ކ. މާލެ
|
12 ނޮވެންބަރ 2018 | ހޯމަ 10:24
ޖޭއެސްސީގެ މެމްބަރު އިބްރާހީމް ރިޒާ
ޖޭއެސްސީގެ މެމްބަރު އިބްރާހީމް ރިޒާ
މުހައްމަދު ޝަރުހާން
ޖޭއެސްސީގެ މެންބަރުކަން
ޖޭއެސްސީގެ މެމްބަރުކަމުން ވަކިކުރަންޖެހޭ އެއްވެސް ކަމެއް ނުކުރަން: މެމްބަރު ރިޒާ
މަސައްކަތް ކުރެއްވީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް: ރިޒާ
ރިޒާ ވަނީ މައްސަލައެއްގައި އެމްޕީއެލްއަށް ގާނޫނީ ވަކީލުކަން ކޮށްދެއްވައި 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަންގަވާފައި
ރިޒާއަކީ ރައީސް ޔާމީންގެ އަރިސް ބޭފުޅެއް

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުން ވަކިކުރަންޖެހޭ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް އެކޮމިޝަނުގައި، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކަނޑައަޅާ މެމްބަރުގެ ގޮތުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެމައްސަލަ ހުށަހެޅުމަށް ފަހު، ރިޒާއަށް ވަނީ ޖަވާބުދާރީ ވުމަށް 15 މިނެޓުގެ ފުރުސަތެއް ދެއްވާފައެވެ.

އެ މައްސަލައަށް ޖަވާބުދާރީވަމުން ރިޒާ ވިދާޅުވީ އެ ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނަވައި ގާނޫނުއަސާސީއާއި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވެސް މިހާތަނަށް އެއްވެސް ކަމެއްގައި ލަފައެއް ދެއްވާފަ ނުވާ ކަމަށެވެ. 

ރިޒާ ސިފަކުރައްވާފައި ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ މީގެ ހަތް އަހަރު ކުރިން ޖޭއެސްސީގައި އެ މަގާމުގައި ހުންނެވި، އަލްމަރުހޫމް ޑރ. އަފްރާޝީމް އަލީ މަގާމުން ވަކިކުރެއްވުމަށް ހިންގި ފަދަ ކަންތައްތަކެއް ކަމަށެވެ.

ރިޒާ ވިދާޅުވީ، މިވަގުތު މަޖިލީހުގެ މެމްބަރުންގެ އަޣްލަބިއްޔަތު އޮތްގޮތުން އޭނާ މަގާމުން ވަކިކުރެވިދާނެ ކަމަށާއި، ނަމަވެސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވަން ގަސްތު ނުކުރައްވާ ކަމަށްވެސް ރިޒާ ވިދާޅުވިއެވެ.

ރިޒާ ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ، ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކުރެއްވުމަށް ހުށަހަޅަފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުން އެ މެމްބަރުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަންކަން ކުރައްވަމުން ނުދާތީ އާއި އަދުލްއިންސާފު ގާއިމުކުރުމުގެ ކަންކަން ހިންގެވުމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ މަޖިލީހަށް އެއްބާރުލުން ނުދެއްވައި، އަދި ދިވެހި ރައްޔިތުންނާއި ބައިނަލްއަގްވާތީ ދުނިޔޭގައި އަދުލްއިންސާފުގެ ދާއިރާ އަށް ބޮޑެތި ޝައްކުތައް ކުރެވި، އިތުބާރު ގެއްލިފައިވާތީ ކަމަށެވެ.

ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދުލްއިންސާފުގެ ދާއިރާ ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތު ކުރެވޭއިރު، ރިޒާގެ މައްޗަށް ވެސް ފަނޑިޔާރުންނަށް ނުފުޒު ފޯރުވަމުންދާކަމުގެ އަޑުތަކެއް ފެތުރިފައި ވެއެވެ. ރިޒާއަކީ ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ.

ރިޒާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް)އިން އަމިއްލަ ކުންފުންޏަކަށް 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ ކަމަށް ބުނާ މައްސަލާގައި އެމްޕީއެލްގެ ފަރާތުން ވަކާލާތު ކުރައްވާފައިވަނީ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އިންނަވައި، ގާނޫނީ ވަކީލުކަންވެސް ކުރައްވާ މެމްބަރު ރިޒާ އެވެ. އެމައްސަލަ އެމްޕީއެމްގެ ކޮޅަށް ނިމިފައިވާއިރު، އެމައްސަލާގައި ރިޒާ ވަކާލާތު ކޮށްދެއްވާފައިވަނީ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ކަމަށް ވެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣްލަބިއްޔަތު ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބިފައިވާއިރު، ޖޭއެސްސީގެ މެމްބަރު ކަމުގެ މަގާމުން ރިޒާ ވަކި ކުރެވިގެން ދިއުމަކީ ގަބޫލު ކުރެވޭ ކަމެކެވެ. 

ޖޭއެސްސީގެ 10 މެމްބަރުން ތިއްބަވައެވެ.

ޖޭއެސްސީއަކީ ކޯޓުތަކާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރެއްވުން އަދި ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިގެން، ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ އަދުލް އިންސާފުގެ ދާއިރާގެ އެންމެ މުހިއްމު އެއް މުއައްސަސާއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް