާ
މަގާމެއްގެ ހައިސިއްޔަތުން މެމްބަރުން އައްޔަން ކުރަން ނޭދެން: އަނާރާ

ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލުމުގައި އެއްވެސް މަގާމެއްގެ ހައިސިއްޔަތުން އެއްވެސް ބޭފުޅަކު ޖޭއެސްސީއަށް އައްޔަން ކުރެއްވުމާއި ފަނޑިޔާރުން ޖޭއެސްސީއަށް އައްޔަން ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާފައި ހުންނެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އެކޮމިޝަނުގެ މެމްބަރު ކަމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ ޖޭއެސްސީއަކީ ވަރަށް މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު ހިނގަންޖެހޭ މުއައްސަސާއެއް ކަމަށެވެ. އަދި ޖޭއެސްސީ އެކުލަވާލެވިފައިވާ ގޮތަށް ބަލައި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ވެސް އަނާރާ ވިދާޅުވި އެވެ. 

"ސިޔާސީ ނުފޫޒުގެ ސަބަބުން ބޭއިންސާފު ހުކުމްތަކެއް ކުރެވިފައިވާކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށް ދެކެން. އެގޮތުން އަޅުގަނޑު ގަބޫލު ކުރާގޮތުގައި ޖޭއެސްސީ އެކުލަވާލުމުގައި މިހާރު ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި. އެގޮތުން އެއްވެސް މަގާމެއްގެ ހައިސިއްޔަތުން އެއްވެސް ބޭފުޅަކު ޖޭއެސްސީއަށްލުން އެއީ ރަނގަޅު ގޮތެއްކަމުގައި އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ހަމަ އެގޮތަށް އެއްވެސް ފަނޑިޔާރެއް ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި އިނުން ވެސް އެއީ ގަބޫލު ކުރެވޭ ކަމެއް ނޫން. އެއީ ޖޭއެސްސީއަކީ ވަރަށް މިނިވަން މުސްތަގިއްލު ތަނެއްގެ ގޮތުގައި ވާންޖެހޭތީ، އެއްވެސް ނުފޫޒެއް ނެތި ވަރަށް މިނިވަންކަމާއެކު ފަނޑިޔާރުން އައްޔަންކޮށް ވަކިކުރެވޭ ތަނެއްގެ ގޮތުގައި އޮތުމަށްޓަކައި،" އަނާރާ ވިދާޅުވި އެވެ. 

ޖޭއެސްސީ އެކުލެވިގެންވަނީ :

1. ރައްޔިތުންގެ މަޖިލީހުގެ ރައީސް

2. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ފަނޑިޔާރެއް

3. ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ފަނޑިޔާރެއް

4. ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިހާބުކޮށްފައިވާ ފަނޑިޔާރެއް

5. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއް

6. އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ  މެމްބަރެއް

7. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް

8. ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު

9. އެޓާރނީ ޖެނަރަލް

10. ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެމްބަރެކެވެ.

"ޖޭއެސްސީގެ މެމްބަރުންނަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ފުންނާބު އުސް ބަޔަކަށް ވާންޖެހޭ ކަމުގައި އަޅުގަނޑު ގަބޫލު ކުރަން، އެގޮތުން ވަކި އުމުރެއް، މިސާލަކަށް، 40 އަހަރުން މަތީގެ ބޭފުޅުންނަށް އެ މެމްބަރުކަމަށް ދެވޭ ގޮތަށް އޮތުން އެއީ ވަރަށް މުހިއްމު ކަމެއް. އެއީ ތަޖުރިބާތަކެއް ލިބި، ގައުމު އިންގުމުގައި އަދުލްއިންސާފު ގާއިމު ކުރުމުގައި އެންމެ ރަނގަޅު ގޮތަކަށް ކަންކަން ގެންދިއުމަށްޓަކައި މިދެންނެވި ކަންކަން ވަރަށް މުހިއްމުވާ ކަމަށް އަޅުގަނޑު ފާހަގަކޮށްލަން،" އަނާރާ ވިދާޅުވި އެވެ. 

އަނާރާ ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަތައް ބެލުމާއި ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ޖޭއެސްސީއަށް ލިބޭއިރު، ސިޔާސީ ނުފޫޒުން އެކޮމިޝަން އެއްކިބާވެ، އަދި ކޮމިޝަން މަސައްކަތް ކުރަންޖެހޭނީ ވަރަށް މިނިވަން މުސްތަގިއްލު ކަމާއެކުގަ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް