ކ. މާލެ
|
11 ނޮވެންބަރ 2018 | އާދީއްތަ 09:39
ޖުމްހޫރީ މައިދާން
ޖުމްހޫރީ މައިދާން
ރާއްޖެއެމްވީ
ރާއްޖޭގެ ޖުމްހޫރިއްޔާ
ރާއްޖޭގެ ޖުމްހޫރިއްޔާގެ ރަންޔޫބިލް ފާހަގަކުރަނީ
ދެވަނަ ޖުމްހޫރިއްޔާގައި ހަތަރު ރައީސުން ވެރިކަމަށް ވަޑައިގަތް
ފުރަތަމަ ޖުމްހޫރިއްޔާގައި ވެރިކަން ކުރެއްވީ އެންމެ ރައީސެއް

މިއަދަކީ ރާއްޖޭގެ ޖުމްހޫރިއްޔާއަށް ރަންޔޫބީލެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރުން ފާހަގަކުރާއިރު އެންމެ ފުރަތަމަ ރާއްޖޭގައި ޖުމްހޫރިއްޔާއެއް އުފެދިފައިވަނީ 1953 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުއެވެ. މި ޖުމްހޫރިއްޔާ ނިމިގެން ގޮސްފައިވަނީ އެ އަހަރުގެ އޮގަސްޓް 21 ވަނަ ދުވަހުއެވެ.

ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަކީ އަލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެމަނިކުފާނު ވަނީ ރާއްޖެއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް މުހިއްމު ގިނަ ކަންތައްތަކެއް ފައްޓަވާފައެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ޖުމްހޫރިއްޔާ މާގިނަ ދުވަސްތަކެއް ނުވެ، އުވި، އަނެއްކާވެސް ރަސްކަމަކަށް ބަދަލުވިއެވެ. 1954 ވަނަ އަހަރު ރާއްޖޭގައި އަލުން ރަސްކަމެއް ގާއިމް ކުރެވުނު އިރު އެ ރަސްކަން ވެގެން ދިޔައީ ރާއްޖޭގެ އެންމެ ފަހުގެ ރަސްކަމަށެވެ.

ދެވަނަ ޖުމްހޫރިއްޔާގައި ރައީސްކަން ކުރައްވާފައިވަނީ އިބްރާހިމް ނާސިރެވެ. 11 ނޮވެމްބަރު 1968 ން ފެށިގެން 11 ނޮވެމްބަރު 1978 އަށް ވެރިކަމުގައި ހުންނެވިއެވެ. އެމަނިކުފާނުގެ ވެރިކަމުގައި އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ގައުމަށް ގެނެސްފައިވާއިރު ދިވެހިރާއްޖެ 78 އަހަރުވަންދެން އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް އޮތުން 26 ޖުލައި 1965 ގައި ބަދަލުވެގެންދިޔައެވެ. އޭގެ އިތުރުން އެ އަހަރުގެ އޮކްޓޫބަރު 12 ވަނަ ދުވަހު އދގެ މެންބަރަކަށްވެސް ރާއްޖެ ވެގެންދިޔައެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސަކީ 30 އަހަރުވަންދެން ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެމަނިކުފާނު ވެރިކަން ކުރެއްވީ 11 ނޮވެމްބަރު 1978 ން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހާއި ހަމައަށެވެ.

އެއަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ތިން ވަނަ ރައީސް ކަމަށް ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމަށްފަހު ދައުރު ހަމަވުމުގެ ކުރިން 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު އިސްތިއުފާދެއްވިއެވެ. އެއަށްފަހު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ނަޝީދުގެ ނައިބު ރައީސްކަމުގެ މަގާމުގައި އޭރު ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަންއެވެ. އެތާރީހުން ފެށިގެން 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވެރިކަން ކުރެއްވުމަށްފަހު ދެން ވެރިކަމަށް ވަޑައިގަތީ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ދައުރަށްފަހު ވެރިކަމަށް ވަޑައިގަންނަވާނެ ރައީސަކު އޮވުމަށް 23 ސެޕްޓެމްބަރުގައި ބޭއްވި އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިހާރު ރައީސްކަމުގެ މަގާމުގައި ހުންނެވި ރައީސް ޔާމީނާ ވާދަކުރައްވާ ބޮޑުތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. އެމަނިކުފާނު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް