ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 18:20
ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް
ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް
ފޮރިން މިނިސްޓްރީ
ޖިންސީ ފުރައްސާރަ
މިނިސްޓަރު އާސިމް އިސްތިއުފާ ދެއްވުމަށް ވިމް އިން ގޮވާލައިފި
މުއައްސަސާތަކުގައި އިސްކޮށް ތިއްބަވާ ފަރާތްތަކަކީ އެތަނެއްގެ މަސައްކަތްކުރާ މުވަޒަފުންނަށް ފަހި މާހައުލެއް ކަށަވަރުކޮށްދޭންޖެހޭ ފަރާތްތަކެއް

މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތުކުރެވިފައިވާ ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު އާސިމް އިސްތިއުފާ ދެއްވުމަށް ވިމެން އިން މެނޭޖްމަންޓް ( ވިމް ) އިން ގޮވާލައިފިއެވެ.

ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން ވިމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއައްސަސާތަކުގައި އިސްކޮށް ތިއްބަވާ ފަރާތްތަކަކީ އެތަނެއްގެ މަސައްކަތްކުރާ މުވަޒަފުންނަށް ފަހި މާހައުލެއް ކަށަވަރުކޮށްދޭންޖެހޭ ފަރާތްތަކެއް ކަމަށެވެ.

މިނިސްޓަރ އާސިމްގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ކުރެވުމާއި ގުޅިގެން މަޤާމުން އިސްތިއުފާ ދެއްވުމަށް ވިމް އިން ގޮވާލާފައިވާއިރު، ޕީޕީއެމްގެ ރަޖިސްޓްރާ އަދި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ޝަރީފް (މުންދު) ވެސް އާސިމް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިމައްސަލައިގައި އާންމުންގެ އެތަކެއް ބަޔަކު ދަނީ މިނިސްޓަރު އާސިމްއާ ދެކޮޅަށް އަޑު އުފުލާ އެމަޤާމުން އޭނާ ދުރުވާން ޖެހޭ ކަމަށް ބުނަމުންނެވެ.

"މައްސަލައަކީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުންނާއި ފޮރިން މިނިސްޓްރީގެ އެމައްސަލަ ބަލަންޖެހޭ ހާއްސަ ކޮމެޓީއަކުން ބަލާ މައްސަލައަކަށް ވުމާއިއެކު އިންސާފުވެރިކަމާއި، މިނިވަން ތަހުގީގަކާއެކު ކުރިޔަށް ގެންދިޔުމަށްޓަކައި ފޮރިން މިނިސްޓަރ މަގާމުން އިސްތިއުފާ ދެއްވުން، ނުވަތަ ތަހުޤީޤީ މަރުހަލާ ނިމެންދެން މަގާމުން އެއްފަރާތްވުމަކީ ކޮންމެހެން ކުރަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ވިމް އިން ދެކެން"، ބަޔާނުގައިވެއެވެ.

މީގެއިތުރުން އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މިފަދަ މައްސަލަތައް ފަސޭހައިން ބެލި، ފިޔަވަޅު އެޅޭނެ ނިޒާމެއް އޮތުން މުހިންމުކަން ފާހަގަކޮށް، ރާއްޖޭގެ ވަޒީފާގެ ބާޒާރަކީ އަންހެނުންނަށް ރައްކާތެރި އަދި ފުރިހަމަ މިނިވަންކަމާއެކީ މަސައްކަތް ކުރެވޭނެ މާހައުލެއްކަން ކަށަވަރުކޮށްދިނުމަށްވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
10 ނޮވެންބަރ 2018 | ހޮނިހިރު 13:39
ޔަސް
ހިތާވެގެން އުޅެފާ ބައި ގިނަވީމަ މައްސަޅަ ޖެހެނީ