ޕާކިސްތާނުގެ ހަނގުރާމަވެރި ޖާމައަތްތަކަށް އަމާޒުކޮށް 2004 ފެށިގެން މި އަހަރުގެ މިހާ ހިސާބަށް ޑްރޯން ބޭނުންކޮށްގެން އެމެރިކާ އިން ދީފައިވާ ހަމަލާތަކުގައި 2,714 މީހުން މަރުވެ 728 މީހުން ޒަހަމްވެފައިވާ ކަމަށް މިޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އެމެރިކާގެ ސީއައޭ އިން ކުރިޔަށް ގެންދިޔަ މި ހަމަލާތައް ބޮޑަށް އަމާޒުކޮށްފައި ވަނީ އެ ގައުމުގެ ހަނގުރާމަވެރިން ހަރަކާތްތެރިވަމުން ދާ ސަރަހައްދުތަކަށެވެ. ގިނަ ހަމަލާތައް ދީފައި ވަނީ ޕާކިސްތަނުގެ ޕީޕަލްސް ޕާޓީގެ ވެރިކަމުގެ ދުވަސްވަރެވެ.
ޕާކިސްތާނުގެ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް އޮތޯރިޓީއާ ހަވާލާދީ ބައެއް މަސްދަރުތައް ބުނާ ގޮތުގައި 2010 ވަނަ އަހަރު އެމެރިކާ އިން ދިން ހަމަލާތަކުގައި އެކަނި ވެސް 2،282 ހަނގުރާމަވެރިން މަރާލާފައިވާ އިރު ޒަހަމްވެފައިވާ މީހުންގެ އަދަދު އުޅެނީ 600 ވުރެ މަތީގައެވެ. އަދި 2013 އިން 2018 އާ ދެމެދު ހަމަލާތައް މަދުވެފައިވާ ކަން ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. ތާލިބާނުންގެ އިސްވެރިޔާ މުއްލާ އަހްތަރު މަންސޫރު މަރާލެވިފައި ވަނީ ވެސް އެމެރިކާ އިން 2016 ވަނަ އަހަރު ދިން ޑްރޯން ހަމަލާއެއްގައެވެ.
މުއްލާ މަންސޫރުގެ މަރާ ގުޅިގެން ޕާކިސްތާނުގެ ސިފައިންގެ އިސްވެރިޔާ ޖެނެރަލް ރަހީލް ވަނީ އެމެރިކާ އިން ކުރިޔަށް ގެންދަމުންދާ ހަމަލާތައް ހުއްޓަލުމަށް ގޮވާލާފައެވެ. އަދި 2001 އިން ފެށިގެން ދިން ހަމަލާތަކުގައި އާއްމު ރައްޔިތުންގެ ތެރެއިން 19،177 މީހުން މަރުވެ 47،869 މީހުން ޒަހަމްވެފައިވާ ކަމަށް ހަބަރުތައް ލިބެއެވެ.
މި ހަމަލާތައް ދީފައި ވަނީ ގިނަ އުކުޅުތަކެއް ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި ހޭންޑް ގްރެނޭޑް، ރޮކެޓް، މިސައިލް، ބޮންގޮއްވުމުގެ އިތުރުން ހަށިގަނޑުގައި ބޮން ހަރުކޮށްގެން ދީފައިވާ ހަމަލާތައް ހިމެނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެއްވެސް ހަމަލާއެއް ދީފައި ނުވާނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އެކަންޏެވެ.