ކ. މާލެ
|
11 ނޮވެންބަރ 2018 | އާދީއްތަ 11:54
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންވެވަޑައިގެން، މާލެ ވަޑައިގެންނެވުން
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންވެވަޑައިގެން، މާލެ ވަޑައިގެންނެވުން
މުހައްމަދު ޝަރުހާން
ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދުގެ ޖަލު ހުކުމް މުރާޖައާކޮށް، މިނިވަން ކުރުމަށް ހުށަހެޅި ގަރާރު ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް
ކުރިން އެގަރާރުގައި ވަނީ ރައީސް ނަޝީދުގެ މައްސަލަ އެކަނި
ކޮމެޓީން ވަނީ ރައީސް ނަޝީދުއާއި އެމަނިކުފާނާ އެއްފަދައިން ހުކުމް ކޮށްފައިވާ މީހުންގެ މައްސަލަތައް މުރާޖައާކޮށް، މިނިވަން ކުރުމަށް ހިމަނާފަ
ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް ފިޔަވާ ހުރިހާ ސިޔާސީ ބޭފުޅުން މިވަގުތު ތިއްބެވީ މިނިވަން ކޮށްފަ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމް މުރާޖައާކޮށް، އެމަނިކުފާނު މިނިވަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ. 

ރައީސް ނަޝީދުގެ މައްޗަށް ހިންގާފައިވާ ޝަރީއަތާއި ކޮށްފައިވާ ހުކުމް ޕްރޮސެކިއުޓާރ ޖެނެރަލަށާއި ސުޕްރީމް ކޯޓަށް އިލްތިމާސްކޮށް، ހުށަހަޅާފައިވާ އެގަރާރު މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އިސްލާހުކޮށްފައިވާއިރު، އިތުރު ކޮށްފައިވަނީ ރައީސް ނަޝީދާއި ރައީސް ނަޝީދާއި އެއްފަދައިން ހުކުމް ކޮށްފައިވާ އެންމެހާ މީހުންގެ މައްސަލަތައް މުރާޖައާކޮށް، މިނިވަންކޮށް، އިންސާފު ގާއިމުކޮށްދިނުމަށް ޕްރޮސެކިއުޓާރ ޖެނެރަލަށާއި ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށެވެ. 

ރައްޔިތުންގެ މަޖިލީހަށް އެ ގަރާރު ހުށަހެޅިފައި ވަނިކޮށް، ރައީސް ނަޝީދާއި ސިޔާސީ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ހުކުމްތައް، ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރުތަކެއް ސުޕްރީމް ކޯޓުން ވަނީ ނެރެފައެވެ. އަދި ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވާ އެމައްސަލަތަކަށް ވަކިގޮތެއް، އެ ކޯޓުން ނިންމަންދެން ރައީސް ނަޝީދާއި ސިޔާސީ ބޭފުޅުން ވަނީ މިނިވަން ކޮށްފައެވެ.  

ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުންނާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެއް ސޮއިކޮށް މަޖިލީހަށް ހުށަހެޅި އެ ގަރާރު ބަލައިގެންފައި ވަނީ 48 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ. އަދި ހަތަރު މެމްބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވައެވެ. 

އެ ގާރާރު ދިރާސާ ކުރެއްވުމަށް ފޮނުވި ކޮމެޓީއަކީ ސަރުކާރުގެ އަގުލަބިއްޔަތު އޮތް ކޮމެޓީއެކެވެ. ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް މުގައްރިރުކަން ކުރައްވާ އެ ކޮމެޓީގައި ހިމެނެނީ އިދިކޮޅު ތިން މެމްބަރުންނެވެ. ދެން އެ ކޮމެޓީގައި ހިމެނޭ 8 މެމްބަރުންނަކީ ވެސް ޕީޕީއެމްގެ މެމްބަރުންނެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ޖުމްލަ 49 މެމްބަރަކު ސޮއި ކުރި ގަރާރުގައި ޕީޕީއެމްގެ 12 މެމްބަރަކު ސޮއި ކުރައްވާފައިވެއެވެ.

މިދިއަ މަހުގެ 28 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހަށް އެ ގަރާރު ހުށަހަޅުއްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތަކީ ސިޔާސީ ލީޑަރެއްގެ ހަސަދަވެރިކަމުގައި ހިންގި ސިޔާސީ ބޮޑު ޗަރުކޭހެއް ކަމަށެވެ.

"ހަވާ ފަޓާސް އަރުވާފައި އެ ހިންގި ޝަރީއަތަކީ، އެ އިއްވި ހުކުމަކީ ސިޔަސީ ލީޑަރެއްގެ ހަސަދަވެރިކަމުގައި ހިންގި ސިޔާސީ ބޮޑު ޗަރުކޭހެއްކަން ދިވެހި ހުރިހާ ރައްޔިތުން، ލޯހުޅުވައިގެން ތިބި ހުރިހާ ރައްޔިތުންމެ، ހެކިވާނެ. އިއްޒަތްތެރި ރައީސް، އެއީ ސިޔާސީ ހުކުމެއްކަން މުޅި ދުނިޔެ ވެސް ހެކިވި،" އީވާ ވިދާޅުވިއެވެ.

ގަރާރުގެ ބަހުސްގެ މަރުހާލާގައި ވާހަކަފުޅު ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ ރައީސް ނަޝީދަށް ޝަރީއަތް ކުރީ އިންސާފުން ނޫން ކަމަށާއި އެމަނިކުފާނަށް އިއްވާފައިވާ ހުކުމް މުރާޖާ ކުރަންޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދަށް އިއްވާފައިވާ ހުކުމް ބާތިލު ކުރަން ސުޕްރީމް ކޯޓަށް އިލްތިމާސް ކުރާއިރު، ބޭއިންސާފުން ޝަރީއަތްކޮށްފައިވާ މީހުންނަށްވެސް އިންސާފު ހޯދަންޖެހޭ ކަމަށް ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން ވިދާޅުވިއެވެ.

"ވަރަށް އިހްލާސްތެރި ހެޔޮ ހިތަކާގެން މި ދަންނަވަނީ އެމަނިކުފާނުވެސް މިނިވަންވާންވީއޭ. މިނިވަންވާން ބޭނުން ވެސް ވޭ. ހަމަ އެފަދައިން މިދެންނެވި ގޮތަށް އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ބޭއިންސާފުން ކަންކަން ހިނގާފައި ހުރި މީހުން މިނިވަންވުން އެއީ އަޅުގަނޑު އެދޭ ގޮތް،" ބަހުސްގެ މަރުހަލާގައި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ އަލީ އާރިފް ވިދާޅުވިއެވެ.

ސިޔާސީ ނުފޫޒުން، އަވަސް އަރުވާލައިގެން ހިންގުނު އިންސާފުން އެއްކިބާވެފައިވާ ޝަރީއަތްތަކުން ޖަލަށް ލެވިފައި ތިބި ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ފަރާތްތަކުގެ ތެރެއިން މިވަގުތު ޖަލުގައި ތިއްބެވީ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނާއި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން އަދި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބެވެ. މި ބޭފުޅުންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބްގެ ސިއްހީ ހާލުކޮޅު ދެރަވެ، އެމަނިކުފާނު މިހާރު އޮންނެވީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް