ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 21:14
ދިއްދޫގެ ފްލެޓްގައި ދިރިއުޅެމުންދާ މީހަކާ ރައީސް ނަޝީދު ބައްދަލު ކުރައްވަނީ
ދިއްދޫގެ ފްލެޓްގައި ދިރިއުޅެމުންދާ މީހަކާ ރައީސް ނަޝީދު ބައްދަލު ކުރައްވަނީ
މުހައްމަދު ޝަރުހާން
ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު ދިއްދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބައްލަވައި، އުއްމީދު އާ ކޮށްދެއްވައިފި
ރައީސް ނަޝީދު ފްލެޓްތަކަށް ޒިޔާރަތްކުރެއްވި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެންމެ ގާތުން ބައްލަވާ ލައްވައިފިއެވެ.  

ދިއްދޫގައި ތިބި ނަޝީދުގެ ސަޕޯޓަރުންގެ އެދިވަޑައިގަތުމަށް އެމަނިކުފާނު ހުކުރު ދުވަހު ދިއްދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. 

ހޮނިހިރު ދުވަހު ރައީސް ނަޝީދު ދިއްދޫ ދާއިރާގެ އެމްޑީޕީގެ އޮފީސް ހުޅުވައި ދެއްވުމަށްފަހު އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަކީ ކޮބައިތޯ ވަނީ އޮޅުން ފިލުއްވާފައެވެ. އެގޮތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެރަށުގެ ތަރައްގީއަށްޓަކައި ކުރަން ބޭނުންވާ ކަންކަން ހުށައެޅުމަށް އެމަނިކުފާނު ފުރުސަތު ހުޅުވާލެއްވިއެވެ.  

ރައީސް ނަޝީދު ދިއްދޫގައި އަޅާފައިވާ ފްލެޓްތަކުގެ ހާލަތު ބައްލަވައި ލެއްވުމަށް އެސަރައްދަށް ވަޑައިގަންނަވަނީ:-

ބައެއް މީހުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ދިއްދޫގައި މިހާރު އަޅާފައިހުރި ފްލެޓްތައް ބޭއިންސާފުން ދީފައި ހުރި ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ ފްލެޓް ލިބިފައި ތިބި މީހުންގެ އަތުން އެ ފުލެޓް އަތުލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. އޭގެ ބަދަލުގައި ދެން އޮތް ގޮތަކީ އަލުން އެރަށުގައި ފްލެޓް އެޅުން ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ދިއްދޫގައި ހުރި ހޮސްޕިޓަލްގެ ފެންވަރު ދަށްކަމުގެ ވާހަކަ ދެންނެވުމުން ރައީސް ނަޝީދު ވަނީ އެ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ފެށޭ އާ ސަރުކާރުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.  

ހަމައެހެންމެ ދިއްދޫގައި އެއާޕޯޓެއް އެޅުވުމަށް އެދޭ ކަމަށް އާންމު މީހަކު ބުނުމުން ރައީސް ނަޝީދު ވަނީ އެކަމާ މެދު ދެކިވަޑައިގަންނަވާ ގޮތް ވެސް ހިއްސާ ކުރައްވާފައެވެ. އަދި ދިއްދޫގައި އެއާޕޯޓެއް ބޭނުންވަނީ ހދ. ހަނިމާދޫ އަށް ދިއްދޫން ދާންޖެހޭ އަގު ބޮޑުވުން ކަމަށާއި އެކަމަށް ހައްލު ގެނެވިދާނެ ކަމަށް ވިދާޅުވިއެވެ.  

ދިއްދޫ ދާއިރާގެ އޮފީހުގައި ރައީސް ނަޝީދު އާންމުންނާ ބައްދަލު ކުރައްވަނީ:-

ރައީސް ނަޝީދު އާންމުންގެ ކަންބޮޑުވުންތައް އެއްސެވުމަށްފަހު ދެން ވަޑައިގެންނެވީ އެރަށުގެ ކައުންސިލާ ބައްދަލު ކުރެއްވުމަށެވެ. އެގޮތުން ހއ. އަތޮޅު ކައުންސިލް އިދާރާގައި އެމަނިކުފާނު ވަނީ ކައުންސިލާ ބައްދަލު ކުރައްވައި ކައުންސިލަރުންގެ ކިބައިން ވެސް ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. ދެން އެމަނިކުފާނު ވަޑައިގެންނެވީ އެރަށުގައި އަޅާފައިވާ ފްލެޓްތަކުގެ ހާލަތު ބައްލަވާ ލެއްވުމަށެވެ. އަދި އެތަންތަނުގައި ދިރިއުޅޭ މީހުންގެ ގާތަށް ވަޑައިގެން ދިރިއުޅުއްވުމުގެ ހާލަތު އޮޅުންފިލުއްވިއެވެ.  

ދިއްދޫގެ ގޮނޑުދޮށް ސަރައްދު ރައީސް ނަޝީދު ބައްލަވާލައްވަނީ:-

މީގެ އިތުރުން އެމަނިކުފާނު ވަނީ ރަށުގެ މުހިންމު ސަރައްދުތަކަށް ވެސް ވަޑައިގެންފައެވެ. އަދި ރަށުގައި ތިބި ދުވަސްވީ ބައެއް މީހުންގެ ގާތަށް ވަޑައިގެން އެރަށުގެ ކަންކަން އޮޅުންފިލުއްވިއެވެ. ރައީސް ނަޝީދު ދިއްދޫ އަށް ވަޑައިގަތުމުން އެރަށުގެ ވިޔަފާރިވެރިން ވަނީ އެމަނިކުފާނުގެ ޝަރަފުގައި ހާއްސަ ޖާފަތެއް އަރުވާފައެވެ. އަދި އެ ރަށުގެ އަންހެންވެރިންގެ ފަރާތުން ހާއްސަ ފިލައެއް އެމަނިކުފާނަށް އެރުވިއިރު ދިއްދޫ ދާއިރާގެ ފަރާތުން ވެސް އެމަނިކުފާނަށް ހާއްސަ ފިލައެއް އަރުވާފައިވެއެވެ. 

ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުން މީހުންގެ ކަންބޮޑުވުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް މެދުވެރި އެއް ނެތި ހުށައެޅުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު އެކަންކަން ހުށައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
10 ނޮވެންބަރ 2018 | ހޮނިހިރު 14:53
ހަދީފި
ރާއްޖެ އެމްވީ މީ ކިއްކުރަން ލާފަ އިންނަ ކޮމެންޓް ބޮކްސް އެއްތަ ކޮމެންޓް ޕަބްލިޝް ކުރަން ނުކުރޭ ހާލުގަ