ކ. މާލެ
|
11 ނޮވެންބަރ 2018 | އާދީއްތަ 17:58
އިންތިޚަބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު
އިންތިޚަބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު
ގޫގުލް
އިންތިޚާބީ ރައީސް ސޯލިހު
ޖުމްހޫރީ ވެރިކަމަކީ މަޝްވަރާގެ ރީތި އުސޫލުން ހިންގޭ ރައްޔިތުންގެ ވެރިކަމެއް: އިންތިޚާބީ ރައީސް
އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުން ކަށަވަރުކުރުންކަމަށް ވިދާޅުވި

ޖުމުހޫރީ ވެރިކަމަކީ މަޝްވަރާގެ ރީތި އުސޫލުން ހިންގޭ ރައްޔިތުންގެ ވެރިކަމެއްކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 50 އަހަރު އާދީއްތަ ދުވަހު ފުރިފައިވާއިރު، މި ރަންޔޫބިލްގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފޮނުއްވަމުން އެމަނިކުފާނު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ޖުމުހޫރީ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި އުފައްދާ ރައްޔިތުންގެ ވެރިކަމެެއްކަމަށެވެ. އަދި މަޝްވަރާގެ ރީތި އުޞޫލުން ރައްޔިތުންގެ ކަންކަން ހިންގުމަށް ޤާއިމްކުރެވޭ ވެރިކަމެއްކަމަށެވެ.

މި ނިޒާމުގައި ވެރީންނަކީ ރައްޔިތުންގެ ޚާދިމުންކަމަށާއި، އެމީހުންގެ އެންމެ ބޮޑު ވާޖިބަކަށް ވާން ވާނީ ރައްޔިތުންނަށް ޖަވާބުދާރީވުންކަމަށް ބަޔަނުގައިވެއެވެ. އަދި އެމަގަށް ކަންކަން ނުދާނަމަ އެކަމުގައި ބަސްބުނެ، އެ ނޫން މަގަކަށް ޤައުމުގެ ހުންގާނު އަނބު ރާލުމަކީ ވެސް ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް ލިބިފައި އޮންނަ ޙައްޤެއް ކަމަށް އިންތިޚާބީ ރައީސްގެ މި ބަޔަނުގައި ވިދާޅުވެފައިވެއެވެ.

"ވެރިންގެ ގޮތުގައި އިސްކުރެވޭ ޚާދިމުންނަށް ހުރީ ރައްޔިތުންގެ ނިންމުމާއި ރުހި ކިޔަމަންވުންކަމީ ޖުމްހޫރީ ވެރިކަމުގެ އެންމެ އަސާސީ އެއް ފަލްސަފާއެވެ" މި ބަޔާނުގައިވެއެވެ.

ވެރިއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާން ވާނީ އެތަނެއްގައި ޢަދުލު އިންޞާފު ޤާއިމު ކޮށްދިނުން ކަމަށް ދެކިވަޑާއިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔާއަކަށް ބަދަލުވުމަށްފަހު ވޭތުވެ ދިޔަ 10 ދައުރުގައި މިކަން ކުރެވިފައި ވަނީ ކިހައި މިންވަރަކަށް ކަމާއި، އެ ދައުރުތަކުގައި ވެރިން ކުރެއްވި މަސައްކަތަކުގެ ފޮނިކަން ނުވަތަ ހިތިކަން ލިބިވަޑައިގެންފައި ވަނީ ކިހައި މިންވަރަކަށްކަން ނިންމަވާނީ ދިވެހި ރައްޔިތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ފެށެން މިއުޅޭ 11 ވަނަ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެފައިވާ ރައީސްގެ ޙައިސިއްޔަތުން އެމަނިކުފާނުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުން ކަށަވަރުކުރުން ކަމަށް ވިދާޅުވިއެވެ.

ދައުލަތެއްގެ ޙަޤީޤީ ވެރިންނަކީ ރައްޔިތުންކަމާއި، މަޤާމުތަކަށް އިންތިޚާބުވުމަކީ ރައްޔިތުން ޙަވާލުކުރާ ޒިންމާއެއް ކަމާއި، އެއީ އެރުވޭ ޝަރަފެއް ނޫންކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމާއި ހަނދާން ކޮށްދިނުމަކީ ވެސް އެމަނިކުފާނުގެ ވާޖިބެއްކަމުގައި ދެކޭކަމަށް އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ނެރުއްވި މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ ޖުމުހޫރީ ޙަޔާތުގެ ތާރީޚަކީ ދިވެހިރައްޔިތުންގެ ޤުރުބާނީތަކާއި، ޤައުމަށް ހުރި ލޯބި ރަމްޒުކޮށްދޭ ހަނދާންތަކެކެވެ. 1 ޖެނުއަރީ 1953 ގައި، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރުއްޔާގެ ހުވާ ކުރެއްވުމާއެކު، ދިވެހި ދައުލަތުގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމްވެގެންދިޔައެވެ. 7 މަހާ ދުވަސް ކޮޅަކަށް ދެމި އޮތް މި ވެރިކަން، 7 މަރޗް 1964 ގައި ނިމުމަކަށް އައިސް އަނެއްކާވެސް ރާއްޖޭގެ ވެރިކަން ރަސްކަމަކަށް ބަދަލުވެގެން ދިޔައެވެ. މިފަހަރު ރަސްކަމަށް އިސް ކުރެވުނު އައްސުލްޠާނު މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން ނިމުނީ 1968 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު، ދެ ވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމްވެ، ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަޑޭރި ކިލެގެފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވުމުންނެވެ. އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވި އެ ޢިބުރަތްތެރި، ޙިކުމަތްތެރި މަސައްކަތްތަކުގެ ހަނދާންތަކެވެ.

އިންތިޚާބީ ރައީސްގެ ބަޔާން ނިންމަވާލައްވަަމުން ދިވެހި ޤައުމަށް ބާއްޖަވެރި ކުރިމަގެއް ދެއްވައި، އަދި މިފެށޭ ރިޔާސީ ވެރިކަމުގައި ދިވެހި ރައްޖެއަށް އަމާންކަމާއި ޞުލްޙަވެރިކަމާއި ކުރިއެރުން މިންވަރު ކުރެއްވުމަށް އެދި ދުއާދަންންވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް