ކ. މާލެ
|
11 ނޮވެންބަރ 2018 | އާދީއްތަ 16:36
ކުރީގެ ނައިބުރައީސް އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމަށް ވޯޑަށް ގެންދަނީ
ކުރީގެ ނައިބުރައީސް އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމަށް ވޯޑަށް ގެންދަނީ
ޓްވިޓަރ
އަޙުމަދު އަދީބު
އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
ވައަތު ކިޑްނީގައި އުފެދިފައިވާ ހިލަ ވަނީ ކިޑްނީ އާއި ބްލެޑަރ ގުޅުވައިދޭ ހޮޅި (ޔުރެޓާ) އަށް ފައިބާފައި
ފުރަތަމަ މަސައްކަތް ކުރަމުންދަނީ ލޭޒަރ ޓްރީޓްމަންޓަކަށް ނުގޮސް، ބޭސް ދީގެން ހިލަ ނައްތާލެވޭތޯ
ކަނާތު ކިޑްނީގައި އުފެދިފައިވާ ދެ ހިލަ ނައްތާލުމަށްވެސް ޑޮކްޓަރުން ދަނީ މަސައްކަތް ކުރަމުން

ޖަލުގައި ހުންނަވަނިކޮށް ސިއްހީ ހާލަތު ގޯސްވެ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކުރީގެ ނައިބުރައީސް އަޙުމަދު އަދީބްގެ ހާލުކޮޅު ރަނގަޅު ނުވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.

އަދީބްގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ، އަދީބްގެ ދެ ކިޑްނީގައިވެސް ހިލަ އުފެދިފައިވާއިރު، ވައަތު ކިޑްނީގައި އުފެދިފައިވާ ހިލަ، ކިޑްނީ އާއި ބްލެޑަރ ގުޅުވައިދޭ ހޮޅި (ޔުރެޓާ) އަށް ފައިބާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އުފެދިފައިވާ ތަދު ކޮންޓްރޯލް ކުރުމަށް އިންޖެކްޝަން ބޭނުންކުރަމުންދާއިރު، ފުރަތަމަ މަސައްކަތް ކުރަމުންދަނީ ލޭޒަރ ޓްރީޓްމަންޓަކަށް ނުގޮސް، ބޭސް ދީގެން ހިލަ ނައްތާލެވޭތޯ ކަމަށް ނަޝްވާ ވިދާޅުވިއެވެ. ނަމަވެސް ހިލައިގެން ސަބަބުން އަދީބަށް އިންތިހާއަށް ތަދުވަމުންދާތީ، މިގޮތަށް ހިލަ ނައްތާ ނުލެވިއްޖެނަމަ ލޭޒަރ ޓްރީޓްމަންޓެއް ހެދުމަށް ޑޮކްޓަރުން ތައްޔާރުވަމުންދާކަން ނަޝްވާ ފާހަގަ ކުރެއްވިއެވެ.

ނަޝްވާ އިތުރަށް ވިދާޅުވީ، ހުކުރު ދުވަހުގެރޭ ހެދި ސީޓީ ސްކޭނުން ހިލަ އިން ކަމަށް ދެއްކި ހިސާބަށްވުރެ ކުޑަކޮށް ތިރިއަށް އެ ހިލަ ޖެހިފައިވާކަން ފަހުން ނެގި އެކްސްރޭއިން ހާމަވެފައިވާ ކަމަށާއި، އަދީބްގެ ކިޑްނީގައި އުފެދިފައިވަނީ ނިސްބަތުން ބޮޑު މިނެއްގެ ހިލައެއްކަން އެކްސްރޭއިން ހާމަވާ ކަމަށެވެ.

މީގެ އިތުރުން އަދީބްގެ ކަނާތު ކިޑްނީގައި އުފެދިފައިވާ ދެ ހިލަ ނައްތާލުމަށްވެސް ޑޮކްޓަރުން މަސައްކަތް ކުރަމުންދާ ކަމަށް ނަޝްވާ ވިދާޅުވިއެވެ.

ހުކުރު ދުވަހު އަދީބުގެ ބަނޑަށް ތަދުވަމުންދިޔަކަން ޕޮލިހުގައި ތިބި އިސްފަރާތްތަކަށް ޔަޤީންކޮށްދޭން ދެ ގަޑިއިރު މަސައްކަތްކުރަން ޖެހުނު ކަމަށާއި އަދީބު އައިޖީއެމްއެޗަށް ބަދަލުކުރީ އަދީބަށް ދޫނިދޫ ކްލިނިކްގައި އިތުރަށް ފަރުވާ ނުދެވޭނެ ކަމަށް ވިދާޅުވެ ދޫނިދޫގައި ހުންނަވާ ޑޮކްޓަރު ޒިންމާ ނުނަންގަވާނެ ކަމަށް ލިޔުގައި ސޮއިކުރެއްވުމުން ކަމަށް ނަޝްވާ ވިދާޅުއެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމަށް މާލެ ގެނެސް މާލެއަށް ބާލުވަން އުޅުނު ވަގުތު ޖެޓީ މައްޗަށް އަދީބް ވެއްޓުނުކަންވެސް އަދީބްގެ އާއިލާއިން ވަނީ އެމަނިކުފާނާއި ހަވާލާދީ ހާމަކޮށްފައެވެ.

އަދީބްގެ ހާލު ދެރަވުމާއި ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރިއިރު ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނެވި ނަމަވެސް، ކަރެކްޝަނަލް ސާވިސްއިން ކުއްލިއަކަށް ހޮނިހިރު ދުވަހުގެރޭ ވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ހަވާލުވެފައެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެ އެޑްމިޓް ކުރެވިފަ އޮތް ވަގުތެއްގައި ކުއްލި ގޮތަކަށް ފުލުހުން އަދީބުގެ ސެކިއުރިޓީ ދޫކޮށްލައި، ހޮނިހިރު ދުވަހުގެރޭ ކަރެކްޝަންއާ ސެކިއުރިޓީ ހަވާލުކޮށްފައިވާއިރު، މިބަދަލަކީ އެއްވެސް ފަރާތަކުން އަދީބުގެ ސިއްހީ ހާލަތާ މެދު ޒިންމާ ނަގަން ބޭނުން ނުވާތީ ނިންމި ނިންމުމެއް ކަމަށް ދެކިލައްވާ ކަމަށެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަދީބްގެ ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށް ފަރުވާ ދެމުންދާއިރު، އަދީބްގެ ހަށިގަނޑުގައި އުފެދިފައިވާ ސިސްޓްތަކާއި ގުޅިގެން މީގެ ތިން އަހަރެއްހާ ދުވަސް ކުރިން އަދީބް ކެންސަރަށް ސްކްރީން ކުރުމަށް ޑޮކްޓަރުން އަންގަވާފައި ވީނަމަވެސް އެ ފުރުޞަތު ސަރުޚާރުގެ އިދާރާތަކުން އަދިވެސް އަދީބަށް ދީފައެއް ނުވެއެވެ. އަދި މީގެ އިތުރުން އަދީބްގެ ލޮލަށް ގްލުކޯމާ ކިޔާ ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު، އެ ބައްޔަށްވެސް އެންމެ އެކަށޭނަ ފަރުވާއެއް ލިބެމުން ނުދާކަން ހާމަކޮށް އަދީބްގެ އާއިލާ އާއި ވަކީލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް